ހަބަރު

އިންސާފުވެރި ހުކުމެއް އަތުވެދާނެ ކަމާމެދު ޝައްކު: ގާސިމް

އަދުލުވެ އިންސާފުވެރި ހުކުމެއް އަތުވެދާނެ ކަމާމެދު ޝައްކު އުފެދޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. ގާސިމް މިހެން ވިދާޅުވީ، މިއަދު ކުރިއަށް ގެންދިޔަ އެމަނިކުފާނުގެ ޝަރީއަތުގެ މަޖިލީހުގަ އެވެ.

ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ގޮޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.

މި ދައުވާތައް ކުރިއަށް ގެންދިޔުމަށް މިއަދު ވަނީ ތިން ގާޒީންގެ ބެންޗެއް އެކުލަވާލާފަ އެވެ. ކުރިން މައްސަލަ ބެއްލެވީ ގާޒީ އާދަމް އަރީފެވެ. މިއަދު އެކުލަވާލި ބެންޗުގައި ގާޒީ އަރީފް ވެސް ހިމެނިވަޑައިގަންނަވާއިރު ރިޔާސަތު ބަލަހައްޓަވަނީ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފެވެ. ދެން ބެންޗުގައި އިންނަވަނީ ގާޒީ އަހުމަދު ޝަކީލެވެ.

މިއަދުގެ ޝަރީއަތް ފެށުމާއެކު ގާސިމް ތެދުވެވަޑައިގަތުމަށްފަހު ވިދާޅުވީ، ގާޒީ ބާރީ އިންނަވައިގެން އިންސާފުވެރި ހުކުމެއް ލިބިދާނެ ކަމާމެދު ޝައްކު ކަމަށެވެ. ގާސިމަށް ބަންދުގެ މުއްދަތު ޖެހުމަށް ބޭއްވި އަޑުއެހުމަށް އިޝާރަތްކުރައްވާ ގާސިމް ވިދާޅުވީ، އެ އަޑުއެހުމުގައި އެމަނިކުފާނު ވާހަަކަ ދައްކަވަނިކޮށް ހުއްޓުވައި މައްސަލާގައި ހުކުމްކޮށްފައިވާ ކަމަށެވެ.

ގާސިމްގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން ގާޒީ ބާރީ ވިދާޅުވީ، އަޑުއެހުންތަކުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދެނީ ފަނޑިޔާރަށް ފެނިވަޑައިގަންނަވާ ގޮތަށް ވަކި މިންވަރަކަށް ކަމަށެވެ. އަދި މީގެކުރިން ގާސިމްގެ މައްސަލައެއް ކުރިއަށް ގެންގޮސްފައިނުވާނެ ކަމަށާއި ޝަރީއަތްތަކުގައި ހުކުމް ކުރައްވަނީ ގާނޫނާއި ޝަރީއަތުގެ އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް ކަމަށް ގާޒީ ބާރީ ވިދާޅުވި އެވެ.

އެފަދަ ވާހަކައެއް ދެވަނަ ފަހަރަށް ނުދެއްކުމަށް ގާޒީ ބާރީ، ގާސިމަށް ނަސޭހަތްރިވި އެވެ. އޭގެފަހުން ގާސިމް އެކަމާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކަވަ އެވެ.

ގާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ދިމާކޮށް ގާސިމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެމަނިކުފާނު ވަނީ މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެންބަރުންނަށް ދެވަނަ ދައުރެއް ހޯދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި ހުރިހާ ގޮތަކުން ވެސް އެހީވެދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ގާސިމް މިއަދު ވަނީ އެ ދައުވާތައް އިންކާރު ކުރައްވައި ރިޝްވަތު ދެއްވުމަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ގާސިމް މިހާރު ބަންދުކޮށްފައި ހުރީ ސަރުކާރު ވައްޓާލަށް ރާވާކަމުގެ ތުހުމަތުގައި ފުލުހުން ތަހުގީގު ކުރާ މައްސަލައިގައި ފުލުހުންގެ ހައްޔަރުގަ އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.