ހަބަރު

ޔާމީންގެ ގާތިލުން ހޯދަން ހުރިހާ ވަސީލަތެއް ބޭނުން ކުރާނަން: ސަރުކާރު

ރާއްޖޭގެ ސޯޝަލް މީޑިޔާގައި ހަރަކާތްތެރިވި މަޝްހޫރު ބްލޮގާ، އައްޑޫސިޓީ ފޭދޫ ޗަނބޭލީގޭ ޔާމީން ރަޝީދު މަރާލުން އެކަން ރައީސް އަބްދުﷲ ޔާމީން ކުށްވެރި ކުރައްވައިފި އެވެ. ޔާމީން މަރާލާފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައި ވަރަށް އަނިޔާވެރި ގޮތެއްގަ އެވެ. މަރުގެ ހަގީގަތް ހޯދަން ދައުލަތުގެ ހުރިހާ ވަސީލަތެއްގެ ބޭނުން ހިފާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާމީންގެ މަރުގެ ހަބަރު ރައީސް ލިބިވަޑައިގަތީ، ކުއްލި ސިހުމަކާއި ހިތާމައާ އެކުގަ ކަމަށެވެ. އެ އަމަލަކީ، އަނިޔާވެރިކަމާއި، ރަޙުމްކުޑަކަމުގެ ދަށު ދަރައިޖައިގެ އަމަލެއް ކަމަށެވެ. އަދި އެ އަމަލު، އެންމެ ހަރުކަށި އިބާރާތުން، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައާއި، ދިވެހި ސަރުކާރުގެ ނަމުގައި ކުށްވެރި ކުރާ ކަމަށެވެ.

އެޖަރީމާ ހިންގި ފަރާތްތައް، ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް، ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ދިވެހި ޒުވާނަކަށް މިފަދަ އަނިޔާވެރި ކަމެއް ދިމާވުމަކީ ދިވެހި ސަރުކާރުން އިންތިހާއަށް ހިތާމަކުރާ ކަމެކެވެ. ޔާމީން ރަޝީދުގެ މަރަކީ ރާއްޖޭގެ ސޯޝަލް މީޑިޔާއަށް ލިބުނު އުނި ކަމެކެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި މިއީ ރާއްޖޭގެ ޑިމޮކްރެސީއަށާއި މިނިވަން މީޑިޔާއަށް ދިން ހަމަލާއެކެވެ." ބަޔާނުގައިވެ އެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިހާރު ގެންދަވަނީ މި މައްސަލަ ތަހުގީގު ކުރައްވަމުންނެވެ. މިފަދަ މައްސަލަތަކުގެ ތަހުގީގަށް ބެނުންވާ ފުލުހުންގެ އޮޕަރޭޓިން ޕްރޮސީޖާ މުތާލިޔާ ކުރުމުގެ މަސައްކަތް ސަރުކާރުން މި ވަގުތު ކުރަމުން ގެންދާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ ރާއްޖޭގެ ނޫސްވެރިންނަށާއި އާންމު ފަރުދުންނަށް ލިބޭ އިންޒާރުތަކަށް އަވަސް ފިޔަވަޅު އެޅުމަށް މަގުފަހިކުރުމަށް ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.