ދުނިޔެ

މަރުގެ އަދަބު ދިނުން އިތުރުވާތީ އެމްނެސްޓީން ކަންބޮޑުވުން ފާޅުކޮށްފި

Apr 1, 2015

މަރުގެ އަދަބު ދިނުން މިދިޔަ އަހަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ބުނެ އެމްނެސްޓީ އިންޓަނޭޝަނަލް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެމްނެސްޓީގެ އަހަރީ ރިޕޯޓްގައި ބުނެފައި ވަނީ މަރުުގެ ހުކުމްތައް ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މިދިޔަ އަހަރު އިތުރުވެފައިވާ ކަމަށެވެ. އަދި ބައެއް ގައުމުތަކުން މަރުގެ އަދަބު ދެމުން ދަނީ ގައުމީ ސަލާމަތަށް ނުރައްކާ ވާތީކަމަށް ފާހަގަކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރިޕޯޓްގައި ބުނެފައި ވަނީ 2013 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު މަރުގެ 500 ހުކުމް އިތުރު ކަމަށެވެ. މި އަދަދު ބޮޑަށް އިތުރުވެފައި ވަނީ ޗައިނާ އާއި ނައިޖީރިއާ އިން ކަމަށް ހިސާބުތަކުން ދައްކަ އެވެ. ނަމަވެސް ޗައިނާ ނުހިމަނައި ބަލައިފި ނަމަ، މަރުގެ އަދަބުތައް މިދިޔަ އަހަރު މަދެވެ.

އެމްނެސްޓީން ބުނީ މިދިޔަ އަހަރު 607 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ކަމަށެވެ. އެކަމަކު މިއީ ޗައިނާގައި މަރުގެ އަދަބު ދިން މީހުން ނުހިމަނަ އެވެ. ޗައިނާ އަކީ މުޅި ދުނިޔޭގައި މަރުގެ ހުކުމް ތަންފީޒުކުރާ އަދަދަށް ވުރެ ވެސް އިތުރަށް ކޮންމެ އަހަރަކު މީހުންނަށް މަރުގެ އަދަބު ދޭ ގައުމެކެވެ. ޗައިނާ ނުހިމަނާ ބަލާއިރު، މަރުގެ އަދަބު ތަންފީޒު ކުރި މީހުންގެ އަދަދު 22 ޕަސެންޓް ވަނީ ދަށްވެފަ އެވެ.

މިދިޔަ އަހަރު 22 ގައުމެއްގައި ވަނީ މަރުގެ ހުކުމް ތަންފީޒުކޮށްފަ އެވެ. ޗައިނާ ފިޔަވައި، ދެން އެންމެ ގިނައިން މަރުގެ އަދަބު ދީފައި ވަނީ އީރާންގަ އެވެ. އަދަދަކީ 289 އެވެ. އެކަމަކު ވީގޮތެއް ނޭނގޭ 454 ކޭހެއް އެ ގައުމުގައިވެ އެވެ. ސައޫދީގައި 90 މީހަކު މަރާފައި ވާއިރު އިރާގުގައި 61 އަދި އެމެރިކާގައި 35 މީހަކު މަރާފައިވެ އެވެ.