ވިޔަފާރި

ޑިއުޓީއަށް ގެންނަ އިސްލާހު ފާސް ވުމުން ވިޔަފާރިވެރިންނަށް ރިފަންޑް ދެނީ

ސައިކަލާއި އަންނައުގެ ބާވަތްތަކުން ޑިއުޓީ ނަގަން ނިންމާފައިވާ މިންވަރު ބަދަލުކުރަން ސަރުކާރުން ގެންނަ އިސްލާހު މަޖިލީހުން ފާސްވުމުން ޑިއުޓީގެ ގޮތުގައި ނަގާ ފައިސާ ވިޔަފާރިވެރިންނަށް އަނބުރާ ލިބޭނެ ކަމަށް ކަސްޓަމުން ބުނެފި އެވެ.

ބައެއް ބާވަތްތަކުގެ ޑިއުޓީއަށް މިއަދުން ފެށިގެން ބަދަލު ގެނައުމާ ގުޅިގެން ކަސްޓަމުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ކަސްޓަމްސް އިސްމާއިލް ނާޝިދު ވިދާޅުވީ ކުރިން ޑިއުޓީ ބޮޑުކުރަން ނިންމާފައިވާ ބައެއް ބާވަތްތައް ސަރުކާރުން ރިވައިޒްސް ކުރުމަށް ނިންމުމާއިއެކު ކަސްޓަމަރުން އެކަމަށް ތައްޔާރުވެފައިވާ ކަމަށެވެ.

ޑިއުޓީއަށް ގެންނަ ބަދަލާ އެކު ސަރުކާރުން ވަނީ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލްގެ ޑިއުޓީ 100 ޕަސެންޓުން 150 ޕަސެންޓަށް ބަދަލު ކުރަން ނިންމާފަ އެވެ. އަދި އަންނައުނު (ގާމެންޓް) ގެ ޑިއުޓީ 20 ޕަސެންޓަށް ބޮޑު ކުރަން ނިންމާފަ އެވެ. ނަމަވެސް ސަރުކާރުން ވަނީ ޑިއުޓީ ބޮޑު ކުރަން ކުރިން ނިންމި ސައިކަލްގެ ޑިއުޓީ 100 ޕަސެންޓަށް ބަދަލުކޮށް އަންނައުނުން ޑިއުޓީ ނުނަގަން ނިންމާފަ އެވެ.

ނާޝިދު ވިދާޅުވީ މަޖިލީހަށް މިހާރު އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ގާނޫނު އިސްލާހުވުމުން ޑިއުޓީގެ ގޮތުގައި ނަގާ ފައިސާ އަނބުރާ ލިބޭނެ ކަމަށެވެ.

"އިސްލާހު ފާސްވާ ގޮތަކުން އެކެއް އެޕްރީލާ ހިސާބުން އަމަލު ކުރަން ވާނަނަ އެ މުއްދަތަކާ ހަމައަށް ޑިކްލަރޭޝަން ތަކަށް ނަގާފައިވާ ފައިސާ އަނބުރާ ދެވޭނެ. އެކަމަށް ކަސްޓަމްގެ ތެރެއިން ދިމާވާނެ މައްސަލައެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާއްމު ގޮތެއްގައި ޑިއުޓީގެ ރިފަންޑު ދިނުމުގައި ވިޔަފާރިވެރިން ހުށަހަޅަން ޖެހޭ ކަމަށާއި، ނަމަވެސް މި ފަހަރު ކަސްޓަމަރުން އިސްނަގައި ފައިސާ އަނބުރާ ދޭނެ ކަމަށެވެ.

"ކަސްޓަމުން ޑިކްލަރޭޝަން އިސްލާހުކޮށް ފައިސާ އަނބުރާ ދެވޭނެ،" ނިޔާޒު ވިދާޅުވި އެވެ.

ކަސްޓަމްސްގެ ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ވަހީދު ވިދާޅުވީ މި ބަދަލާއި ގުޅިގެން ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމަށް ހަރަކާތައް ހިންގަމުންދާ ކަމަށެވެ.

"މި ބަދަލު ތަންފީޒު ކުރަން ނިންމުމާއިއެކު ކަސްޓަމްގެ މަގުސަދަކީ މި ބަދަލައް ވީހާވެސް ފަސޭހަކަމާއި އެކީގައި ވިޔަފާރިވެރިންނަށް ލިބޭނެ ގޮތް ހެދުން. ވިޔަފާރިއަށް އެއް ވެސް ހުއްޓުމެއް އަޔަ ނުދިނުން،" ވަހީދު ވިދާޅުވި އެވެ.

ކަސްޓަމްސްގެ ސީނިޔަ ސުޕްރިންޓެންޑެންޑް އަހުމަދު ނިޔާޒު ވިދާޅުވީ މި ބަދަލާއިއެކު މިދިޔަ މަހުގެ 31 ގެ ކުރިން ކަސްޓަމަރުން ހުށަހަޅާފައި ހުރި ހުރިހާ ޑިކްލަރޭޝަން ފޯމްތަނެއް ނިންމައިދީފައިވާ ކަމަށެވެ.

"އާއްމުކޮށް ކަސްޓަމަށް ދުވާލަކަށް ހުށަހެޅެނީ 461 ޑިކްލަރޭޝަން. އެކަމަކު އިއްޔެ އެކަނި 481 ޑިކްލަރޭޝަން ނިންމާލެވިފައިވޭ. މި ކަންތައް ކުރުމުގައި ކަސްޓަމުން ވަނީ ދުރާލާ ތައްޔާރުފައި. މުދާ އައުމުގެ ކުރިން ޑިކްލަރޭޝަން ފޯމް ނިންމާ ދިނުން ތައާރަފު ކުރެވިފައިވޭ،" އޭނާ ވިދާޅުވި އެވެ.