ހަބަރު

ރާއްޖެއާ އޮންނަ ގުޅުމަށް ބޮޑު އިސްކަމެއް ދެން: ނަވާޒް ޝަރީފް

ޕާކިސްތާނާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފު ވިދާޅުވެއްޖެއެވެ.

ޕާކިސްތާނަށް މިހާރު ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުޙައްމަދު އާސިމާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ރާއްޖެއާ އެކު އޮންނަނީ އަގީދާގެ ގޮތުން، މުސްލިމުންނަށްވީތީ އޮންނަ އުޚުއްވަތްތެރިކަމުގެ ގުޅުމެއް ކަމަށެވެ.

"ދެގައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރަން އަޅުގަނޑުމެން މަސައްކަތްކުރަން ބޭނުން،" ޑރ. އާސިމްއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޝަރީފް ވިދާޅުވިކަމަށް އެންޑީޓީވީން ބުންޏެވެ.

އޭނާ ވިދާޅުވެފައި ވަނީ ދެގައުމުގެ ޕާލަމެންޓްގެ މެދުގައި ގުޅުން ބަދަހިވަމުން އައުމަކީ ހިތްވަރު ލިބިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ޑރ. އާސިމާއި ޝަރީފުގެ ބައްދަލުވުމުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ޖަމިއްޔާ 'ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ މުހިއްމު ކަމާ ބެހޭ ގޮތުން ވެސް ޝަރީފް ވާހަކަފު ދެއްކެވިއެވެ. އޭނާ ވިދާޅުވީ ސާކް އަކީ ބާރަށް ކުރިއަރަމުން އަންނަ ޖަމާއަތަކަށް ވާން އޭނާ އުއްމީދުކުރައްވާ ކަމަށެވެ. އަދި ސާކް އަށް ބޮޑު އަހައްމިއްޔަތެއް ދެއްވާ ކަމަށާއި ސާކްގެ އުސޫލުތަކަށާއި ޗާޓަރަށް ޕާކިސްތާނުން ފުރިހަމައަށް އެއްބާރުލުންދޭނެ ކަމަށެވެ.

" ޕާކިސްތާނުގެ ވަރަށް ބޮޑު އެދުމެއް ދެކުނު އޭޝިއާގައި ސުުލްހައާއި އެއްބާރުލުން ކުރިއަރުވަން. އެކަމަށް އެންމެ ފުރަތަމަ ބޭނުންވާ ކަމަކީ ހަމަޖެހުން،" ސާކް އާ ބެހޭ ގޮތުން ޝަރީފް ވިދާޅުވިއެވެ.

ސާކް އަކީ އިންޑިއާ،ޕާކިސްތާން، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، އަފްޣާނިސްތާން އަދި ރާއްޖެ ހިމެނޭ ސަރަަހައްދީ ޖަމާއަތެކެވެ. އެޖަމާއަތް އުފެއްދީ 1985 ވަނަ އަހަރުއެވެ. ރާއްޖެއަކީ އެޖަމާއަތުގެ އެއްބާނީއެވެ. ރާއްޖޭގައި މިހައިތަނަށް ދެ ފަހަރެއްގެ މަތިން ސާކްގެ އެންމެ އިސްވެރިންގެ ސަމިޓް ބާއްވާފައި ވެއެވެ.