އަވަސް ވީކެންޑް

މޭން އޮފް ކާޑްސް: ދިވެހި ބޭންކުގެ އުފެއްދުމެއް!

Apr 21, 2017
9

މީގެ ސޯޅަ އަހަރު ކުރީގެ ވާހަކަ އެކެވެ. ސްކޫލް ނިންމުމަށްފަހު މި ޒުވާނާ ރަށްރަށުގެ ގިނަ ކުދިންނެކޭ އެއް ގޮތަށް ދިޔައީ މަހަށެވެ. ބައްޕައާއެކު މަހަށް ނުގެންދިޔަ ނަމަވެސް ބައްޕަގެ ގައިގައި އެލިގަނެގެން މަސްވެރިއެއްގެ ގޮތުގައި އުޅުނެވެ. ޅައުމުރުގައި މަސްވެރިކަމުގެ ގިނަ ހުނަރުތައް ނަގައިގެންފި އެވެ. ދޮށިއަޅަން އެނގެ އެވެ. އެން އުކަން ދަނެ އެވެ. މަސް ބޭނި އެވެ. ނަމަވެސް ތަގުދީރުގެ އެނބުރާލުން މުޅިން ތަފާތެވެ. އޭނާގެ ދިރިއުޅުން ބަދަލުވީ އެވެ. މިއަދު މިއީ ދިވެހިންގެ ގައުމީ ބޭންކުގެ ކާޑު ސާވިސް ޑިޕާޓްމަންޓުގެ އެންމެ އިސް މަގާމުގައި ހުންނެވި އަބްދުލް ޢަލީމް ޢަބްދުލް ޣަފޫރެވެ. އޭނާ ދިރިއުޅުމުގެ ދަތުރައިގެން ފަށަމާ ހިނގާށެވެ.

"އާމްދަނީ ހޯދުމަށް އެންމެ ފުރަތަމަ ދިޔައީ މަހަށް. އެއީ އޯލެވެލް ހަދާފަ ނަތީޖާ ލިބުމާ ދެމެދު އޮތް ހުސް ދުވަސްވަރު. ރަށްފުށުގެ ދިރިއުޅުން އޭރު ބައްޓަންވެފައި އޮންނަ ގޮތުން ގިނަ ޒުވާނުން ދަނީ މަހަށް. އަޅުގަނޑަށް ވެސް އޭރު ވިސްނުނީ މަސްވެރި ކަމަކީ ދިރިއުޅުމަށް ކުރަންވީ އެންމެ ރަނގަޅު މަސައްކަތް ކަމަށް. އެ މަސައްކަތް ގޯހެއްވެސް ނޫން އެހެންކަމުން ނިންމީ ބައްޕައާ އެއްގޮތަށް ދާނީ މަހަށޭ،" ޢަލީމްއަށް ފުރަތަމަ އާމްދަނީ ލިބުނު ވަޒީފާގެ ވާހަކަ ވިދާޅުވެ ދެއްވި އެވެ.

މަހަށް ވަޑައިގެންނެވި ނަމަވެސް އެއީ 2001 ވަނަ އަހަރު ލަންޑަން ޖީސީއީ އޯލަވެލްގައި ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު ދަރިވަރެކެވެ. އޭނާ ތައުލީމް ހާސިލް ކުރެއްވި ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ "ބެސްޓް އޯލް ރައުންޑް" އެވެ. މިއަދު ވެސް އޭނާ އެންމެ ފަހުރުވެރިވާ ތައުލީމީ ހިޔަލަކީ އެ މަރުކަޒެވެ. ދިރިއުޅުމުގެ މިސްރާބް ސީދާކޮށް ކާމިޔާބު މީހަކަށް ވުމަށް ބިންގާ އަޅައިދިނީ އެ މަރުކަޒުން ކަމަށްވާތީ އެވެ.

މަސްވެރިކަމަށް މަޝްހޫރު ލ. މާމެންދޫ އަށް އުފަން އަލީމް އޭގެ ފަހުން މާލެ ވަޑައިގެންނެވީ އޭލެވެލް ހަދާށެވެ. އެއްވެސް މަސައްކަތެއް ނުކޮށް ހުންނަވަން ބޭނުންނުވާތީ ފުރަތަމަ މަހަށް ވަޑައިގެންނެވި ފަދައިން އޭލެވެލްގެ ދުވަސްވަރުވެސް ލިބި ވަޑައިގެންނެވި ހުސްވަގުތު ބޭކާރު ނުކުރައްވާ ވަޒީފާ އަށް ވަޑައިގަތެވެ. މި ފަހަރު ވަޒީފާއަކަށް ވަޑައިގެންނެވީ ފޮޓޯކޮޕީ ނަގާ ތަނަކަށެވެ. އެތަނުގައި އަދާކުރެއްވި ޕާޓްޓައިމް ވަޒީފާއިން މަހަކު 1500 ރުފިޔާ ލިބި ވަޑައިގެންނެވި އެވެ.

