ހަބަރު

މެގަ މޯލްޑިވްސްގެ ހިއްސާ ގަތުމުގެ ޝައުގެއް ނެތް: އެއްލައިދޫ މަނިކު

ރާއްޖޭގެ އެއާލައިނެއް ކަމަށްވާ، މެގަ މޯލްޑިވްސްގެ އެއްވެސް މިންވަރެއްގެ ހިއްސާއެއް ގަތުމުގެ ޝައުގުވެރިކަން ނެތް ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މަނިކު، އެއްލައިދޫ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ނަސަންދުރަ ހޮޓަލްގެ މަޝްރޫއު ވެސް ހިންގަވާ އެއްލައިދޫ މަނިކު، މެގަ މޯލްޑިވްސްގެ 51 ޕަސެންޓް ހިއްސާ ބައްލަވައިގަންނަވަން ނިންމަވާފައިވާ ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ.

އެކަމާ ގުޅިގެން "އަވަސް" އިން މިއަދު ކުރި ސުވާލެއްގެ ޖަވާބުގައި މަނިކު ވިދާޅުވީ، މެގަ މޯލްޑިވްސްގެ އެއްވެސް މިންވަރެއްގެ ހިއްސާއެއް ބައްލަވައިގެންފައި ނުވާނެ ކަމަށާއި އަދި އެ އެއާލައިންގެ ހިއްސާ ކުރިއަށް އޮތްތަނުގައި ގަތުމުގެ ޝައުުގުވެރިކަމެއް ވެސް ނެތް ކަމަށެވެ. އަދި ހިއްސާ ގަންނަން ނިންމެވި ކަމަށް ބުނާ ވާހަކަތައް ވެސް ދޮގު ކުރައްވަމުން މަނިކު ވިދާޅުވީ އެފަދަ ވާހަކަތަކެއް ފަތުރަނީ މުޅިން އެހެން މަގުސަދުތަކެއް ހާސިލް ކުރަން ބޭނުންވާ ބަޔަކު ކަމަށެވެ.

މެގަ މޯލްޑިވްސްގެ ހިއްސާ ގަންނާނެ އިންވެސްޓަރުންތަކެއް ހޯދުމަށް އެ ކުންފުނިން އެކި ފަރާތްތަކާ އެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ. މިފަހުން އެ އެއާލައިނަށް ވަނީ ބޮޑެތި މާލީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އެ އެއާލައިން އަކީ އެމެރިކާގެ ވިޔަފާރިވެރިއެއް ކަމަށްވާ، ޖޯޖް ވެއިންމަންގެ 49 ޕަސެންޓް ހިއްސާއާއި ޑިރެކްޓަރު އޮފް ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމެންޓް މިފްޒާލް އަހުމަދު އަދި ވައިސް ޕްރެޒިޑެންޓް އެޑްމިނިސްޓްރޭޝަން އެންޑް ލީގަލް އެފެއާސް މިޒްނާ އަހުމަދުގެ 51 ޕަސެންޓް ހިއްސާ އޮންނަ އެއާލައިނެކެވެ.

އެ އެއާލައިނުން މިފަހުން ނެރުނު ބަޔާނެއްގައި ވެސް ބުނެފައި ވަނީ އެއްވެސް ބަޔަކަށް ހިއްސާ ވިއްކުމަށް އަދި ނިންމާފައި ނެތް ކަމަށާއި އެހެން ނަމަވެސް ކުންފުނި ރިސްޓްރަކްޗާ ކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ. އަދި ހިއްސާ ވިއްކާ ނަމަ އެކަން ކުރާނީ އާންމުކޮށް އިއުލާންކޮށްގެން ކަމަށް ވެސް އެ އެއާލައިނުން ބުނެފައިވެ އެވެ.