ގެސްޓް ހައުސް ވިޔަފާރި

ގެސްޓްހައުސްތައް ކުރިއެރުވަން ޖީއޭއެމް އާއި އީޒީ އެއްބަސްވެއްޖެ

ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތައް އިތުރަށް ކުރިއަރުވައި ތަރައްގި ކުރަން ގެސްޓް ހައުސް އެސޯސިއޭޝަން މޯލްޑިވްސް (ޖީއޭއެމް) އާއި އީޒީ ޓެކްނޯސިސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މާބުލް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އްބަސްވުމުގައި، ޖީއެމްއޭގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ ރައީސް އަހުމަދު ކަރަމް އެވެ. އީޒީ ޓެކްނޯސިސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޯފައުންޑާ ވިޕުލް އަރުންކުމާރު ކަޕޫރު އެވެ.

ޖީއޭއެމް އިން ބުނީ މި އެއްބަސްވުމަކީ، ރާއްޖޭގައި އަޅާ ގެސްޓްހައުސްތަކަށް ދިމާވާ މައްސަލަަތައް ފަސޭހަ ކަމާއެކު ހައްލުކުރާނެ މަގެއް ފަހި ކުރަން ވީ އެއްބަސްވުމެއް ކަމަށާއި އެއްބަސްވުމާއެކު އީޒީ ކުންފުނިން މިކަމަށް ބޭނުންވާ ސޮފްޓްވެއާތައް ހެޔޮ އަގުތަކެއްގައި ފޯރުކޮށްދޭނެ ކަމަށެވެ.

އީޒީ ޓެކްނޯސިސް އަކީ، ދުނިޔޭގެ ގިނަ ގައުމުތަކަކަށް މިފަދަ ސޮފްޓްވެއާތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. އަދި 2011 އިން ފެށިގެން ރާއްޖޭގެ ގެސްޓްހައުސްތަކަށް ވެސް އެކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދެއެވެ.