ހަބަރު

ވިޝާމްގެ އިސްތިއުނާފް މައްސަލަ އަނބުރާ ގެންދަން ގޮވާލައިފި

ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިޝާމްގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އިސްތިއުނާފް ކޮށްފައިވާތީ އެ މައްސަލަ އަނބުރާ ގެންދިއުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ވިޝާމްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައި ވަނިކޮށް އެ މައްސަލަ އަލުން އިސްތިއުނާފް ކުރުމުން ދޭހަވާކަމަކީ ޕްރޮސެކިއުޓާ ޖެނެރެލްގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް އުޒުރުވެރިވެ ސިޔާސީވެފައިވާކަމަށެވެ. އަދި ވިސާމްއަށް ޖިނާޢީ ދައުވާ އުފުލުމަކީ ޤާނޫނު އަސާސީ އާއި ޕްރޮސެކިއުޓާ ޖެނެރެލްގެ ޤާނޫނުގެ ރޫޙާ ޚިލާފްވުން ކަމަށްވެސް އެ ނޫސް ބަޔާނުގައި ވެއެވެ.

އެމްޑީޕީގެ ނޫސްބަޔާނުގައި އިތުރަށްވަނީ ވަކި ޓީވީ ސްޓޭޝަންތަކަށް އަމާޒުކޮށް ސަރުކާރުން ހިނަގަމުންދާ ޖަރީމާތަކަކީ ރޭވިގެން ހިންގާ ސިޔާސީ ކަމެއްކަމަށާއި ނޫސްވެރިކަން ނެތިކޮށްލުމަށް މިސަރުކާރުން ކުރާކަމެއް ކަމަށެވެ.

ވިޝާމްގެ މައްޗަށް އުފުލާފައިވާ މައްސަލަ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މައްސަލާގައި ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ވީޑިއޯއަކީ ސައްހަ ވީޑިއޯއެއް ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ. ވިޝާމްގެ މަށްޗަށް ދައުލަތުން އުފުލާފައިވާ މައްސަލައަކީ ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އެޅިކަމުގެ ދައުވާ އެވެ