ހަބަރު

ގާސިމްގެ ޝަރީއަތް ހިންގަން ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފި

Apr 23, 2017
2

ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފި އެވެ. އަދި އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ވެސް އެ ބެންޗުން މިއަދު ނިންމެވި އެވެ. އެ ބެންޗްގެ ރިޔާސަތު ބަލަހައްޓަވަނީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ ބާރީ އެވެ. ދެން ތިއްބަވަނީ ގާޒީ އާދަމް އަރީފާއި ގާޒީ އަހުމަދު ޝަކީލެވެ.

ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ގޮޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ. މީގެ އިތުރުން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އެނާގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގަށް ފުލުހުން ވަނީ ގާސިމް ހައްޔަރު ވެސް ކޮށްފަ އެވެ. މިއަދުގެ ޝަރިއަތުގެ މަޖިިލީހުގައި ގާސިމް ވަނީ އެ ދައުވާތަކަށް އިންކާރުކުރައްވައިފަ އެވެ.

މިއަދުގެ ޝަރީއަތް ފެށުމާއެކު ގާސިމްގެ ވަކީލުން ވަނީ އިޖުރާއީ ނުކުތާތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން އެ ކުށަކަށް ތިން ދައުވާއެއް އުފުލުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ، ގާސިމަށް އެއް ކުށެއްގައި ތިން ދައުވާ ނުއުފުލޭނެ ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ. އެކަމުގެ ރައްދުގައި ދައުލަތުން ބުނީ، އެއް ކުށަކަށް ދެ ފަހަރަށް އަދަބު ނުދެވޭނެ ކަމަށާއި ނަމަވެސް އެގޮތަށް ދައުވާ ކުރުމުގެ ފުރުސަތު ގާނޫނުލްއުގޫބާތުގެ ދަށުން ލިބިދޭ ކަމަށެވެ. އަދި، އެކަންކަމަށް ރިއާޔަތް ކުރުމަކީ ކުށް ސާބިތުވެއްޖެ ނަމަ އަދަބު ކަނޑައެޅުމުގެ މަރުހަލާގައި އޮންނަ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުގެ އެ ޖަވާބާ ގުޅިގެން ބެންޗުން ނިންމެވީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. ދިފާއީ ވަކީލުން އެކަމުގައި އިތުރަށް ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އެދުމުން ވެސް އެ ފުރުސަތެއް ނުދިނެވެ.

ގާސިމަށް ކުރާ ދައުވާތަކަށް އިންކާރުކުރާ ކަމަށް ވިދާޅުވަމުން ގާސިމްގެ ވަކީލް ހިސާން ހުސެއިން ވިދާޅުވީ، ރިޝްވަތު ދެއްވުމަށް ގާސިމް އެއްވެސް އަމަލެއް ހިންގަވާފައިނުވާ ކަމަށެވެ. ހިސާން ވިދާޅުވީ، ޖަލްސާގައި ގާސިމް ވާހަކަ ދެއްކި ކަމަށް އެމަނިކުފާނު އިންކާރު ނުކުރައްވާ ކަމަށާއި ނަމަވެސް ދައުވާގައި ބުނާ އިބާރާތް ވިދާޅުވިކަން އެނގޭނީ އޭގެ ރިކޯޑިން އަޑުއެހުމަށްފަހު ކަމަށެވެ.

ހިސާން އެހެން ވިދާޅުވުމުން ގާސިމްގެ ވާހަކައިގެ ރިކޯޑިން އަޑުއަހައި އެއަށް ފުރިހަމައަށް ޖަވާބުދާރީވުމަށް ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފުރުސަތު ދެއްވާފަ އެވެ.

ގާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ދިމާކޮށް ގާސިމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެމަނިކުފާނު ވަނީ މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެންބަރުންނަށް ދެވަނަ ދައުރެއް ހޯދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި ހުރިހާ ގޮތަކުން ވެސް އެހީވެދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ގާސިމް މިހާރު ބަންދުކޮށްފައި ހުރީ ސަރުކާރު ވައްޓާލަށް ރާވާކަމުގެ ތުހުމަތުގައި ފުލުހުން ތަހުގީގު ކުރާ މައްސަލައިގައި ފުލުހުންގެ ހައްޔަރުގަ އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.