ގއ. ވިލިނގިލި

ވިލިނގިލި ސަރުކާރާއެކު އޮތްކަން ހާމަކުރަން ވެހިކަލް ބުރެއް

Apr 21, 2017
2

ގއ. ވިލިނގިއްޔަކީ ވަކި މީހެކަށް ތާއީދުކުރާ ރައްޔިތުންތަކެއް ތިބި ރަށެއް ނޫންކަން ހާމަކުރުމަށާއި އެ ރަށު ރައްޔިތުން ތިބީ ސަރުކާރުން ގެނެސްދޭ ތަރައްގީއާއެކުކަން ހާމަ ކުރުމަށް ވެހިކަލް ބުރެއް މިއަދު ބާއްވައިފި އެވެ.

މި ވެހިކަލް ބުރު ބާއްވާފައިވަނީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ސަރުކާރަށް ތާއީދުކުރެއްވުން ހުއްޓާލައްވައި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފައި ވަނިކޮށެވެ. އަދި، ސައުދަށް ތާއީދުކޮށް ސަރުކާރަށް ފާޑުކިޔައި ނިމިދިޔަ ހަފުތާ ތެރޭ އެ ރަށުގައި ހިނގާލުމެއް ބާއްވާފައި ވަނިކޮށެވެ.

މިއަދުގެ ވެހިކަލް ބުރު އިންތިޒާމް ކުރުމުގައި އިސްވެ އުޅުނު އޮފިޝަލަކު ވިދާޅުވީ، މިއަދުގެ ވެހިކަލް ބުރުގައި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން 600 އަށްވުރެ ގިނަ ރައްޔިތުން ބައިވެރިވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ވެހިކަލް ބުރަކީ މެންބަރު ސައުދު މިހާރު ކުރައްވަމުންދާ މަސައްކަތްތަކާއި ދައްކަވަމުން ގެންދަވާ ވާހަކަތަކާ އިދިކޮޅު ހެދުމުގެ ބޭއްވި ވެހިކަލް ބުރެއް ކަމަށެވެ. އަދި، ވަޒީފާ އާއި ނުފޫޒު ފޯރުވައިގެން އެއްވެސް މީހަކު ވަޒީފާއިން ނުކަނޑާކަން ހާމަކުރަން ބޭއްވި ހަރަކާތެއް ކަމަށެވެ.

މިހާރު ސައުދު ކުރައްވަމުން ގެންދަވާ މަސައްކަތަށް ރަށުގެ ގިނަ ރައްޔިތުން ދެކޮޅު ކަމަށާއި އެރަށަކީ ވަކި މީހެއްގެ ތާއީދު އޮތް ރަށެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެ ރަށުގެ ރައްޔިތުން ބޭނުން ވަނީ ރައީސް އަބްދުﷲ ޔާމީން ގެނެސްދެއްވާ ތަރައްގީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ،