ހަބަރު

ސިފައިންނަށް "ނޮން ޕްރެކްޓިސް އެލަވަންސް" ދެނީ

Apr 23, 2017
11

"ނޮން ޕްރެކްޓިސް އެލަވަންސް" ގެ ގޮތުގައި އިތުރު އެލަވަންސެއް ދިނުމަށް ނިންމަވާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅު ވެއްޖެ އެވެ.

ސިފައިންގެ 125 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ނޮން ޕްރެކްޓިސް އެލަވަންސް މުރާޖާކޮށް ގެނައި ބަދަލުތަކާއެކު ޑޮކްޓަރުގެ ސެޓްފިކެޓް ހުށައެޅުމުން ސަލާމުގެ ޗުއްޓީގައި ތިބޭ ހުރިހާ އެންމެނަށާއި އާއިލާ ޒިންމާގައި ތިބޭ މީހުންނާއި މުސާރާގެ ދެބައިކުޅަ އެއްބައި ލިބޭ މީހުންގެ އިތުރުން ވިހެއުމުގެ ޗުއްޓީގައި ތިބޭ މީހުންނަށް މި އެލަވަންސް ލިބިގެންދާނެ ކަމަށެވެ.

އަދި މީގެ އިތުރުން ދަރިއަކު ލިބުމުން ޗުއްޓީ ނަގާ މީހުންނާއި ދަރިން ހިތާނު ކުރުމަށް ޗުއްޓީ ނަގާ މީހުންނާއި ހައްޖު ލީވް ނަގާ މީހުންގެ އިތުރުން ޕެއިޑް ލީވް އަށް ވެސް އެ އެލަވަންސް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސިފައިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން ސިފްކޯއިން ހުޅުމާލޭގައި އަޅާ އިމާރާތުގެ ކޮންކުރީޓް މަސައްކަތް މިއަހަރު ނިމިގެންދާނެ ކަމަށެވެ. އަދި މިއަންނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ތިން ބްލޮކުގެ އިމަރާތް ބޭނުން ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސެނެހިޔާގެ މަސައްކަތް އިތުރަށް ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ނަތީޖާ ސިފައިންނަށް ވަރަށް އަވަހަށް ފެނިގެންދާނެ" މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އަގުވަޒަން ކުރުމުގެ ގޮތުން 176 ފަރާތަކަށް ކޮމަންޑޭޝަން ލެޓާ އެރުވި އެވެ. އަދި 34 ފަރާތަކަށް ހަދާނީ ލިޔުމުގެ އިތުރުން 19 ފަރާތަކަށް ހަދާނީ ފިލާ އަރުވާފައި ވެއެވެ.