ދުނިޔެ

މިއަދުން ފެށިގެން ފަލަސްތީނަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ މެންބަރެއް

Apr 1, 2015

ބައިނަލްއަގުވާމީ ޖިނާއީ ކޯޓް ނުވަތަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ މެންބަރުކަން މިއަދުން ފެށިގެން ފަލަސްތީނަށް ލިބިއްޖެ އެވެ.

އައިސީސީގެ މެންބަރަކަށް ވުމަށް ފަލަސްތީނުން ޖެނުއަރީ މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން މިއަދު މެންބަރުކަން ލިބުމާ އެކު އައިސީސީގައި ވަނީ އެކަން ފާހަގަކުރުމަށް ކުޑަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.

އައިސީސީގެ މެންބަރަކަށް ފަލަސްތީނު ވުމާ އެކު، ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކުގެ މައްސަލަތައް އައިސީސީ އަށް ހުށަހެޅުމުގެ ބާރު ފަލަސްތީނަށް ލިބިގެން ދާނެ އެވެ. އިޒްރޭލަކީ އައިސީސީގެ މެންބަރެއް ނޫން ނަމަވެސް އިޒްރޭލުގެ ވެރިންނާއި އަސްކަރީ ލީޑަރުންނާ ދެކޮޅަށް އެ ކޯޓުގައި ފަލަސްތީނަށް މިހާރު ދައުވާ ކުރެވޭނެ އެވެ.

ފަލަސްތީނު އައިސީސީގެ މެންބަރަކަށް ވުމަށް މަސައްކަތް ފެށި ހިސާބުން އިޒްރޭލާއި އެމެރިކާ އަދި އެމެރިކާގެ އެކުވެރި ގައުމުތަކުން ދަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ ފަލަސްތީނުން ހައްގު ހޯދުމަށް ކުރާ މަސައްކަތަށް އެއްވެސް ބަޔަކު ހުރަސް ނޭޅުމަށް ގޮވާލަމުންނެވެ.