ހަބަރު

ހަ މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ހަ މިލިއަން ރުފިޔާގެ އަގު ހުރި މަސްތުވާތަކެއްޗާ އެކު ދިވެއްސަކާއި ބިދޭސީއެއް ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ. އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ މެނދުރު 2:45 ހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް މޫސާ އަލީ ވިދާޅުވީ އެ ޑިޕާޓްމަންޓަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާ ގުޅިގެން އިއްޔެ ބޮޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި އެގޮތުން މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ދިޔަ ސައިކަލެއް ހުއްޓުވާ ބަލާފާސް ކުރި އިރު އޭގެ ތެރެއިން 100 ޕެކެޓްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ކޯޓު އަމުރެއްގެ ދަށުން ދިވެހި މީހާގެ، ގެ ބަލާ ފާސްކުރި އިރު އެ ގެއިން 26 ޖޫސްޕެޓީ ކޮތަޅުގައި ބަންދު ކޮށްފައިހުރި މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އެ ހުރިހާ ތަކެތީގެ އަގު ގާތްގަނޑަކަށް ހަ މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

"މަގުމަތިން ހައްޔަރު ކުރި އިރު އެ މީހުން އުފުލި ކޮތަޅެއް ތެރޭގައި އޮތް ސިލިކަން ފުޅިއެއް ތެރެއިން މަސްތުވާތަކެތި ހިމެނޭ ގިނަ އަދަދެއްގެ ކުދި ރަބަރު ޕެކެޓު ބަންދުކޮށްފައި ހުއްޓާ އަޅުގަނޑުމެންނަށް ފެނުން. އެ މީހާ ދިރިއުޅޭ ގޭގެ ތެރެއިން ވެސް 26 ޖޫސްޕެޓީ ކޮތަޅުގެ މަސްތުވާތަކެތޮ ފެނުން،" މޫސަ ވިދާޅުވި އެވެ. "އަޅުގަނޑުމެން އެ ތަކެތި ޓެސްޓުކޮށް ލޭބޯޓަރީން ވަގުތީ ނަތީޖާ ލިބުން އިރު އެތަކެތި ހެރޮއިން އަށް ޕޮޒިޓިވްވި،"

މޫސަ ބުނި ގޮތުގައި މި އޮޕަރޭޝަންގެ ތެރެއިން 1.3 ކިލޯ ގްރާމްގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފައިވެ އެވެ. އަދި އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 43 އަހަރުގެ ދިވެއްސަކާއި 26 އަހަރުގެ ބިދޭސީ އެއް ކަމަށާއި އެ ދެ މީހުންގެ މުއްދަތު ޖެހުމަށް ކޯޓަށް ފޮނުވާފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.

މި މައްސަލައާ ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ. ނަމަވެސް މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ދިވެހި މީހަކީ ފުޅާ ދާއިރާއެއްގައި އޭގެ ވިޔަފާރި ކުރާ މީހެއް ކަމަށާއި ނަމަވެސް އެ މީހާއަކީ އެއްވެސް ކުރިމިނަލް ރެކޯޑެއް ނެތް ކަމަށް މޫސަ ވިދާޅުވި އެވެ.