LIVE UPDATES

ޔާމިން މަރާލި މީހުން ވީޑިއޯ ފްޓޭޖުން ދެނެގަނެވިއްޖެ: ފުލުހުން

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމާލާދީ މަރާލާފައިވާ، ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޔާމީން ރަޝީދުގެ މަރުގެ ތަހުގީގާބެހޭ މައުލޫމާތު ހިއްސާ ކުރަން ފުލުހުން ނިންމައިފި އެވެ.

ފުލުހުން ބުނީ ޔާމީންގެ މަރުގެ ތަހުގީގާ ބެހޭ ގޮތުން މިއަދު 4:15 މީޑި މީޑިއާތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މައުލޫމާތުތައް ދެއްވާނީ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ކަމަށެވެ.

އުމުރުން 29 އަހަރުގެ ޔާމީން މަރާލާފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ކައިރިން ދަންވަރު 2:59 އެހާކަންހާއިރު އެވެ. އަދި އޭނާގެ ކަރަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު 24 ތަނަށް ވަޅި ޖަހާފައި ހުރި ކަމަށްވެ އެވެ. އެކަމާ ގުޅުގެން މިހާތަނަށް ފުލުހުން ބުނެފައި ވަނީ ޔާމީންގެ މަރަކީ ބަޔަކު ގަސްތުގައި ދީފައިވާ ހަމަލާއެއް ކަމަށާއި ސީރިއަސް ކްރައިމް ޑިޕާޓްމަންޓުން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ޔާމީންގެ މަރު ތަހުގީގު ކުރަމުންދާ އިރު ފުލުހުން ރޭގެ ވަގުތެއްގައި ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެ ބައެއް ގެތަކަށް ވަދެ ބަލާފާސްކޮށްފަ އެވެ. އަދި އެކަމުގެ ތެރޭގައި ހަތަރު މީހަކު ހައްޔަރުކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.