ދުނިޔެ

އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އޮލްމާޓުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުުވެއްޖެ

Mar 30, 2015

އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އިހޫދު އޮލްމާޓުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް އޭނާގެ މައްޗަށް އަލުން މައްސަލަ ހިންގުމުން ސާބިތުވެއްޖެ އެވެ.

ކޮރަޕްޝަންގެ ދައުވާ އޮލްމާޓުގެ މައްޗަށް ކޮށްފައި ވަނީ އެމެރިކާގައި އުޅޭ އޮލްމާޓުގެ ސަޕޯޓަރަކު އޭނާ އަށް ސިޓީއުރަތަކެއް ފުރައި ދިން ފައިސާގައި ހިފި މައްސަލައެއްގަ އެވެ. މި މައްސަލާގައި އޮލްމާޓު ކުށްވެރި ނުވާ ކަމަށް 2012 ވަނަ އަހަރު ނިންމި ނަމަވެސް އޭގެ ފަހުން ވަނީ ވަނީ އޮލްމާޓު އެ ފައިސާ ބޭނުންކުރެއްވި ކަމަށް އިޝާރާތްކުރައްވައި ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކުވެފަ އެވެ. އަލުން ކޯޓުގައި މައްސަލަ ހިންގީ އެ އޯޑިއޯއާ ގުޅިގެންނެވެ.

އިޒްރޭލުގެ ބޮޑުވަޒީރުކަން 2006 އިން 2009 އަށް ކުރައްވާފައިވާ އޮލްމާޓުގެ މައްޗަށް މިދިޔަ އަހަރު ވަނީ ރިޝްވަތު ހިފުމުގެ މައްސަލައެއްގައި ހަ އަހަރަށް ޖަލަށް ލުމަށް ވެސް ހުކުމް ކޮށްފަ އެވެ. އެހެން ކުށެއް ސާބިތުވެފައި މި ވަނީ ކުރީގެ ހުކުމުގެ އިސްތިއުނާފު މަރުހަލާގައި އުޅެނިކޮށެވެ. ވަކީލުން ވިދާޅުވި ފަހުން ސާބިތުވި ކުށް ވެސް އިސްތިއުނާފު ކުރުމާ މެދު ވިސްނަމުންދާ ކަމަށެވެ. --ބީބީސީ