ހަބަރު

ޖަޕާނުން ރާއްޖެއަށް ހަ ލައްކަ ޑޮލަރުގެ މެޑިކަލް އިކްއިޕްމެންޓް ހަދިޔާކޮށްފި

ޖަޕާނު ސަރުކާރުން ރާއްޖެއަށް މުހިއްމު މެޑިކަލް އިކްއިޕްމަންޓްތަކެއް ހަދިޔާކޮށްފި އެވެ. ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހަދިޔާކުރި އިކްއިޕްމެންޓްތަކުގެ އަގަކީ 605729.76 ޑޮލަރު (ގާތްގަނޑަކަށް 9340352.89 ރުފިޔާ) އެވެ.

ޖަޕާނުން ދިން އިކްއިޕްމެންޓްތައް ހަދިޔާކުރުމުގެ ލިއުމާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ހެލްތު މިިނިސްޓަރު އަބުދުﷲ ނާޒިމް އިބުރާހީމެވެ. އިކްއިޕްމެންޓްތައް ހަދިޔާކުރުމުގެ ލިއުންތައް މިނިސްޓަރާ ހަވާލު ކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަޒޫމީ އެންޑޯ އެވެ. ޖަޕާނުން ދިން އިކްއިޕްމެންޓްތަކަކީ ނޮން ޕްރޮޖެކްޓް ގްރާންޓްގެ ގޮތުަގައި ދިން އެހީއެކެވެ.

ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ޖަޕާނުން ހަދިޔާކުރި އިކްއިޕްމެންޓްގެ ބޮޑު ބައެއް މިހާރު ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ.

"އެތަކެތި މިހާރު އަތޮޅުތަކުގެ ތެރެއަށް ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިގެންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އިކްއިޕްމެންޓް ދިނުމުން ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރައްވައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ޖަޕާނުން ދިން ތަކެތީގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމަށް އިތުރު ހަރުދަނާކަން އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މިއީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރަން ޖަޕާނު ސަރުކާރުން ވަމުން އަންނަ އެހީގެ ތެރެއިން ވަރަށް މުހިއްމު އެހީއެއް ކަމަށެވެ.

ޖަޕާނުން މިފަހަރު ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި މޯބައިލް އެކްސްރޭ މެޝިންތަކާއި ޑެންޓަލް ޔުނިޓްތަކާއި މޯބައިލް ވެންޓިލޭޓާ ފަދަ ތަކެތި ހިމެނެއެެވެ. ޖަޕާނުން ވަނީ 2012 ވަނަ އަހަރު ވެސް ރާއްޖެއަށް އިކްއިޕްމެންޓް ހަދިޔާކޮށްފަ އެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާން ސަފީރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ސިއްހީ ހާލަތު ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން ލައިފްއެކްސްޕެކްޓެންސީ ރޭޓް މަތިވުމާއި ޅަފަތުގައި ކުދިންގެ އަދަދު މަދުވުމާއި ގައިން ގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމުގައި ރާއްޖޭން ހޯދާފައިވާ ކާމިޔާބީ އޭނާ ފާހަގަކުރެއްވި އެވެ.

"މިހައިތަނަށް ހޯދާފައިވާ ކާމިޔާބީތައް ދެމެހެއްޓުމަކީ ވަރަށް މުހިއްމު އަދި ވަރަށް ގޮންޖެހުންތައް ގިނަ ކަމެއް،" ޖަޕާން ސަފީރު އެންޑޯ ވިދާޅުވިއެވެ.