ވިޔަފާރި

ޖޫންގެ ނިޔަލަށް ބްރިޖްގެ ޑިޒައިނާއި އަގު ފައިނަލްވާނެ: ޓޫރިޒަމް މިނިސްޓަރު

ހުޅުލެ އާއި މާލެއާ ދެމެދުގެ އަޅާ ބްރިޖުގެ ޑިޒައިނާއި އަގު ޖޫން މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިކޮނޮމިކް ކައުންސިލާއި ޔޫތު ކައުންސިލު ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ބްރިޖު އެޅުމުގެ ގޮތުން ބްރިޖުގެ ޑިޒައިނާއި އެއަށް ބޭނުންވާނެ ފައިސާގެ ތަފްސީލްތައް ހިމެނޭ ގޮތަށް ފައިނަލް ފީސިބިލިޓީ ރިޕޯޓް އެކުލަވާލުމަށް ހާއްސަ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އެ ޓީމްގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް އަދީބު ވިދާޅުވި އެވެ. އެ މަސައްކަތް ޖޫންގެ ނިޔަލަށް ނިމުމާ އެކު ޗައިނާ ސަރުކާރާ ވާހަކަ ދައްކައިގެން ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. އަދި ޗައިނާއިން މިހާތަނަށް އެއްބަސްވެފައި ވަނީ ހިލޭ އެހީއަކާ އެކު ލުއި ގޮތަކަށް ލޯނެއް ދިނުމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

"މި ކަންކަން ނިމި، ބިޑިން ޕްރޮސެސް ކުރިއަށް ގޮސް މިއަހަރު ފެށުމުގެ ކުރިން ބްރިޖްގެ މަސައްކަތް ފެށޭނެ ކަމުގެ އުފާވެރިކަމުގެ ހަބަރު އަޅުގަނޑުމެން ދެން،" އަދީބު ވިދާޅުވ އެވެ.

އެޓީމްގައި ޗައިނާގެ އިންޖިނިއަރުންނާއި އެކު 20 މެންބަރަކު ހިމެނެ އެވެ. އެ ޓީމުން މާލެ އާއި ހުޅުމާލެއާ ދެމެދު ކަނޑުތެރޭގައި ވެސް ދިރާސާތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބްރިޖްގެ މަސައްކަތް ކުރާއިރު، 30 ހެކްޓަރުގެ ހުސް ބިމެއް މަސައްކަތް ކުރާ ކުންފުނިން ބޭނުންވާތީ އެކަމަށް ވެސް އޮޕްޝަންތަކެއް ދީފައިވާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. އެގޮތުން ތިލަފުށީގައި ހިއްކާފައިވާ ބިމާއި ހުޅުމާލޭގައި އަލަށް ހިއްކި ބިން ދެވިދާނެ ކަމަށް ބުނެފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ބިން މަސައްކަތް ނިމުމަށް ފަހު އަޅުގަނޑުމެންނާ ހަވާލުކުރާނެ، އެއީ ހަމައެކަނި ކޮންސްޓްރަކްޝަންގެ ބޭނުމަށް އެބޭފުޅުންނާ ހަވާލު ކުރާ ބިމެއް،" އަދީބު ވިދާޅުވި އެވެ. 

މިހާތަނަށް ބެލި ބެލުމުން މާލެ ފަޅިން ބްރިޖް ގުޅުވާލަން އެންމެ އެކަށޭނަ ސަރަހައްދަކަށް ފެނުނީ، ހެންވޭރު ކޮޅުން އައަމީނީ މަގާއި ބޮޑު ތަކުރުފާނު މަގު ގުޅޭ ސަރަަހައްދު ކަމަށެވެ. އަދި ހުޅުލެއިން ބްރިޖް ގުޅާލާނީ ރަންވޭ ކޮޅުން އިތުރަށް އެ ސަރަހައްދު ހިއްކައިގެން ކަމަށް ދިރާސާތަކުން ހާމަވެފައި ހުރި ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. 

ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރުމަށް މިހާރު އައިސް މަސައްކަތް ކުރާ ޓީމުގެ މަސައްކަތް ފެނިގެންދާނެ ކަމަށެވެ.

"ކުރިން އައި ޓީމްތަކުން މަސައްކަތް ކުރީ ސަރުކާރުގެ އޮފީސްތަކުގައި. އެކަމަކު މިފަހަރުގެ ޓީމްތަކުން ފީލްޑުގައި މަސައްކަތް ކުރާތަން ފެނޭނެ،" ޝަރީފު ވިދާޅުވި އެވެ.