ހަބަރު

ރިސޯޓް ހަަދަން ރަށްތައް ދޫކުރުން ވަނީ މަޑުޖައްސާލާފައި: ޒަމީރު

ރާއްޖޭގައި ރިސޯޓްތައް ތަރައްގީކުރަން ރަށްތަށް ކުއްޔަށް ދޫކުރުން މަޑުޖައްސާލާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ފިނޭންޝަލް ޓައިމްސްގެ އެފްޑީއައި އިންޓެލިޖެންސް މަޖައްލާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވެފައި ވަަނީ ޓޫރިޒަމް އަށް ރަށްތައް ދޫކުރުމުގައި ރާއްޖޭން ބަލަނީ ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރާ މިންވަރާ އެއްވަރަށް ޖާގަ އިތުރުކުރުމަށް ކަމަށެވެ.

"މިދިޔަ ތިން އަހަރު އަޅުގަނޑުމެންނަށް ފެނުނު ބައިނަލް އަގުވާމީ ގިނަ އަދަދެއްގެ އިންވެސްޓަރުން އައިތަން. ރަށްތައް ކުއްޔަށް ދޫކުރުން އަޅުގަނޑުމެން މަޑު ޖައްސައިލިން. ކުއްލިއަކަށް ޖާގަ އިތުރުކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ. އެއީ ޓޫރިސްޓުން އަންނަ މިންވަރާ ( ޖާގަ އޮތް މިންވަރާ) ދިމާވާން ޖެހޭތީ،" މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

ޒަމީރު ވިދާޅުވެފައި ވަނީ ރިސޯޓްތައް ތަރައްގީކުރަން ދޫކުރާނެ ރަށްތަކާއި ފަޅުތައް ކަނޑައަޅަނީ ތިމާވެއްޓަށް ކުރާ އަސަރު އެންމެ ކުޑަވާނެ ގޮތަކަށް ވިސްނައިގެން ކަމަށެވެ. ހުރިހާ ރަށަކާއި ފަޅެއްގައި ރިސޯޓް ތަރައްގީ ނުކުރަނީ ތިމާވެއްޓަށް ވިސްނާތީ ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމްގެ އަސްލަކީ ތިމާވެށި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި މިނިސްޓަރު ނެންގެވި ބ އަތޮޅުގެ ބަޔޮސްފިއަ ރިޒާވް އެވެ.

"ރިސޯޓްތައް ކަނޑައެޅުމުގައި އަޅުގަނޑުމެން އައީ ވަރަށް ފަރުވާތެރިވަމުން. އަޅުގަނޑުމެން ބޭނުންވަނީ ކަނޑައަޅާ ރަށްތަކަކީ އެންމެ އެކަށީގެންވާ ތިމާވެއްޓެއް އޮތް ރަށްތައްކަން އަދި އެއީ ދިރުންތަކަށް ކުރާ އަސަރު އެންމެ ކުޑަވާނެ ރަށްތައް ކަން ކަށަވަރުކުރަން. އަޅުގަނޑުމެން ހުރިހާ ރަށްތަކެއް ތަރައްގީއެއް ނުކުރަން. ބައެއް ރަށްތައް މި ބަހައްޓަނީ ރިޒާވްކޮށްފަ. އެގޮތުންބ. އަތޮޅުގައިވާ ޔުނެސްކޯ ބަޔޯސްފިޔާ ރިޒާވްއަކީ ގުދުރަތީ ވެށި ހިމާޔަތް ކުރަން ބައެއް ފަޅުތައް ހިމާޔަތްކޮށްފައިވާ ސަރަހައްދެއް،" ޓޫރިޒަމްގެ ސިނާއަތް ތަރައްގީ ކުރުމާއި ތިމާވެށި ހިމާޔަތް ކުރުމާ ދެކަން އެކު އެކުގައި ރާއްޖޭން ކުރަނީ ކިހިނެތްތޯ ކުރި ސުވާލަަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވެފައި ވެއެވެ.

ދުނިޔެއަށް އަންނަ މާލީ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ކުރާ މިންވަރާ ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ޒަމީރު ވިދާޅުވެފައި ވަނީ ރާއްޖެއަށް އެފަދަ ކަންކަމުގެ އަސަރު ކުރަނީ ކުޑަކޮށް ކަމަށެވެ.