ލައިފްސްޓައިލް

ވަރަށް ހޫނު، ވަރަށް ބޮޑަށް ސަމާލުވާތި!

Apr 20, 2017
6

އަހަރުގެ މިދުވަސް ކޮޅަކީ އަބަދުވެސް ހޫނު ދުވަސްކޮޅެކެވެ. ހާއްސަކޮށް އޭޝިއާއަށް މިއީ ވަރަށް ހޫނު ދުވަސްކޮޅެކެވެ. މާލޭގައި މާފަންނުން ހެންވޭރަށް ސައިކަލުގައި އަންނައިރު ވެސް ހުންނާނީ އެނބުރުން އަރާވަރުވެފަ އެވެ. މެޓު އޮފީހުން ބުނި ގޮތުގައި މި ދުވަސްކޮޅު މާލޭގެ ހޫނުމިން 33 ޑިގްރީ ސެލްސިއަސް އަށް ހޫނު ގަދަވެ އެވެ.

މާލޭގެ ހޫނިމިން މިވަރުގައި ހުރިއިރު އަހަރެމެންގެ އާންމު ސިއްހަތަށް ވެސް ކޮންމެހެން ވެސް މިދުވަސް ކޮޅު ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ. ހާއްސަކޮށް ދުވާލު މެންދުރު ވަގުތު ކޮންމެހެން ނުކުންނަން ޖެހިގެން ނޫންގޮތަށް ނުނިކުމެވޭތޯ ބަލަންޖެހެ އެވެ. އަދި ކުޑަކުދިން މިވަގުތު ތަކުގައި ބޭރަށް ނުނެރެވޭތޯ ބަލަންވާނެ އެވެ. މީގެ އިތުރުން ވެސް ބަނޑުހައިކޮށް ހުރެ އަވީގައި ގިނަ ވަގުތު ބޮޑެތި މީހުން ވެސް ނޫޅެވޭތޯ ބަލަންވާނެ އެވެ. ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ވެސް ސަން ލޯޝަނެއް ބޭނުން ކުރަން އާދަކުރަން ޖެހެ އެވެ.

ހޫނު ދުވަސްވަރު ގައިން ފެން ބޭރުވާ ވަރު އިތުރުވާނެތީ ދުވާލަކު މަދުވެގެން 10 ތަށި ފެންބޯން އާދަކުރުމަކީ ހަށިގަނޑު ޑީހައިޑްރޭޓް ވިޔަނުދީ ބެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ.

ބޭރުގައި އުޅޭ ވަގުތުތަކުގައި ގަޔަށް ދޫ ހެދުމާއި އަވިއައިނާއި ތޮފި ބޭނުން ކުރަން ޖެހެ އެވެ. މިއީ އަވިން ރައްކާތެރިވުމަށް ކުރެވިދާނެ ކަމެކެވެ.

ކުޑަކުދިންގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ރާހުލް ނަގްޕާލް ވިދާޅުވާ ގޮތުގައި ހޫނު ދުވަސްވަރު ކުޑަކުދިން ޑީހައިޑްރޭޓް ވުމާއި ހޮޑުލުމުގެ އިތުރުން ތަފާތު ހަމުގެ މައްސަލަތައް ކުރިމަތިވެ އެވެ. މިފަދަ ހޫނު ދުވަސްތަކުގައި ބޮޑެތި މީހުންނެކޭ އެއްގޮތަށް ކުޑަކުދިންނަށް ވެސް ގިނައިން ފެން ދޭންޖެހެ އެވެ. ހާއްސަކޮށް ހަ މަހުން ދަށުގެ ގާތުންދޭ ކުދިންނަށް އަވަސް އަވަހަށް ގާތުން ދިނުމަށް ރާހުލް ނަގްޕާލް އިރުޝާދު ދެއްވަ އެވެ. އަދި ގާތުންދޭ މައިން ވެސް ފެންމަދުވިޔަނުދިނުމުގެ ގޮތުން ގިނަގިނައިން ދިޔާ އެއްޗެހި ބޯން އާދަކުރަންޖެހެ އެވެ.

ކުޑަކުދިން ފެންވަރުވާއިރު ވެސް ކަރުދަށާއި ކިހިލިފަތްދޮށް ރަނގަޅަށް ސައިބޯނި ލައިގެން ދޮށްވަން ވާނެ އެވެ. މިއީ އެކުދިން އެންމެ ގިނައިން ދާހިއްލާ ތަންތަނެވެ. އަދި ފެންވެރުވުމުގެ ކުރިން ބޮޑު އާވި ފޮދަކާއި ނީމް ތެޔޮ ފޮދެއް އެއްކޮށްލުމަށްފަހު ދަރިފުޅު މަސާޖުކޮށްލުމަކީ ވެސް މިފަދަ ދުވަސްވަރަކަށް ރަނގަޅު ކަމެކެވެ. އަދި މަސާޖު ކުރުމަށްފަހު ރަނގަޅަށް ފެންވަރުވަން ވާނެ އެވެ.

މީގެއިތުރުން ވެސް ކުދިން ބޭރަށް ނެރޭއިރު ވެސް ހޫނު މަޑު ފޮތީގެ ގަޔަށް ދޫ ހެދުމެއް ލައްވަން އާދަކުރާށެވެ.

ކުޑަކުދިންނެކޭ އެއްގޮތަށް އަހަރެމެން ބޮޑެތި މީހުން ވެސް މިފަދަ ހޫނު ދުވަސްވަރު އާންމު ސިއްހަތަށް ހާއްސަ ސަމާލުކަން ދޭން އާދަކުރަންވާނެ. ހާއްސަކޮށް މިފަދަ ދުވަސް ވަރެއްގައި ގިނައިން ދިޔާ އެއްޗެހި ބޯން ހުރިހާ އުމުރެއްގެ މީހުން ވެސް އާދަކުރާށެވެ.