ހަބަރު

ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި ދެ މީހަކު ހައްޔަރު ކޮށްފި

ވިލިމާލޭގައި ރޭ ފުލުހަކު ބޭނުން ކުރަމުން ދިޔަ ސައިކަލުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހެއްގެ ސައިކަލުގައި ރޯކޮށްލިކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 1:14 އެހާކަށް ހާއިރު ކަމަށެވެ. އަދި ރޯކޮށްލާފައި ވަނީ ވިލިމާލެ ފުލުހަކު ބޭނުން ކުރާ ބެޓެރީ ސައިކަލެއްގައި ކަމަށާއި، ރޯކޮށްލި ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހަކު މިހާރު ހައްޔަރު ކޮށްފައިވާ ކަމަށާއި، މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުން ބުންޏެވެ. އެ ދެމީހުންނާއި ބެހޭ އެއްވެސް މައުލުމާތެއް ފުލުހުން ނުދެ އެވެ.