ބޮލީވުޑް

ސޮނާކްޝީގެ "ނޫރް" ގެ ތަރުހީބު ހައިރާންވާހާ ދަށް

Apr 23, 2017

ބަތަލާ ސޮނާކްޝީ ސިންހާ ޓައިޓަލް ރޯލުން ފެނިގެންދާ "ނޫރް" ހުކުރު ދުވަހު ރިލީޒްކޮށްފައިވާއިރު، ފިލްމު ޕްރޮމޯޓްކުރުމަށް ސޮނާކްޝީއާ ޓީމުން ކުރި މަސައްކަތް މިވަނީ ފެނަށް ގޮސްފަ އެވެ.

މި ފިލްމަށް ފުރަތަމަ ދުވަހު ބެލުންތެރިންގެ ފަރާތުން ލިބިފައިވަނީ ވަރަށް ފިނި ތަރުހީބެކެވެ. ފުރަތަމަ ދުވަހުގެ އާމްދަނީ ވަރަށް ދަށްއިރު، ލިބިފައިވަނީ އެންމެ 1.54 ކްރޯޑެވެ.

މި ފިލްމަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީ ހިއްސާކުރަމުން ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ވަނީ 1.54 ކްރޯޑަކީ މިފަދަ ފިލްމަކަށް ލިބެން ވަރަށް ދަށް އާމްދަނީއެއް ކަމަށެވެ. އަދި މި ހަފްތާ ބަންދުގައި ފިލްމުގެ ވިޔަފާރި ވަރަށް ބޮޑުތަން ރަނގަޅުވެގެން ނޫނީ ފިލްމަށް ކާމިޔާބެއް ލިބުނު އެއީ ވަރަށް ދުރުގައި އޮތް ކަމެއް ކަމަށް ބުނެފަ އެވެ.

މިއަހަރުގެ މިހާތަނަށް ރިލީޒްކުރި ވުމަން އޮރިއެންޓެޑް ފިލްމުތަކާ އަޅާބަލާއިރު ވެސް "ނޫރް" އަށް ލިބިފައިވަނީ ވަރަށް ދަށް އާމްދަނީ އެވެ.

ސުނިލް ސިޕީ ޑައިރެކްޓްކޮށްފައިވާ މިފިލްމު ވަނީ އިންޑިއާގެ 1450 ސްކްރީނެއްގައި ހުކުރު ދުވަހުން ފެށިގެން ދައްކަން ފަށާފަ އެވެ. އަދި ފިލްމަށް ލިބެމުން އަންނަ ތަރުހީބު ވަރަށް ކުޑައިރު، ހުކުރު ދުވަހުގެ ހެނދުނުގެ ޝޯތައް ފުލްވެފައިވަނީ އެންމެ 10 އިންސައްތަ އެވެ. އަދި ރޭގަނޑުގެ ޝޯތަކަށް ވެސް ހެނދުނާ އަޅާބަލާއިރު މާ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެއްނުވެ އެވެ.

މިފިލްމަށް ފިލްމް ކްރިޓިކްސް ވެސް އިންތިހާ އަށް ފާޑުކިޔާފައިވާއިރު، ކްރިޓިކްސް އިން ވަނީ ސޮނާކްޝީ މިިފިލްމުގައި ފެނިގެންދަނީ ނޫސްވެރިއެއްގެ ރޯލުން ކަމަށްވީއިރު، ފިލްމުގައި އެއްވެސް ވަރަށް އޭނާގެ ކެރެކްޓާގެ ފަރާތުން ޕްރޮފެޝަނަލް ކަމެއް ފެނިގެންދާ ނުދާ ކަމަށާއި އެއީ ފިލްމުގައި ފެނިގެންދިޔަ ވަރަށް އަންޕްރޮފެޝަނަލް ކަމެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި މި ފިލްމު އުފައްދާފައިވަނީ ނޫސްވެރިކަން އެއްވެސް ވަރަކަށް ނޭނގޭ ބަޔަކު ކަމަށްވެސް ވަނީ ބުނެފަ އެވެ. އެވްރެކްޖްކޮށް ސޮނާކްޝީގެ އެކްޓިން މޮޅު ކަމަށް ކްރިޓިކްސް އިން ވަނީ ފާހަގަކޮށްފަ އެވެ.

"ނޫރް" އަކީ ޕާކިސްތާނުގެ ނޫސްވެރިޔާ އަދި ލިޔުންތެރިޔާ ސަބާ އިމްތިއާޒް 2014 ވަނަ އަހަރު ލިޔެފައިވާ ކޮމެޑީ ތްރިލާ ވާހަކަ، "ކަރާޗީ، ޔޫއާ ކިލިން މީ" އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ސޮނާކްޝީ ފެނިގެންދާނީ އިންޑިއާގެ މުމްބާއީގައި ދިރިއުޅޭ ޒުވާން ނޫސްވެރިއެއްގެ ރޯލުންނެވެ.

މި ފިލްމުގައި ފެނިގެންދަނީ ޒުވާން އަންހެން ކުއްޖަކަށް މުޖުތަމައުގެ ތެރޭގައި ދިމާވާ ފުރައްސާރަ ކުރުންތަކާއި އަމިއްލަ މީހާ އަކީ ވަރަށް ފަލަ މީހެއްގެ ގޮތުގައި ދެކި އަދި ދިރިއުޅުމާ މެދު ފޫހިވެ ރަނގަޅު ބައިވެރިޔަކު ހޯދުމަށް މަސައްކަތްކުރާ ނޫރް ކިޔާ އަންހެން ކުއްޖެއްގެ ވާހަކަ އެވެ. ނޫސްވެރިއެއްގެ ގޮތުގައި ނޫރަކީ އަބަދުވެސް ވަރަށް ކުދި ހަބަރުތައް ކަވަރުކުރާ ނޫސްވެރިއެކެވެ. ނަމަވެސް އޭނާގެ ނަން ވިދާލާފަދަ މޮޅު ހަބަރެއް ހޯދައި އެންމެ މޮޅު ރިޕޯޓްލިޔާ ނޫސްވެރިޔާގެ އެވޯޑް ހޯދުމަށް ކުރާ މަސައްކަތުގައި އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެންދާ ގޮތް "ނޫރް" ގައި ފެނިގެންދާނެ އެވެ.

ސޮނާކްޝީގެ އިތުރުން މުހިންމު ރޯލަކުން ޕޫރަބް ކޮލީ މިފިލްމުގައި ފެނިގެންދާނެ އެވެ.

ސޮނާކްޝީގެ އެންމެފަހުން ރިލީޒްވި ފިލްމު "އާކީރާ" އަށް ފުރަތަމަ ދުވަހު ލިބިފައިވަނީ އެހާ ރަނގަޅު އާމްދަނީއެއް ނޫނެވެ.