ވިޔަފާރި

ގައުމީ ބޭންކްގެ ފައިދާ މިދިޔަ އަހަރު 61 ޕަސެންޓް އިތުރުވެއްޖެ

Apr 20, 2017
2
  • ޓެކުހަށް ކެނޑުމަށްފަހު ފައިދާ އެއް ބިލިއަނަށްވުރެ މަތި
  • އުމްރާނީ ތަރައްގީއަށް 150 މިލިއަން ރުފިޔާ ހޭދަ ކުރި
  • ހިއްސާއަކަށް 20ރ. 18 ޕަސެންޓް އިތުރު އަދަދެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާ 61 ޕަސެންޓް އިތުރުވެއްޖެ އެވެ.

ބީއެމްއެލް އިން އާއްމުކުރި މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ޓެކްސްއަށް ކެނޑުމަށްފަހު ލިބުނު އާމްދަނީ ވަނީ އެެއް ބިލިއަން ރުފިޔާއަށްވުރެ މަތީގަ އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 61 ޕަސެންޓުގެ ކުރިއެރުމެކެވެ.

ބީއެމްއެލް އިން ބުނީ ލޯނު ދޫކުރެވުނު ނިސްބަތް އިތުރުވުމާއެކު އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ ނުވަ އަށް ދަށްކުރެވިފައިވާ ކަމަށާއި، ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމް ކުރާ ވަރަށް ވުރެ މަތީ މިންވަރެއްގައި ހިފަހެއްޓިފައިވާ ކަމަށެވެ.

"މި ނަތީޖާ އާ އެކު ބޭންކުން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ޖުމްލަ 108 މިލިއަން [ހިއްސާއަކަށް 20 ރުފިޔާ] ހުށަހަޅާފަ އެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު 18 ޕަސެންޓް އިތުރު އަދަދެކެވެ،" ބީއެމްއެލްއިން ބުނެފައިވެ އެވެ.

ބޭންކުން މިހާރު ވެސް ދަނީ ބޭންކަށް ލިބޭ ފައިދާ އަނބުރާ ދިވެހި މުޖުތަމައަށް އިންވެސްޓްކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން 2016 ވަނަ އަހަރު، ޚިދުމަތްތައް ފުޅާކުރުމަށާއި، އުމްރާނީ ތަރައްގީއަށާއި މުޖުތަމައުއަށް އެހީތެރިވެދެން ހިންގާ ހަރަކާތްތަކަށް 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެއެވެ. ހާއްސަކޮށް ހަތަރު ބްރާންޗާއި 10 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަލަށް ގާއިމްކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވަނީ އިންވެސްޓްމަންޓްތައް ކުރިޔަށް ގެންދަވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

" ދެހާސް ސޯޅަވަނަ ވަނަ އަހަރަކީ އަޅުގަނޑުމެންނަށް މާލީ ގޮތުން އެންމެ ފައިދާކުރި އަހަރަށް ވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، މިކަމުގެ ހުރިހާ ޝުކުރެއް ހައްގުވަނީ އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުންނަށާއި އަޅުގަނޑުމެންނަށް ވަރަށް އިހުލާސްތެރިކަމާއެކު އެއްބާރުލުން ދެއްވި 270،000 ކަސްޓަމަރުންނަށް،" ހީލީ ވިދާޅުވި އެވެ.

"އަދި ހަމަ އެއާއެކު އަޅުގަނޑުމެން ޚިދުމަތް ފޯރުކޮށްދޭ ރައްޔިތުންނަށާއި ވިޔަފާރިތަކާއި މުޖުތަމަޢުތަކަށް އެހީވުމަށް މިހާތަނަށް ނުކުރާ ވަރުގެ ބޮޑު އިންވެސްޓްމަންޓެއް 2016 ވަނަ އަހަރުކޮށްފައިވާކަން ވެސް ފާހަގަކުރަން. މިދިޔަ އަހަރު މާލީ ގޮތުން ލިބުނު ކުރިއެރުމާއެކު އަދި ޚާއްސަކޮށް ލޯނު ދޫކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވުމަކީ 2017 ވަނަ އަހަރު ގިނަ އިންވެސްޓްމަންޓްތަކެއް ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް. މިއަހަރު އަޅުގަނޑުމެންގެ އިންވެސްޓްމަންޓް ދެގުނަކޮށް ޖުމްލަ 300 މިލިއަން ރުފިޔާ އިންވެސްޓްކުރުމަށް މިވަނީ ނިންމާފައި. އަދި މި މަރުހަލާތަކުގެ ތެރޭގައި އިތުރު 150 ވަޒީފާ އުފެދިގެންދާނެ."

އެންޑްރޫ އިތުރަށް ވިދާޅުވީ މި އަހަރުތެރޭ އަޅުގަނޑުމެންގެ ގިނަ ބްރާންޗްތަކާއި، ސެލްފް ސާވިސް ބޭންކިންގ ސެންޓަރުތަކާއި ބިޒްނަސް ސެންޓަރތަކެއް ހުޅުވިގެންދާނެ. މިކަމުގެ ފައިދާ ރާއްޖޭގެ ތަފާތު 22 ރަށަކަށް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ދިވެހި މުޖުތަމައުތަކަށް އެހީވުން އިތުރުކުރުމުގެ ގޮތުން މުޖުތަމައަށް ދެމެހެއްޓެނިވި ފައިދާ ކުރާނެ، ތައުލީމާއި ކުޅިވަރު އަދި ތިމާވެއްޓާ ގުޅޭ 10 ސީއެސްއާރު ޕްރޮޖެކްޓް އަލަށް ފަށާނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ކާމިޔާބީއާ މެދު ވާހަކަ ދައްކަވަމުން ބޭންކްގެ ޗެއާޕާސަން ފަރީހާ ޝަރީފް ވިދާޅުވީ ފާއިތުވި އަހަރު އަޅުގަނޑުމެންވާނީ ރާއްޖޭގެ އާބާދީ ބޮޑެތި ސަރަހައްދުތަކާ ދުރު ރަށްރަށަށް ޚިދުމަތް ފޯރުކޮށްދެވޭނެ ފެންވަރުގެ "ނިއު ސްޓައިލް" ބްރާންޗްތަކެއް ގާއިމްކޮށް، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބީއެމްއެލްގެ ބްރާންޗްތައް ގާއިމްކުރުމުގެ ލަނޑުދަނޑި ހާސިލްކޮށްފައިވާ ކަމަށެވެ. މިގޮތުން 34 ބްރާންޗާއި، 85 އޭޓީއެމް، 4000 ޕޮއިންޓް އޮފް ސޭލް މާޗެންޓުން، 200 ކޭޝް އެޖެންޓުން އަދި 27 ސެލްފް ސާވިސް ބޭންކިން ސެންޓަރު ގާއިމް ކޮށްފައިވާކަން ޗެއާޕާސަން ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު ވަރަށް ފަޚުރުވެރިކަމާއެކު ފާހަގަކޮށްލަން ބޭނުން 2016 ވަނަ އަހަރަކީ ބޭންކުގެ އެންމެ ކާމިޔާބު އަހަރުކަން. އަދި ޖެހިޖެހިގެން ހަތަރުވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ރެކޯޑް އަދަދެއް، ބޯޑުން ހުށަހަޅަން ލިބުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން އަޒުމްކަނޑައަޅާފައި މިވަނީ މިކާމިޔާބު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް. އަދި އެކަން ހާސިލްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" ފަރީހާ ވިދާޅުވި އެވެ.