ވިޔަފާރި

ދިރާގުން މާލެ/ ހުޅުމާލެއަށް ފައިބަ އޮޕްޓިކް ބްރޯޑް ބޭންޑު އިންޓަނެޓުގެ ހިދުމަތް ދޭން ފަށައފި

Apr 1, 2015
2

ހަލުވިކަމާއެކު އިންޓަނެޓުގެ ހިދުމަތް ހޯދުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ފައިބަ އޮޕްޓިކް ބްރޯޑް ބޭންޑް އިންޓަނެޓުގެ ހިދުމަތް މާލެއަށާއި ހުޅުމާލެއަށް ދިރާގުން ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައާރަފުކޮށްފައިވާ ފައިބަ އޮޕްޓިކް ބްރޯޑް ބޭންޑް އިންޓަނެޓުގެ ހިދުމަތް 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑުގައި މާލެ އާއި ހުޅުމާލެއަށް މިހާރު ލިބޭނެ ކަމަށާއި މި ހިދުމަތް ހޯދުމަށް ހާއްސަ ޕެކޭޖުތަކެއް ވެސް ތައާރަފުކޮށްފައިވާ ކަމަށެވެ. އަދި މި ޕެކޭޖުތަކަކީ މަހު ބިލަށް ބަދަލެއް ނައިސް ގޭގޭގައި ވެސް ހަލުވިކަމާއެކު އިންޓަނެޓުގެ ހިދުމަތް ހޯދޭނެ ޕެކޭޖުތަކެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

"މި ޕެކޭޖުތައް ފަރުމާކުރެވިފައިމި ވަނީ އަވަސް ސްޕީޑުގައި ޑައުންލޯޑު ކުރުމަށާއި، އޮންލައިންކޮށް ހަލުވި ސްޕީޑުގައި ގޭމުކުޅުމަށާއި، އަވަސް ސްޕީޑުގައި އަޕްލޯޑުކުރުމަށާއި، އޮންލައިންކޮށް ސްޓްރީމް ކުރުންފަދަ ބޭނުންތަކަށް އަމާޒުކޮށެވެ. މިޕެކޭޖުތަކަކީ އެއްބޭފުޅަކަށް ވުރެން ގިނަ ބޭފުޅުން އެއްފަހަރާ އަވަސް އިންޓަނެޓް ބޭނުން ކުރެއްވުމަށާއި، އިންޓަނެޓުގެ ހިދުމަތް އެއްފަހަރާ ތަފާތު ޒަމާނީ އާލަތްތައް ބޭނުންކުރައްވައިގެން ހޯއްދެވުމަށް ވަރަށް އެކަށިގެންވާ ޕެކޭޖުތަކެކެވެ،" ދިރާގުން ބުންޏެވެ.

ދިރާގުން މި ހިދުމަތް ހޯދުމަށް ތައާރަފުކޮށްފައިވަނީ "ފައިބަ 100އެމް" އާއި "ފައިބަ 50އެމް" ގެ ނަމުގައި ދެ ޕެކޭޖެކެވެ. ފައިބަ 100 ޕެކޭޖަކީ އަންލިމިޓެޑު ޕެކޭޖެކެވެ. މި ޕެކޭޖުގެ މަހުފީއަކީ 4،990ރ. އެވެ. އަދި ފައިބަ 50 ޕެކޭޖުގައި 50 އެމްބީޕީއެސްގެ ސްޕީޑުގައި އިންޓަނެޓުގެ ހިދުމަތް ލިބޭއިރު މި ޕެކޭޖުގެ މަހުފީއަކީ 3،500ރ. އެވެ.

ނަމަވެސް ކޮންމެ ޕެކޭޖެއްގައި ވެސް ވަނީ ފެއާ ޔޫސޭޖް ލިމިޓެއް ކަނޑައަޅައިފަ އެވެ. އެ ލިމިޓަށް ފަހު ސްޕީޑަކީ 1 އެމްބީޕީއެސް އެވެ.

ދިރާގު އެސިސްޓަން މެނޭޖަ ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް ވިދާޅުވީ ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ބްރޯޑްބޭންޑް އިންޓަނެޓް މެދުވެރިކޮށް އިންޓަނެޓް ފޯރުކޮށްދޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށާއި މި ހިދުމަތާއި އެކު ދިރާގުން ރާއްޖޭގައި މިވަގުތު ލިބޭ އެންމެ ހަލުވި އިންޓަނެޓު ސްޕީޑުވެސް ލިބިގެންދާނެ ކަމަށެވެ. އަދި މި ޕެކޭޖުތަކަކީ އަވަސް ސްޕީޑުގައި ޑައުންލޯޑު ކުރުމަށާއި އަޕްލޯޑުކުރުމަށާއި، އޮންލައިންކޮށް ގޭމުކުޅުމަށާއި ސްޓްރީމް ކުރުމަށް ވަރަށް ފުރިހަމަ ޕެކޭޖުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަސްޓަމަރުންނަށް ޔަގީން އަރުވަން ބޭނުންބޭނުން ވަނީ، އަލަށް މި ތައާރަފްކުރެވުނު ހިދުމަތާއި އެކު ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތަށް ތަރުހީބު ލިބޭ މިންވަރާއި ކަސްޓަމަރުންގެ ރިކުއެސްޓުތަކަށް ބެލުމަށްފަހު މިހިދުމަތް ހުޅުމާލެ އާއި މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ކުރިއަށް އޮތްތަނުގައި ފުޅާކޮށްދޭނެ ކަން،" އިމްޖާދު ވިދާޅުވި އެވެ.