ހަބަރު

ޔާމިންގެ މަރުގެ ފުރިހަމަ ތަހުގީގެއް ކުރަން ޓީއެމް އިން ގޮވާލައިފި

ރޭ ދަންވަރުގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމާލާދީ މަރާލާފައިވާ ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޔާމިން ރަޝީދުގެ މަރު ތަހުގީގުކޮށް، އޭގެ ފަހަތުގައިވާ ބަޔަކާއި އެކަން ކުރި ސަބަބު ހާމަ ކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް، (ޓީއެމް) އިން ގޮވާލައިފި އެވެ.

ޓީއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ޔާމިންގެ މަރުގެ ފަހަތުގައިވާ ބަޔަކު ހޯދުމަށް މިނިވަން، ހާމަކަން ބޮޑު ތަހުގީގެއް ކުރުމަށް ފުލުހުންނަށާއި، ހިޔުމަން ރައިޓްސް ކޮމިޝަން އަށާއި، ޝަރުއީ މުއައްސަސާތަކަށް ޓީއެމް އިން ގޮވާލާކަމަށެވެ. ޓީއެމްއިން ބުނީ، ރޭގެ ވަގުތެއްގައި ޔާމިން މަރާލާފައި ވާއިރު، އޭނާ ވަނީ އެކި ފަހަރު މަތިން އޭނާއަށް މަރުގެ އިންޒާރު އައިސްފައި ވާކަމަށް ބުނެ، އެމައްސަލަ ބަލައިދިނުމަށް ފުލުހުންނަށް އެދިފައި ކަމަށެވެ. އަދި ފުލުހުންނަަށް އޭނާ ހުށަހެޅި މައްސަލަތަކަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް ސޯޝަލް މީޑިއާގައި ބުނެފައިވާ ކަމަށާއި، އެކަމުގެ ކަންބޮޑުވުން ޓީއެމް އާއި ވެސް ހިއްސާ ކޮށްފައި ވާކަމަށެވެ.

މިފަދަ ހަމަލާތަކަކީ، ސީދާ މިނިވަން ހިޔާލާއި ދެކޮޅަށްދެވޭ ހަމަލާތަކެއް ކަމަށާއި، ކުރީގައި ދީފައިވާ އެފަދަ ހަމަލާތަކުގެ ހަގީގަތް ހޯދިފައި ނުވުމަކީ، ދައުލަތުން އެފަދަ ކަންކަމަށް ދޭ އަހަންމިޔަތުކަން ކުޑަކަން ދައްކުވައިދޭ ކަމެއްކަމުގައި ވެސް ޓީއެމްއިން ނެރިފައިވާ ބަޔާނުގައި ބުނެފައި ވެއެވެ. އަދި، އެފަދަ ކަންކަމަށް އިންސާފު ގާއިމު ނުވުމަކީ، އެކަން ކުރާ މީހުންނަށް ލިބޭ ހިތްވަރެއް ކަމުގައި ވެސް ޓީއެމް އިން ބުނެފައި ވެއެވެ. މީގެ އިތުރުން، އެފަދަ ގަތުލު އާންމުތަކުގެ ހަގީގަތް ހާމަ ނުވަނީސް ރާއްޖޭގައި އިންސާފު ގާއިމު ނުކުރެވޭނެ ކަމަށާއި، ހަމަޖެހޭ އިންސާފުވެރި މުޖުތަމައެއް ހޯދައިދެވޭނީ ދައުލަތުން ވަކިވަކި ފަރުދުންގެ ހައްގު ހިމާޔަތް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން ކަމަށް ވެސް ޓީއެމް އިން ބުނެފައި ވެއެވެ.

ޓީއެމްއިން ބުނީ، މިއަދާ ހަމަޔަށް ޑރ. އަފްރާޝީމް އަލީގެ މަރުގެ ފަހަތުގައިވާ ބަޔަކާއި ސަބަބު ހޯދިފައި ނުވާ އިރު، ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށްނެގި ބަޔަކު ވެސް އަދި ވެސް ހޯދިފައި ނުވާކަމަށެވެ. އަދި ޔާމިން ރަޝީދު މަރާލުމުގެ ފަހަތުގައި ތިބި ބަޔަކު ހަރުކަށި އިބާރާތުން ކުށުވެރި ކުރާކަމަށާއި، ވީ އެންމެ އަވަހަކަށް ތަހުގީގު ކޮށް، އޭގެ ފަހަތުގައިވާ ބަޔަކާއި ސަބަބު ހާމަ ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާ ކަމަށް ވެސް ބުނެފައި ވެއެވެ.

ޔާމީން ރަޝީދަކީ، "ޑެއިލީ ޕެނިކް"ގެ ނަމުގައި ލިޔަމުން އަންނަ އޭނާގެ އަމިއްލަ ބްލޮގާއި ޓްވިޓާގައި، ދީނީ ހައްދު ފަހަނައެޅުމާ ދެކޮޅަށާއި ސިޔާސީ އަދި އިޖުތިމާއީ އެކި ކަންކަމަށް ވަރަށް ތަނަވަސްކޮށް ހިޔާލުފާޅު ކުރަމުން ދިޔަ ޒުވާނެކެވެ. އޭނާ އަކީ ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާންގެ ގާތް އެކުވެރިއެއްގެ އިތުރުން އޭނާ ހޯދުމަށް ފެށި ކެމްޕޭންގައި އިސްކޮށް އުޅުނު ފަރާތެއްވެސް މެއެވެ.

ޔާމީންގެ މަރާ ގުޅިގެން އެކި ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅު ކުރަމުންނެވެ. އެގޮތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އަދި މިފަހުން ސްރީލަންކާއަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެ މަރާ ގުޅޭ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލައިފަ އެވެ.