ދުނިޔެ

ސިންގަޕޫރުގެ ބާނީ އަށް ފާޑުކިޔުމުން 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

Mar 31, 2015
1

ސިންގަޕޫރުގެ ބާނީ ލީ ކުއާން ޔޫ އަވަހާރަވުމާ ގުޅިގެން މުޅި ގައުމުގައި ހިތާމަ ފާޅުކުރަމުން ދަނިކޮށް ލީ އާއި ކްރިސްޓިއަނުންނަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި 17 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފި އެވެ.

އާމޯސް ޔީ ނަމަކަށް ކިޔާ މި ކުއްޖާ ހައްޔަރުކޮށްފައި ވަނީ ލީގެ ޖަނާޒާ ބޭއްވި، އާދީއްތަ ދުވަހު އެވެ.

ވީޑިއޯއެއްގެ ގޮތުގައި އާންމުކުރި، ލީ އަށް ނިސްބަތްކޮށްފައިވާ ވާހަކަތަކާ ގުޅިގެން އާމޮސް ހައްޔަރުކުރީ އެ ވީޑިއޯއާ ގުޅިގެން ފުލުހުންނަށް އާންމުންގެ 20 ރިޕޯޓެއް ލިބުމަށް ފަހުގަ އެވެ.

އާމޮސްގެ އަށް މިނެޓްގެ ވީޑިއޯގައި، ލީ އަވަހާރަވުމާ ގުޅިގެން އުފާ ފާޅުކޮށްފައިވެ އެވެ. އަދި ލީ ގެންގުޅުއްވި ހަރުކަށި ސިޔާސަތުތައް ކުށްވެރިކޮށް ވާހަކަ ދައްކާފައިވެ އެވެ. އަދި ކްރިސްޓިއަނުންނަށް ވެސް އެއްޗެހި ކިޔާފައިވެ އެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހު އުމުރުން 91 އަހަރުގެ ލީ އަވަހާރަވުމާ ގުޅިގެން މުޅި ގައުމުގައި ހިތާމަ ފާޅުކުރި ދަނޑިވަޅު އާންމުކުރި ވީޑިއޯގެ މައްސަލާގައި ގިނަ ބަޔަކު ވަނީ ރުޅިގަދަވެފަ އެވެ. އެއާ އެކު އާމޮސް ފަހުން ވަނީ އެ ވީޑިއޯ ޔޫޓިއުބުން ނަގައިފަ އެވެ.

ސިންގަޕޫރަކީ މީހުންގެ އަބުރާ ބެހުމާއި ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ދެއްކުން ފަދަ ކަންކަމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ގައުމެކެވެ. --ބީބީސީ