ލައިފްސްޓައިލް

ހަމުގެ މައްސަލަތަކުގެ ހައްލަށް ބޭކިން ސޮޑާ

Apr 19, 2017
6

ބަދިގެއިން އަބަދުވެސް ހުސްނުވެ ހުންނަ އެކައްޗަށް ބޭކިން ސޮޑާ ވާނެ އެވެ. އަދި އެއީ އާންމުކޮށް ދިމާވާ ހަމުގެ މައްސަލަތަކަށް ފަރުވާ ކުރުމަށް ވެސް އެންމެ ފަސޭހައިން ބޭނުންކޮށްލެވޭނެ އެކައްޗެވެ. ބޭކިން ސޮޑާގައި ހިމެނޭ މާއްދާ ތަކުގެ ސަބަބުން ހަން އުޖާލާކޮށް ހަމުގައި ހުންނަ ހަޑިތައް ސާފުކޮށްދެ އެވެ. އަދި ހަމުގެ ޕީއެޗް ލެވެލް ބެލެންސް ކޮށްދީ އާންމުކޮށް ހަމަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދެ އެވެ.
އެގޮތުން މިފަދަ ކަމެއް ވާނަމަ އަޖުމަ ބަލައިލާން މިފަހަރު ބޭކިން ސޮޑާ ބޭނުން ކޮށްލައި ބަލާށެވެ.

ލަކުނު ފިލުވުމަށް

މޫނުގައި ހުންނަ ބިހި ފިލުމަށްފަހު ވެސް ލަކުނު ނުފިލާ އެތައް ދުވަހެއް ވަންދެން ހުރެ އެވެ. އަދި މިއީ ބިހި ފިލި ނަމަވެސް މޫނުމަތީގެ ރީތި ކަމަށް ހުރަސްއެޅޭ އެއްސަބަބަށް ވެއެވެ. ކުޑަ ބޭކިން ސޮޑާ ކޮޅެއްގެ ތެރެއަށް ފެންފޮދެއް އެއްކޮށްލުމަށްފަހު ޕޭސްޓެއް ގޮތަށް ތައްޔާރުކޮށްލާށެވެ. އަދި ތިނެއް ނުވަތަ ހަތަރު މިނެޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. މި މާސްކްގެ ސަބަބުން މޫނުމަތީގައި މަރުވެފައި ހުންނަ ހަންތައް ސާފުކޮށްދޭނެ އެވެ.

ހަން ހިރުވުން

ބޭނުންކުރާ ފޭސް ވޮޝްއެއްގެ ސަބަބުން ނުވަތަ އެހެން ކަމަކާ ހެދި ގައިގެހަން ހިރުވާނަމަ އެކަމަށް ވެސް ހައްލު ހޯދުމަށް ބޭކިން ސޮޑާ ބޭނުންކުރެވިދާނެ އެވެ. ބޭކިން ސޮޑާގައި ހިމެނޭ އެންޓި އިންފްލެމެންޓްރީ ނުވަތަ އެންޓި ބެކްޓީރިއަލް ޕްރޮޕަޓީސްގެ ސަބަބުން ކަހާހިރުވައި ހަދާނަމަ އެކަމަށް ހައްލެއް ލިބެ އެވެ. މިގޮތުން ބޭކިން ސޮޑާގެ ތެރެއަށް ކާށިތެޔޮ ފޮދެއް އެއްކޮށްލުމަށްފަހު ޕޭސްޓެއް ތައްޔާރުކޮށްލާށެވެ. އަދި 5-4 މިނެޓް ފަހުން ދޮވެލާށެވެ. ހަން ހިރުވާ ހަދާނަމަ ދުވާލަކު ދެ ފަހަރު މި މާސްކް ބޭނުން ކުރަންވާނެ އެވެ.

އަވިން އެނދުން

"ޓޭން" ވުމަކީ އަހަރެމެން އެންމެން ވެސް މަޖާ ދަތުރެއް ނިންމާފައި އަންނަ އިރު ދިމާވާ އެއް މައްސަލަ އެވެ. މިގޮތުން ގައިގަ ޓޭންވެފައި ހުންނަ ތަންތަނުގައި މި މާސްކް ބޭނުންކޮށްލާށެވެ. ބޭނުންވާ ވަރަށް ބޭކިންސޮޑާ ތައްޓަކަށް އެޅުމަށްފަހު ފެން ފޮދަކާ ވިނިގާ ފޮދެއް އެއްކޮލާށެވެ. އަދި ތައްޔާރު ކުރި ޕޭސްޓު ޓޭން ވެފައި ހުރި ހިސާބުތަކުގައި އުނގުޅާލާށެވެ. 10-5 މިނެޓް ފަހުން ދޮވެލާށެވެ. މާގަދަޔަށް ޓޭން ވެފައި ހުރިނަމަ ހަފްތާއަކު ދެ ފަހަރު މި މާސްކް ބޭނުން ކުރަންވާނެ އެވެ.

ބްލެކްހެޑްސް

ބޭކިންސޮޑާގައި ހިމެނޭ އެންޓިބެކްޓީރިއަލް އަދި އެންޓިފަންގަލް ޕްރޮޕަޓީސްގެ ސަބަބުން ބްލެކްހެޑްސް ނަގަން މެދުވެރިވާ އިންފެކްޝަންތައް ނައްތާލާ ހަން ސާފުކޮށްލަދެ އެވެ.