ބޮލީވުޑް

ރަޖްނީކާންތްގެ "2.0" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފި

Apr 23, 2017

މިއީ ހަމަ ޔަގީނުންވެސް ތަމަޅަ ސުޕަސްޓާ ރަޖްނިކާންތްގެ ފިލްމަކަށް އިންތިޒާރުކުރަމުން އަންނަ ފަރާތްތަކަށް ހިތާމަވެރި ހަބަރެކެވެ.

ރަޖްނީކާންތްގެ ކުރިއަށް އޮތް ފިލްމު، "2.0" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ފިލްމުގެ އެއް ޕްރޮޑިއުސަރު ވަނީ ބުނެފަ އެވެ.

އެސް ޝަންކަރްގެ 2010 ވަނަ އަހަރު ނިކުތް "އެންތްރިއަން" ގެ ދެވަނަ ބައިގެ ގޮތުގައި ނެރޭ "2.0" އާމިރް ޚާންގެ "ސުޕަސްޓާ" އާއި އަޖޭ ދޭވްގަންގެ "ގޯލްމާލް އެގެއިން" އާ އެއްދުވަހެއްގައި ރިލީޒްކުރަން ހަމަޖެހިފައި އޮތުމަށްފަހު އެންމެފަހުން މިވަނީ ރިލީޒްކުރާ ދުވަސް އަންނަ އަހަރަށް ލަސްކޮށްފަ އެވެ.

އިންޑިއާގައި ފާހަގަކުރާ އެންމެ ބޮޑު އެއް ފެސްޓިވަލް ކަމަށްވާ "ދިވާލީ" އާ ދިމާކޮށް މި ދެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައި އޮތް ނަމަވެސް އާމިރްގެ "ސުޕަސްޓާ" އާއި އަޖޭގެ "ގޯލްމާލް އެގެއިން" އާ ކުރިމަތިލުމަކަށް ނުދާންވެގެން "2.0" ރިލީޒްކުރުން ލަސްކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ދުވަހަށެވެ.

މި ފިލްމު ރިލީޒްކުރުން ލަސްކުރުމާ ގުޅިގެން ފިލްމުގެ ޕްރޮޑިއުސަރު، ލައިކާ ޕްރޮޑަކްޝަންގެ ސީއޯއޯ ރާޖޫ މަހަލިންގަމް ކުރި ޓްވީޓެއްގައި ވަނީ "2.0" ރިލީޒްކުރުން ލަސްކޮށްފައިވަނީ ފިލްމުގެ ވީއެފްއެކްސްގެ ފެންވަރު ރަނގަޅުކުރަން ވަގުތު ބޭނުންވާތީ ކަމަށް ބުނެފަ އެވެ.

މި ފިލްމަކީ އިންޑިއާގެ ފިލްމީ ތާރީހުގައި ވެސް އުފައްދާ އެންމެ އަގުބޮޑު ފިލްމެވެ. ޖުމްލަ 450 ކްރޯޑް ވަނީ ފިލްމު އުފެއްދުމަށް ހަރަދުވެފަ އެވެ.

"2.0" ގެ ނުބައިބައި ރޯލަކުން އެކްޓަރު އަކްޝޭ ކުމާރު ފެނިގެންދާނެ އެވެ. މި ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ އެމީ ޖެކްސަން އެވެ.