ވިޔަފާރި

އުރީދޫގެ ހިއްސާ ވިއްކުމުގެ މައުލޫމާތު މާދަމާ ރޭ އާންމު ކުރަނީ

Apr 17, 2017

ރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެކޮމް ކުންފުނި އުރީދޫގެ ހިއްސާ އާންމުކޮށް ވިއްކާނެ ތާރީހެއް އިއުލާން ކުރުމަށާއި ހިއްސާ ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ކޮންމެހެން ވެސް ބޭނުންވާނެ ތަފްސީލީ މައުލޫމާތުތަކެއް ދިނުމަށް މާދަމާ ރޭ ހާއްސަ ހަފްލާއެއް ބޭއްވުމަށް އުރިދޫ އިން ނިންމައިފި އެވެ.

އުރީދޫ މޯލްޑިވްސް އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު ނައިޓްގެ ނަމުގައި ބާއްވާ މި ހަފްލާ އޮންނާނީ މާދަމާ ރޭ 8:30 ގައި ދަރުބާރުގޭގަ އެވެ. ޓީވީއެމް އިން ވެސް ވަގުތުން ގެނެސް ދިނުމަށް ހަމަޖެހިފައިވާ މި ހަފްލާގައި އުރީދޫގެ ހިއްސާ އާންމުކޮށް ވިއްކުމާ ބެހޭ މުހިންމު މައުލޫމާތާއި ކުންފުނީގެ މުހިންމު މާލީ މައުލޫމާތު އަދި ކުންފުނިން ކުރިއަށް ރާވާފައިވާ މަޝްރޫއުތަކާއި ކުންފުނީގެ ވިޔަފާރިތަކުގެ މައުލޫމާތުތައް އަދި އެ ކުންފުނިން ހިއްސާ ގަނެގެން ލިބެން ހުރި ފައިދާތަކުގެ މައުލޫމާތު އާންމުކުރާނެ އެވެ.

އެގޮތުން ހިއްސާ ވިއްކާނެ އަގާއި އެންމެ ގިނަ ވެގެން މީހަކަށް ހިއްސާ ގަނެެވޭނެ އަދަދު އަދި ޖުމްލަ ވިއްކާނެ ހިއްސާގެ އަދަދު އާންމު ކުރާނެ އެވެ. އެ މައުލޫމާތު އާއްމުކުރާތާ 14 ދުވަސް ފަހުން އާއްމުކޮށް ހިއްސާ ގަންނަން ހުޅުވާލަން ޖެހޭނެ އެވެ.

ހިއްސާ ގަންނަން ބޭނުންވާ އިންވެސްޓަރުންނަށް ކޮންމެހެން ބޭނުންވާނެ މައުލޫމާތުތައް ހިމަނައިގެން އުރީދޫ އިރުން މިހާރު ވަނީ ރަސްމީ ވެބްސައިޓްގައި ހާއްސަ ސެކްޝަނެއް ވެސް ގާއިމްކޮށްފަ އެވެ.

އުރީދޫގެ ހިއްސާ ވިއްކުމުގެ ގޮތުން ރާއްޖޭގެ ހިއްސާ ބާޒާރުގައި އެ ކުންފުނި ލިސްޓްކޮށް އެކަން އިއުލާން ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު އެވެ. އުރީދޫ އިން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ޖުމްލަ އަގަކީ ނޫނީ ވެލިޔުއަކީ ގާތްގަނޑަކަށް 2.5 ބިލިއަން ޑޮލަރެވެ. އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މުއާސަލާތީ ހިދުމަތް ދިނުމަށް އެ ކުންފުނިން ރާއްޖޭގައި ހޭދަކުރި 10 އަހަރުގެ ތެރޭގައި 250 މިލިއަން ޑޮލަރު ވަނީ އިންވެސްޓްކޮށްފަ އެވެ.

އުރިދޫ އަކީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓްކުރި 10 ވަނަ ކުންފުންޏެވެ. ދުނިޔޭގެ އެތައް ގައުމެއްގައި ހިދުމަތް ދޭ އުރީދޫ ގްރޫޕަށް 2014 ވަނަ އަހަރު ވެސް އާމްދަނީގެ ގޮތުގައި 9.1 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.