ހަބަރު

ހާއްސަ އެހީގެ ޓީޗަރުން މިއަހަރު ހުރިހާ ސްކޫލަކަށް ލިބޭނެ

މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ޓީޗަރުން ހަމަޖައްސަން ޓީޗަރުން ތަމްރީނު ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ހާއްސަ 217 ޓީޗަރުން ތަމްރީނުވެފައިވާ ކަމަށެވެ.

ޓީޗަރުން ތަމްރީނު ކޮށްފައިވަނީ އޯޓިޒަމް ދާއިރާއިން މޮޑިއުލެއް ވެސް ހިމަނައިގެނެވެ. އިތުރު 23 ޓީޗަރުން އެ ދާއިރާއިން މިހާރު ވެސް ޑިގްރީ ފެންވަރަށް ތަމްރީނު ވަމުން އެބަދެ އެވެ.

މިނިސްޓަރު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދޭ ތައުލީމާ ބެހޭގޮތުންނާއި ހުރިހާ ކުދިން ބައިވެރިކޮށްގެން ތައުލީމް ފޯރުކޮށް ދިނުމާއިބެހޭ ގޮތުން އިތުރަށް މަޝްވަރާ ކުރުމަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ބައިވެރިކޮށްގެން ތިން ދުވަހުގެ މަހާސިންތާއެއް ވެސް ބާއްވާނެ ކަމަށާއި މަހާސިންތާގައި ކުދިން ސްކޫލަށް ވައްދާއިރު އެކުދިން އެތިބި ފެންވަރު ބެލުމާއި އަދި އެކުއްޖަކަށް އެކުއްޖަކު ހުރި ހިސާބުން ތައުލީމް ފޯރުކޮށް ދިނުމުގައި އަދި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ވަކިން ފާހަގަކޮށް ތައުލީމް ފޯރުކޮށް ދިނުމަށް ބޭނުންވާ ސްޓޭންޑާޑް ތަކެއް ހަދާނެ ކަމަށެވެ.

"އެ ސްޓޭންޑާޑްތަކުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމް ފޯރުކޮށް ދިނުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ. އަދި އެ ހިދުމަތުގެ ފެންވަރު މަތިވެގެން ދާނެ."

" މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ސްޕެޝަލް އެޑިއުކޭޝަން ސެންޓަރުތަކެއްވަނީ ގާއިމްކޮށްފައި. މިއީ މާލެ ފިޔަވައި އަތޮޅު ތެރޭގައި މިފަދަ ސެންޓަރުތައް ގާއިމްކުރެވުނު ފުރަތަމަ ފަހަރު." މިނިސްޓަރު ވިދާޅުވި އެވެ.

މިިދިޔަ އަހަރުގެ ތެރޭގައި ލޯފަން ކުދިންނަށް ކިޔަވައިދިނުމަށް ރާއްޖެއިން ބޭރުން ހަތް ޓީޗަރުން ވަނީ ތަމްރީނު ކޮށްފައިވެ އެވެ. މީގެ އިތުރުން ފުރަތަމަ ފަހަރަށް ލޯފަން ކުއްޖަކު އެސްއެސްސީ އިމްތިހާނުގައި ބައިވެރިވެފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިހާރު ރާއްޖޭގެ 193 ސްކޫލެއްގައި އިންކްލޫސިވް އެޑިޔުކޭޝަން ޕްރޮގްރާމްތައް ހިންގަމުންދާއިރު 39 ސްކޫލެއްގައި އިންކްލޫސިވް ޔުނިޓްތައް ހަދާ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ދަނީ ފޯރުކޮށް ދެމުންދާކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން 54 ޕަސަންޓު ސްކޫލްތަކަކީ އާބާދީ 250 އަށް ވުރެން ދަށް ސްކޫލްތަކަށް ވާތީ އެ ސްކޫލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްވެސް ޒަމާނީ ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އާބާދީ މަދު ނުވަ ސްކޫލެއްގައި މަލްޓިގްރޭޑް ސިޔާސަތަށް ކިޔަވައިދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މަލްޓްގްރޭޑް އަށް ކިޔަވައިދިނުމަކީ ދުނިޔޭގެ ފެންވަރު ރަނގަޅު ގިނަ ގައުމުތަކުގައި ބޭނުންކުރާ ޕްރެކްޓިސް އެއް. ރާއްޖޭގައިވެސް އެ ސިސްޓަމް ހިންހަމަޖެހޭ މިންވަރަކަށް ހިންގެމުން އެބަދޭ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ސަރުކާރުން ގެންގުޅޭ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ ބީޓެކް، ޓިވެޓް އަދި ދަސްވާރު ޕްރޮގްރާމަށް ލިބެމުން އަންނަ ކާމިޔާބީތައް ފާހަގަކުރައްވާފަ އެވެ.