ރިޕޯޓް

ވަންދޫ ތުނޑި: ޓޫރިޒަމާއި އިހުޒަމާން ގުޅުވައިލަނީ

Apr 22, 2017
6

އަހަރެމެންގެ ރަން ޒަމާނަކީ އިހު ޒަމާން ކަމަށް ބުނެ އުޅެ އެވެ. އެ ޒަމާނުގެ ރީތި އާދަތަކާއި ހިތް ގައިމު ދިރިއުޅުން މި އަދަދު ނުފެނެ އެވެ. ނަމަވެސް ތ. ވަންދޫއިން އެކަން ދައްކާލައިފި އެވެ. ވަންދޫ މީހުން މިކަމަށް ތައްޔާރުކުރީ ހާއްސަ މައިޒާނެކެވެ. އެއީ ވަންދޫ "މަރިޔާދު ތުނޑި" އެވެ. އެރަށު ރައްޔިތު ކުދިބޮޑު އެންމެ ނުކުމެ ކުރި މަސައްކަތާއެކު، މިހާރުގެ އަމާޒަކީ އެ ތުނޑީއާ ލޯކަލް ޓޫރިޒަމް ގުޅުވައިލުމެވެ.

"މިހާރު ދެން އޮތް މަސައްކަތަކީ އިހުޒަމާނުގެ ސިފަތައް މިހާރު ފެންނާނެ ގޮތް ހެދުން. އެކަމަށް މި ތައްޔާރު ކުރެވުނީ ހާއްސަ ތަނެއް،" ވަންދޫ ތުނޑި ހެދުމުގެ މަސައްކަތުގައި އެންމެ ފުރަތަމަ އިސްނެގި، ޒުވާނުންގެ ގައުމީ އިނާމު އެންމެ ފަހުން ލިބިލެއްވި ހަސަން ޝިޔާމު ވިދާޅުވި އެވެ.

ވަންދޫ ތުނޑީގައި ތައްޔާރުކުރި މަރިޔާދު ތުނޑި މިހާރު ވަނީ ހުޅުވާފަ އެވެ. މިތަން ހުޅުއްވައި ދެއްވީ ޕްރޮފެސަރު ހަސަން އުގެއިލް އެވެ. އެތަން ހާއްސަކޮށްފައިވަނީ މާލޭގެ ރަސްފަނުން ފަދައިން މީހުން އަރާމުކޮށްލަން ތިބޭނެ ހާއްސަތަނެއް ހިމެނޭ ގޮތަށެވެ. މިތަނުގައި ޖޯލިފައްޗާއި ހޮޅުއަށި ފަދަ ތަންތަން ހަދާފައި ހުރެ އެވެ.

އާބާދީގައި 400 މީހުން ދިރިއުޅޭ ވަންދޫގެ ތުނޑީގައި މަރިޔާދެއް ހެދުމުގައި ފިރިހެނުންނެކޭ އެއް ސަފެއްގައި އަންހެނުން ވެސް މަސައްކަތް ކުރެ އެވެ. އަދި އެ ތަން ތަރައްގީ ކުރީ ރަށުން ލިބެން ހުރި އެއްޗިހީގެ ބޭނުން ހިފައިގެންނެވެ.

ވަންދޫ ރައްޔިތުން މި މަސައްކަތް ތުނޑި ހެދުމަކުން ހުއްޓާލަނީ އެއް ނޫނެވެ. ދެން އޮތީ އެންމެ މުހިންމު ބައެވެ. ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ތުނޑިގައި މޫދު ކޮޓަރިތަކެއް ވެސް އަޅާނެ އެވެ. އެވެސް އެންމެ އިހުޒަމާނުގެ ގޮތުގަ އެވެ. އެތަނުގައި އެއާ ކޯނެއް ނުހުންނާނެ އެވެ. އެކަމަކު ފަރުމާކުރަނީ ސާފު ވައި ލިބޭ ގޮތަށެވެ. މޫދުގައި ހަދާ މިތަނަށް ދާން އަރަން ޖެހޭނީ ކަނބާފައި ދާ ކުޑަ ބޮއްކުރާ އަކަށެވެ. މި މޫދު ކޮޓަރިތަކުގައި ފާހާނާ ހުންނާނެ އެވެ. މީހުން މަޑުކޮށްލައި ހެދޭނެ ޖާގަ އޮންނާނެ އެވެ. ނިދަން ބޭނުން މީހަކަށް ރޯނުފުރި އެނދު ނުވަތަ އަރާމު އެނދެއް ހުންނާނެ އެވެ.

މިރަށުގެ ރައްޔިތުންގެ ބޭނުންވަނީ މިތަނަކީ ރަށަށް މަންފާ ލިބޭނެ ތަނަކަށް ހެދުމެވެ. އެހެންވެ މިހާރުގެ ވިސްނުމަކީ މިތަނަށް އަންނަ މީހުންގެ އަތުން "ޑޮލަރުން އާމްދަނީ" ހޯދުމެވެ. މިތަން ލޯކަލް ޓޫރިޒަމާ ގުޅުވައިލުމެވެ.