"ފޮޓޯ ކޮޕީ ނަގާތަނެއްގައި އޭރު އުޅުނީ. އަޅުގަނޑުގެ ހުރިހާ ހަރަދުތަކެއްހެންވެސް ބައްޕަމެން ހަމަޖައްސަވައިދެއްވާ. އެކަމަކު މާލެތެރޭގައި ކަމެއް ނެތި އުޅެން ބޭނުން ނުވާތީ އެ ތަނަށް ވަނީ." ޢަލީމް ވިދާޅުވި އެވެ.

ދެން އޮތީ ޢަލީމްގެ މިހާރުގެ ވަޒީފާ އަށް، ދިވެހި ބޭންކަށް ވަދެވަޑައިގެންނެވުނު ގޮތުގެ ވާހަކަ އެވެ. މިހާރު އޭނާ ބޭންކުން ފެނުނަސް އެންމެ ފުރަތަމަ އޭނާ ވަޒީފާއަކަށް އެދި ހުށަހެޅީ ސަރުކާރުގެ އިދާރާއަކަށެވެ. ނަމަވެސް ދިމާވި "ކްލެރިކަލް އެރަ" އަކުން އެ ވަޒީފާ ލިބިވަޑައެއް ނުގަތެވެ. އެހެން ހުންނަވަނިކޮށް ބޭންކުގެ ވަޒީފާ އިއުލާނެއް ފެނި ވަޑައިގެން ވަޒީފާއަށް ކުރިމަތިލެއްވީ އެއްގޮތަކަށްވެސް ކާމިޔާބުވާނެ ކަމަށް ބައްލަވައިގެންނެއް ނޫނެވެ.

""ޔަގީނުން ވެސް ވަޒީފާ ލިބޭނެ ކަމަށް ހީކޮށް [ސަރުކާރުގެ] އެ އިދާރާ އަށް ވަޒީފާ އަށް އެދި ހުށަހެޅީ. އެކަމަކު އެތަނުން އަޅުގަނޑުގެ ފޯން ނަންބަރު އެންޓަކުރި އިރު އެއް ނަންބަރު ނުބައިކޮށް އެންޓާ ކުރެވިގެން އަޅުގަނޑާ ނުގުޅި ދިޔައީ. އެހެންކަމުން އެ ވަޒީފާ ނުލިބި ދިޔައީ. އެކަމާ ވަރަށް ދެރަވި. އެހެން ހުރެފަ، ބޭންކުގެ ވަޒީފާއަށް އެދި ހުށަހެޅީ. ބުނެވިދާނެ ބޭންކަށް ވަދެވުނީ އިއްތިފާގަކުންނޭ." ޢަލީމް ވިދާޅުވި އެވެ.

ޢަލީމް އެންމެ ފުރަތަމަ ބޭންކުގައި ވަޒީފާ އަދާ ކުރެއްވީ ބޭންކުގެ، ކާޑު ސެންޓަރުގެ އެސިސްޓެންޓެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ ބޭންކާއެކު އެޅުއްވި ފުރަތަމަ ފިޔަވަޅުން ފެށިގެން މިހާ ހިސާބަށްކުރެއްވި ދަތުރުގައި އެންމެ މުހިންމު ދައުރެއް އަދާކޮށް ދެއްވީ ބޭންކުގެ މިހާރުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފެވެ.

"ކާޑު ސެންޓަރުގައި ކުރީ ވަރަށް ތަފާތު ތަޖުރިބާ އެއް. ކާޑު ސެންޓަރުގެ އެކައުންޓިން އެންޑް ރިކޮންސިލިއުއޭޝަން އަކީ ވަރަށް ތަފާތު އަދި އެހާމެ އުނދަގޫ މަސައްކަތެއް،" އަލީމް ވިދާޅުވިއެވެ.

ބޭންކުގައި 12 އަހަރު ހޭދަކުރައްވާފައިވާ އަލީމް އަށް ބޭންކުގައި އޭނާ ހޭދަކުރެއްވި ފުރަތަމަ ދުވަހުގެ ހަނދާންތައް ދުވަހަކުވެސް ދޫކޮށެއް ނުލެއްވޭނެ އެވެ. ފުރަތަމަ ދުވަހު އޮފީސް ނިމުނީ ހެނދުނު ވަޑައިގެންނެވި ގޮތަށް ރޭގަނޑު ދަންވަރު 12:00 ޖެހިއިރު އެވެ. އެކަންވީ މުޅިން ތަފާތު ތަޖުރިބާ އަކަށެވެ.

"ވަޒީފާގެ ފުރަތަމަ ދުވަސްކޮޅު ހުންނާނެ މަންމަމެންނަށް ގުޅާފަ މިތަނަކު [ބޭންކް އޮފް މޯލްޑިވްސް] އަކު ނޫޅެވޭނެއޭ ކިޔާފަ. އެކަމަކު ބައްޕަ ވިދާޅުވީ މަޑުކުރާށޭ. އަދި ރަނގަޅުވާނެއޭ. އެކަމަކު ފުރަތަމަ ދުވަހު ބޭންކުން ނުކުމެގެން ދިޔައީ އެނބުރި ނާންނަ ގޮތަށް. އަސްލު ނަމްބާސްއަކާ ނުކުޅެވޭނެ އެހާ ގިނައިރަކު. ސިކުނޑި ހުންނަނީ ވަރަށް ބޮޑަށް ވަރުބަލިވެފަ. އަނެއް ކޮޅުން އެހާ ގިނަ ވަގުތުވީމަ މުޅި މީހާ ވެސް ހުންނަނީ ބަލިވެފައި،" ބޭންކުގެ ފުރަތަމަ ދުވަހުގެ ތަޖުރިބާ ހިއްސާ ކުރަމުން އަލީމް ވިދާޅުވި އެވެ.

އެހެން ނަމަވެސް އަލީމް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި އެވެ. އާއްމުކޮށް ބޭންކުގައި ވަރަށް ގިނަ ވަގުތު ހޭދަ ކުރައްވައެވެ. މާލޭގައި ހުންނަވާނަމަ ހަފްތާގެ ކޮންމެ ދުވަހަކީވެސް ޢަލީމް އޮފީހަށް ނުކުންނަވާ ދުވަސްތަކެވެ. ހުކުރު، ހޮނިހިރު، އީދު އަދި އަހަރު ފެށޭ ދުވަހަކީވެސް އޭނާގެ މަސައްކަތު ދުވަސްތަކެވެ. އޭނާގެ "އޮފީސް ލައިފް" އަށް ބަދަލު އައީ ބޭންކުގެ އިސްވެރިންގެ ކިބައިން ހިތްވަރު ލިބިގެންނެވެ. ހާއްސަކޮށް ބޭންކުގެ މިހާރުގެ ޓެކްނޮލޮޖީ ޑައިރެކްޓަރު އަދްލީ އަޙްމަދު ދީދީ އާއި ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފްގެ ނަން އޭނާ ފާހަގަ ކުރައްވަ އެވެ. ފަހަތުން ޢަލީމަށް ކޮންމެ ކަމެއްގައި ވެސް ހިތްވަރު ލައި ދޭން ހުންނެވީ އޭނާގެ އަނބިކަނބަލުންނެވެ.

" މި [ބޭންކް] ގައި އަޅުގަނޑުގެ ފެމެލީގެ އެއްބައި މިއޮތީ. އަޅުގަނޑު ބުނާނީ އަޅުގަނޑަކީ ބޭންކުން ކްރިއޭޓް ކުރި މީހެކޭ. މި ތަނަށް އައިއިރު އެއްވެސް އެއްޗެއް ނޭނގޭ. ކަރުދާހުގައި ކުރަހައިގެން އަޅުގަނޑުމެންނަށް މަސައްކަތްތައް ދަސްކޮށް ދިނީ މިހާރުގެ ޑެޕިއުޓީ ސީއީއޯ. ބޭންކުން އަޅުގަނޑަށް ކިޔަވައި ދިނީވެސް ފުލީ ސްޕޮންސާޑް ކޯހެއްގައި. މިހުރިހާ ކަމަކަށް ބަލާފަ ބުނެވޭނީ އަޅުގަނޑަކީ ބޭންކުން އުފެއްދި ޕްރޮޑަކްޓެކޭ." އެކައުންޓިން ބޭންކިން އެންޑް ފައިނޭންސް ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އަލީމް ވިދާޅުވި އެވެ.

