ވިޔަފާރި

ފަސް ރުފިޔާގެ އާ ނޫޓް އަންނަ މަހު ނެރެނީ

Apr 24, 2017
1

މިހާރު ބޭނުން ކުރާ ފަސް ރުފިޔާގެ ނޫޓްގެ ބަދަލުގައި އާ ނޫޓެއް ނެރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނިންމައިފި އެވެ. އެމްއެމްއޭ އިން މީގެ އަހަރެއްހާ ދުވަސް ކުރިން ވަނީ ޕޮލިމާ ކަރުދާހުގައި ޗާޕްކޮށްފައިވާ މުޅިން އާ ނޫޓް ސީރީޒްއެއް ނެރެފަ އެވެ.

އެމްއެމްއޭއިން މިއަދު ބުނީ މިހާރު ބޭނުން ކުރާ ފަސް ރުފިޔާގެ ނޫޓްގެ ބަދަލުގައި ޕޮލިމާ ކަރުދާހުން ޗާޕްކޮށްފައިވާ ނޫޓްް ދައުރުވަމުން ދާ ފައިސާގެ ތެރެއަށް ނެރޭނީ އަންނަ މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. އެ ނޫޓްގައި ވެސް މި ފަހުގެ ނޫޓްތަކުގައި ހުންނަ ގޮތަށް އެންމެ ޒަމާނީ ސަލާމަތީ ފިޔަވަޅުތައް ވެސް ހިމެނިފައި ހުންނާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަދި ޑިޒައިން ވެސް ހުންނާނީ ފަހުގެ ނޫޓްތަކުގެ ކޮންސެޕްޓްގައި ކަމަށް ވެސް މަރުކަޒީ ބޭންކުން ބުންޏެވެ.

އެމްއެމްއޭ އިން އެންމެ ފުރަތަމަ ނިންމީ ފަސް ރުފިޔާގެ ނޫޓްގެ ބަދަލުގައި ފައިސާ ފޮއްޗެއް ނެރުމަށެވެ. އެހެން ނަމަވެސް އެ ނިންމުން ބަދަލުގައި އެމްއެމްއޭ އިން މިހާރު ނިންމާފައި ވަނީ ދެ ރުފިޔާގެ އާ ފައިސާ ފޮއްޗެއް ނެރުމަށެވެ. `

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުގެ ފުރުމާ ދިމާކޮށް ނެރުނު ރުފިޔާގެ އާ ނޫޓް ސީރީޒް، ރަންދިހަފަހެއް ފަރުމާ ކުރީ ދިވެހި ޑިޒައިނަރެއް ކަމަށްވާ އަބްދުﷲ ނަޝާތު އެވެ. އެ ނޫޓް ސީރީޒްގައި ހިމެނެނީ، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓެވެ.