ހަބަރު

ދެ ދުވަހަށް ފަހު ފިޔޯރީ އަށް ކަރަންޓް ދީފި

ގދ. ފިޔޯރީގެ އިންޖީނު ގޭގައި މިދިޔަ ހުކުރު ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އަށްފަހު، މިއަދު އެރަށަށް ވަގުތީ ގޮތުން އަލުން ކަރަންޓްގް ހިދުމަތް ދީފި އެވެ.

ފެނަކަ ކޯޕަރޭޝަން އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެ ރަށަށް އަލުން ކަރަންޓް ދިނީ ގއ. ދެއްވަދޫ އިން 180 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ގެނެސް ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަދި ދެއްވަދޫއިން ގެނައި އިންޖީނު އިންސްޓޯލް ކޮށްފައިވަނީ އަލިފާނުގެ ހާދިސާ ހިނގި އިންޖީނު ގޭގެ އަސްކަނި ދަށުގައި ކަމަށް ވެސް ފެނަކައިން އިން ބުންޏެވެ.

ފިޔޯރީ ރައްޔިތުން ކުރިން ހަދާފައިހުރި އިންޖީނުގެ އަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ދާއިމީ ގޮތެއްގައި އެރަށަށް ކަރަންޓް ފޯރުކޮށް ދިނުމަށް ފެނަކައިގެ އިންޖިނިއަރުން މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ބުންޏެވެ. އަދި އަލުން ކޭބަލް އަޅައި އިންޖީނުގެ މަރާމާތު ކުރުމަށް ފަހު އެ ރަށަށް ދާއިމީ ކަރަންޓް ދޭން އަދި މަހެއްހާ ދުވަސް ނަގާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

ފިޔޯރީގައި މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އިންޖީނުގޭގެ ޑިއުޓީގައި ހުރި އެތަނުގެ ޓެކްނީޝަން އެ ރަށު ޗިޗަންޑާގޭ، ނާޒިދް އަބްދުﷲ، 26 ވަނީ މަރުވެފަ އެވެ.