ވިޔަފާރި

ދ އެއާޕޯޓް ހުޅުވަން ތައްޔާރު، މިމަހު ޓެސްޓް ފްލައިޓް ޖައްސަނީ

Apr 16, 2017
3

ދ. ކުޑަހުވަދޫ ފަޅުން ބައެއް ހިއްކައި ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތަރައްގީކޮށްފައިވާ، ދާލު އެއާޕޯޓަށް މިމަހުގެ ފަހުކޮޅު ޓެސްޓް ފްލައިޓް ޖައްސަން ފަށާނެ ކަމަށް ރިއޯލޯ ގްރޫޕުން ބުނެފި އެވެ.

ރިއޯލޯ ގްރޫޕްގެ ސީއީއޯ މުހައްމަދު ހަލީލް "އަވަސް" ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް ނިމި، މިހާރު ކުރިއަށްދަނީ މަތިންދާ ބޯޓު ޕާކު ކުރާ ސަރަހައްދުގެ މަސައްކަތް ކަމަށެވެ.

"އެއާޕޯޓް އޭޕްރޮންގެ މަސައްކަތް ކުރަނީ. އެހެން މަސައްކަތްތައް ނިމިފައިވަނީ،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓަށް ބޭނުންވާ މުވައްޒަފުންނަގައި، ތަމްރީންކޮށްވެސް ނިމިފައިވާ ކަމަށެވެ.

"އެއާޕޯޓުގައި މަސައްކަތް ކުރާނެ 90 ވަރަށް މީހުން. މީގެ ތެރެއިން 99 ޕަސެންޓަކީ ދިވެހިން،" ހަލީލް ވިދާޅުވި އެވެ.

ދާލު އެއާޕޯޓު ތަރައްގީ ކުރުމުގައި މައިގަނޑު ގޮތެއްގައި ބޮޑު ހޭދައެއް ކޮށްފައިވާނީ ބިން ހިއްކާށެވެ. ރިއޯލޯއިން ބުނީ އެއާޕޯޓް ތަރައްގީ ކުރީ 64 ހެކްޓަރުގެ ބިން ކުޑަހުވަދޫ ފަޅުން ހިއްކައިގެން ކަމަށެވެ. ދާލު އެއާޕޯޓު ހިންގާނީ ދާލު އެއާޕޯޓް ހޯލްޑިން ކުންފުނިންނެވެ. އަދި މި އެއާޕޯޓާއެކު އެ އަތޮޅު ކަނޑިމާގައި 275 ކޮޓަރީގެ ރިސޯޓެއް ހުޅުވަން ވެސް ދަނީ ތައްޔާރުވަމުންނެވެ.