އޭނާ ންމެ މުހިންމުކަމެއްގެ ގޮތުގައި ބައްލަވަނީ ވަޒީފާ އަށް ކަމޭ ހިތުމެވެ. ރާއްޖޭގައި ބޭނުންކުރާ އިންޓަނޭޝަނަލް ކާޑުތަކާއި ބީއެމްއެލްގެ ކާޑުތަކުން ދުވާލެއްގެ މައްޗަށް ހަދާ އެތައް ހާސް ޓްރާންސްސެކްޝަންތަކުގެ ޕްރޮސެސް ފުރިހަމަ ކުރުމަކީ ވެސް އޭނާ ކުރައްވާ ބުރަ މަސައްކަތެކެވެ. މި މަސައްކަތުގައި އަލީމަށް ބޭންކުގެ ކޮންމެ ދުވަހަކީވެސް ތަފާތު ދުވަހެކެވެ. ކާޑުގެ މުއާމަލާތްތަކާ ގުޅުންހުރި ހުރިހާ މަސައްކަތެއްގެ އެންމެ އިސް ޒިންމާއެއް އަދާކުރައްވަ އެވެ. ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު އަދި ގިފްޓް ކާޑުގެ އިތުރުން ޕްރިޕެއިޑް ކާޑު ދޫކުރުމުގެ މަސައްކަތްތައް ކުރަނީ ޢަލީމްގެ ޓީމުންނެވެ.

ދުނިޔޭގެ މަޝްހޫރު ކާޑު ބްރޭންޑްތައް ކަމަށްވާ އެމެރިކަން އެކްސްޕްރެސް އާއި ވިސާ އަދި މާސްޓަ ކާޑު އަދި ޔޫނިއަންޕޭގެ އިތުރުން ޑައިނަސް އެންޑް ޑިސްކަވާ ފަދަ ކާޑު އެސޯސިއޭޝަންތަކާއި ދިވެހި ބޭންކާ އޮންނަ ގުޅުން ބަދަހިކޮށް އެތަންތަނުން ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް ރާއްޖޭގައި ކާޑުގެ ހިދުމަތް ދެނީ ވެސް އަލީމްގެ ޓީމުންނެވެ. ދެ ލައްކަ އައްޑިހަ ހާހަށްވުރެ ގިނަ ކާޑުން ކަސްޓަމަރުންނަށް ހިދުމަތްދެމުން ދަނީ ވެސް ނުހަނު އުފަލާއެކުގަ އެވެ.

މުޅި ދުނިޔެއަށް ބަލާލާއިރު ވެސް ޓެކްނޮލޮޖީގެ ގޮތުން ބޭންކިން ސިނާއަތް ދަނީ ފުޅާވެ ކުރިއެރުން ހޯދަމުންނެވެ. ޢަލީމްގެ ވެސް ހުވަފެނަކީ ކުރިއަރާފައިވާ ގައުމުތަކުގެ ބޭންކުތަކާ އެއް ހަމައެއްގައި ދިވެހިންގެ ބޭންކުން ހިދުމަތް ގެންދެވުމެވެ. ދިވެހި އަސްދަނޑިން ބޭރަށް ހިދުމަތް ފުޅާކުރެވި ދިވެހި ބޭންކަކީ ބައިނަލްއަގްވާމީ ފެންވަރުގެ ބޭންކަކަށް ހެއްދެވުމެވެ.

އޭނާ ޒުވާނުންނަށް ދެއްވަން ބޭނުންފުޅުވާ ވާ ވަރަށް ޚާއްސަ މެސެޖެއް އެބައޮތެވެ.

"ދިރިއުޅުމުގައި ދިމާވާ އަޑިގަނޑަކާ ހެދި ކުރިމަގުގެ އުއްމީދު ކަނޑާނުލާށޭ. އަމިއްލަ ނަފްސަށް ވެސް އިހްތިރާމްކޮށް، ކޮންމެ ކަމެއްގައިވެސް އިޚްލާސްތެރިވުމަކީ ވަރަށް މުހިންމުކަމެއް. މީގެ އިތުރުން ހިތްވަރާއެކު މަސައްކަތްކުރުން ވެސް އެހާމެ މުހިންމު."