ދުނިޔެ

ޕޮލިހަށް ވަންނަން ދޮގު މައުލޫމާތު ދީގެން އިންޑިއާގައި 1000 މީހުން ހައްޔަރުކޮށްފި

Mar 31, 2015

އިންޑިއާގެ ބިހާރް ސްޓޭޓްގައި ފުލުހުންގެ ވަޒީފާ އަށް ހުޅުވާލި ފުރުސަތެއްގައި، ތިމާގެ އަސްލު އޮޅުވާލައި އެހެން މީހުންގެ ނަމުގައި ކުރިމަތިލައިގެންނާއި ވަގު ޑޮކިއުމަންޓްތައް ހުށަހެޅި ހާހަކަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލަ މީޑިއާގެ ސަމާލުކަމަށް އައިސްފައި މި ވަނީ ބިހާރް ސްޓޭޓްގައި ސެކަންޑަރީ ސްކޫލް އިމްތިހާނު ހަދާ ދަރިވަރުންނަށް ބެލެނިވެރިން ސްކޫލަށް ގޮސް، އިމްތިހާނު ކުރިއަށް ދާއިރު އެހީތެރިވާ މަންޒަރު ފެންނަ ފޮޓޯތަކެއްގެ މައްސަލަ މި މަހުގެ ކުރީކޮޅު ވަރަށް ހޫނުވެފައި ވަނިކޮށެވެ. މި މައްސަލާގައި ވެސް ފަހުން ވަނީ 300 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.

އިންޑިއާގެ މީޑިއާ އިން ބުނާ ގޮތުގައި މިދިޔަ އަހަރު ވަނީ ފުލުހުންގެ ތެރޭގައި ބޭއްވި އިމްތިހާނެއްގައި ވެސް މަކަރު ހަދައިގެން 150 މީހަކު ހައްޔަރުކޮށްފަ އެވެ.

ފުލުހުންގެ ވަޒީފާ އަށް އެދުނު މީހުންގެ ތެރެއިން ދޮގު މައުލޫމާތު ދިން ގިނަ މީހުން ހައްޔަރުކޮށްފައި ވަނީ ފިޒިކަލް ޓެސްޓް ހަދަން ހާޒިރު ކުރުމަށް ފަހުގައި ކަމަށްވެ އެވެ. ގާތްގަނޑަކަށް 12000 މީހުން ވަޒީފާ އަށް ނަގަން ކުރި އިއުލާނާ ގުޅިގެން ފިޒިކަލް ޓެސްޓް ހެދުމާ ހިސާބަށް 52000 މީހަކު ޝަރުތު ހަމަވި އެވެ. – ބީބީސީ