ހަބަރު

ޔާމީންގެ މަރުގެ މައްސަލައިގައި މަޖިލީހަށް ގަރާރެއް ވައްދައިފި

Apr 25, 2017
5

ބްލޮގަރު އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރުގެ މައްސަލަ މިނިވަން ފަރާތަކުން ތަހުގީގު ކުރުމަށް ގޮވާލާ ގަރާރެއް އެމްޑީޕީގެ ފަރާތުން މިއަދު މަޖިލީހަށް ވައްދައިފި އެވެ.

އެމްޑީޕީގެ ފަރާތުން އެ ޕާޓީއަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ޔާމީންގެ ބްލޮގްގައި ޝާއިއު ކުރި ލިޔުންތަކާއި ސޯޝަލް މީޑިއާގައި ފާޅުކުރި ހިޔާލުތަކާ ގުޅިގެން ޔާމީންއަށް ލިބުނު އިންޒާރުތައް އޭނާ ފުލުހުނަށް ހުށަހެޅި ނަމަވެސް އެކަމަށް ފުލުހުން އެކަށީގެންވާ ފިޔަވަޅު އަޅައި ޖަވާބުދާރީ ވެސް ވެފައި ނެތް ކަމަށެވެ. އެފަދަ ގޮތަކަށް ފުލުހުން އިހުމާލުވެފައިވާ އިރު މިނިވަން އިންސާފުވެރި ތަހުގީގެއް ހިންގިދާނެ ކަމާ މެދު ޝައްކުވާ ކަމަށް ވެސް ނިޒާރުގެ ގަރާރުގައިވެ އެވެ. އެހެން ކަމުން އެ މައްސަލަ ބައިނަލްއަގުވާމީ އިންވެސްޓިގޭޓަރުން ހިމަނައިގެން ތަހުގީގު ކޮށްދިނުމަށް ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ، ޔާމީން ހުށަހެޅި އިންޒާރުގެ މައްސަލަތަކާ ގުޅިގެން ބަޔަކާ ފުލުހުން ސުވާލުކޮށް މައްސަލަ ބެލި ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް އޭނާއާ ހިއްސާކުރަމުން ދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް އެކަމާ ގުޅިގެން އެޅި ފިޔަވަޅެއް އޭނާ ބުނެފައެއް ނުވެ އެވެ.

ޔާމީންގެ އާއިލާއިން ވެސް ގޮވާލާފައި ވަނީ ޔާމީންއަށް އިންސާފު ހޯދައިދިނުމަށް ޓަކައި ބޭރުގެ އިންވެސްޓިގޭޓަރުން ހިމެނޭ ޓީމަކުން މައްސަލަ ތަހުގީގުކޮށް ދިނުމަށް ގޮވާލައިފަ އެވެ. ހޯމް މިނިސްޓަރު ވެސް ވިދާޅުވެފައި ވަނީ ބޭރުގެ މާހިރުންގެ އެހީއާ އެކުވެސް ޔާމީންގެ މަރުގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ.

ފުރަތަމަ ފަހަރަށް އެމަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު މީޑިއާއަށް ހިއްސާކުރަމުން ފުލުހުން ބުނެފައި ވަނީ ޔާމީން މަރާލި މީހުންނަކީ ކޮންބައެއްކަން މިހާރު ހޯދައިގަނެވިފައިވާ ކަމަށެވެ. އަދި އެ މީހުން ހައްޔަރު ކުރަން މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުން ހަރަކާތްތެރިވާ ސީސީޓީވީ ފްޓޭޖްތަކެއް ވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ. އަދި އެ މީހުންގެ ހައްޔަރުކުރުމަށް އާންމުން ވެސް އެހީވުމަށް ފުލުހުން ވަނީ މިއަދު އެދިފަ އެވެ.