ހަބަރު

ފިޔޯރީ އިންޖީނުގޭގައި ރޯވެ މުވައްޒަފަކު މަރުވެއްޖެ

Apr 21, 2017
9

ގދ. ފިޔޯރީ އިންޖީނު ގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަނުގެ މުވައްޒަފަކު މަރުވެއްޖެ އެވެ. އެ ހާދިސާ ހިނގީ މިއަދު ހުކުރު ވަގުތު އެވެ.

ހާދިސާގައި މަރުވެފައި ވަނީ، އިންޖީނުގެ ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ އެ ރަށު ޗިޗަންޑާގޭ، ނާޒިދް އަބްދުﷲ، 26 އެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ އެ ރަށު ސިއްހީ މަރުކަޒުގައި ބާއްވައިފަ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި މުޅި ރަށުން ކަރަންޓް ކެނޑުނީ އެންމެން ހުކުރަށް ތިއްބަ އެވެ. ހުކުރުން ފައިބައިގެން ގޮސް ބެލިއިރު އިންޖީނު ގޭގައި އަލިފާން ރޯވެ ނާޒިދު ވަރަށް ބޮޑަށް އޮތީ ފިހިފަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފަ އެވެ.

ފެނަކައިގެ ޑެޕިއުޓީ ޑިރެކްޓަރު ހިއުމަން ރިސޯސް އިދުރީސް އަބްދުﷲ ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގަން ދިމާވީ އެ ރަށަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ 250 ކިލޯވޮޓްގެ ޖަނަރޭޓަރަށް ގުޅާފައިވާ ބެޓެރި ސެޓް ގޮވައިގެން ކަމަށެވެ. އެ ހާދިސާގައި އިންޖީނަށް ގުޅާފައި ހުރި މައި ކޭބަލްތައް އަނދައި އިންޖީނު ރޫމްގެ ދޮރާއި އެހެން ވެސް ބައެއް ތަންތަނަށް ގެއްލުންވެފައިވާ ކަމަށް އިދުރީސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބެޓެރި ސެޓް ގޮވަން ޖެހުނު ސަބަބެއް އަދި ނޭނގޭ ކަމަށެވެ. އަދި އެ ހާދިސާ ހިނގި ވަގުތު ޑިއުޓީއަށް ހުރި ހަމަ އެކަނި މުވައްޒަފު ނާޒިދް މަރުވެފައި އޮއްވާ ފެނުނީ ބެޓެރިސެޓް ކައިރީގައި ކަމަށާއި އޭނާ މަރުވީ އެ ހާދިސާ ހިނގުމުން އަލުން ކަރަންޓް ދިނުމަށް މަސައްކަތް ކުރަނިކޮށް ކަމަށް ބެލެވޭ ކަމަށް ވެސް އިދުރީސް ވިދާޅުވި އެވެ.

އެ ހާދިސާގެ ތަހުގީގު ކުރުމަށް މިހާރު ފުލުހުންނާ ވަނީ ހަވާލުކޮށްފަ އެވެ.

އިދުރީސް ވިދާޅުވީ މިވަގުތު މުޅި ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ އަތޮޅު ތިނަދޫގައި ތިބި ޓެކްނީޝަނުން ބޭނުންވާ ސާމާނާ އެކު ފިޔޮރީއަށް މިހާރު ދަތުރުފަށާފައިވާ ކަމަށް އިދުރީސް ވިދާޅުވި އެވެ. މިއަދު އިރުއޮއްސުމުގެ ކުރިން މައްސަލަ ރަނގަޅުކޮށް މުޅި ރަށަށް ކަރަންޓް ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.