ހަބަރު

ފެނުގެ ޑިމާންޑް މަތިވެ، ފެން ވިއްކުން ލިމިޓްކޮށްފި

މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަށް ވާތީ، މިނަރަލް ވޯޓާ ފެންފުޅީގެ ޑިމާންޑް ވަރަށް ބޮޑަށް މައްޗަށް ގޮސް، ފިހާރަތަކުން ފެން ލިބުން ދަތިވެއްޖެ އެވެ. އެހެން ކަމުން ފިހާރަތަކުން ފެން ވިއްކާ އަދަދު ވެސް މިދުވަސްވަރު ވަނީ ވަރަށް ބޮޑަށް ލިމިޓްކޮށްފަ އެވެ.

މާލޭގައި އެންމެ ވަރުގަދަޔަށް ފެން އުފައްދާ، ތާޒާ އާއި ލައިފް ބްރޭންޑްގެ ފެނުގެ ތެރެއިން ލިބުން ދަތިވެފައި ވަނީ 500 އެމްއެލްގެ ފެންފުޅިއާއި 1.5 ލީޓަރުގެ ފެންފުޅި އެވެ.

"އަވަސް"އިން ސުވާލު ކުރި ގިނަ ފިހާރަތަކުން ބުނީ އޯޑަރު ޖަހާވަރަށް ތާޒާ އާއި ލައިފް ފެންފުޅި ސަޕްލައިން ނުކޮށްދޭތާ މަހެއްހާ ދުވަސްވެފައިވާ ކަމަށާއި ނަމަވެސް އެ ފެންފުޅިތަކަށް ބޮޑު ޑިމާންޑެއް އޮންނަ ކަމަށެވެ. އެހެންކަމުން ކުދި އަދި މެދު ސައިޒުގެ ފެންފުޅިތައް ވިއްކަނީ ލިމިޓުކޮށްގެން، މީހަކަށް ވަކި އަދަދަކަށް ކަމަށް ފިހާރަތަކުން ބުންޏެވެ. ފިހާރަތަކުގެ އިތުރުން ލައިފް އާއި ތާޒާ ފެން ގެންނަ އޮފީސްތަކަށް ވެސް ފެން ނުލިބުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ.

"ހޫނު ގަދަވުމާއެކު މި ދުވަސްވަރު އެންމެ ޑިމާންޑު ބޮޑީ 500 އެމްއެލްއާ 1.5 ލީޓަރުގެ ފެންފުޅި. ނަމަވެސް އެ ދެ ފުޅި އެއްވެސް ވަރަކަށް ނުލިބޭ. ބައެއް ސަޕްލަޔަރުން އެއްގޮތަކަށް ފޯނުވެސް ނުނަގާ. އަދި ފެންފުޅި ނުލިބޭންވީ ވަކި ސަބަބެއް ވެސް ނުބުނޭ. އެހެންވެ ގިނަ ކަސްޓަމަރުން އެކަމާ ވަރަށް ކަންބޮޑުވުން ފާޅު ކުރޭ،" ހެންވޭރުގައި ހުރި ފިހާރައެއްގެ މެނޭޖަރެއް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން "ލައިފް" ފެން އުފައްދާ، ހެޕީ މާކެޓުގެ ޖެނަރަލް މެނޭޖާ އަލީ އިހުސާން "އަވަސް"އަށް ވިދާޅުވީ މި ދުވަސްވަރު ކޮންމެ އަހަރަކުވެސް އެންމެ ހޫނުގަދަ ދުވަސްވަރަށްވުމުގެ ސަބަބުން ފެނަށް ބޮޑު ޑިމާންޑެއް އޮންނަ ކަމަށެވެ. ނަމަވެސް ތާޒާ ފެން އުފެއްދުން ކޮންމެވެސް ވަރަކަށް މަޑުޖެހުމާ އެކު، ލައިފް ފެނަށް އޮންނަ ޑިމާންޑު ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ ކަމަށް އިހުސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މި ދަނޑިވަޅާދިމާކޮށް ލައިފް ފެން އުފައްދާ މެޝިނަށް ވެސް ދިމާވި ޓެކްނިކަލް މައްސަލައާ ގުޅިގެން ފެން އުފައްދާ މިންވަރު މަދުވެފައިވާ ކަމަށާއި އޭގެ ސަބަބުން ޑިމާންޑާ އެއްވަރަށް ފެން ފޯރުކޮށްދިނުމުގައި ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށް އިހުސާން ވިދާޅުވި އެވެ.

"ޕްރޮޑަކްޝަންގެ ޖެހުނު މައްސަލައަކާ ގުޅިގެން މިހާރު ދުވާލެއްގެ މައްޗަކަށް 150 އާ 200 ކޭހުގެ މަަދުވުމެއް އުޅޭ ކުދި ސައިޒުތަކުން. އޭގެ އިތުރުން ހޫނު މޫސުމާ ގުޅިގެން ރާއްޖެތެރެއަށް ގެންދިޔުމަށް ބޯޓު ފަހަރަށް ފެން ނަގާ މިންވަރު ވެސް ކުރިޔަ އަޅާ ބަލާފައި ވަނީ އިތުރުވެފައި ވަނީ. ދެން ބޯޓަށް އަރުވާލީމަ މާލެއަށް ވަންނަ ވަރު މަދު ވަނީ،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި އަންނަ ހަފްތާ ތެރޭގައި މެޝީންގެ މައްސަލަ ހައްލުކޮށް ޑިމާންޑާ އެއްވަރަށް ލައިފް ފެންފުޅި އުފައްދަން ފަށާނެ އެވެ. ނަމަވެސް މައްސަލާގައި އައިލެންޑް ބެވަރޭޖާޒްގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފަ އެވެ.