ވިޔަފާރި

އޭއައިއައިބީގެ ފައުންޑާ މެންބަރަކަށް ރާއްޖެވުމުން، ލުއި ގޮތެއްގައި ލޯނު ލިބޭނެ: ސަރުކާރު

ގިނަ ގައުމުތައް ގުޅިގެން ގާއިމުކުރާ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއިއައިބީ) ގެ ފައުންޑާ މެންބަރެއްގެ ގޮތުގައި ރާއްޖެ ހަމަޖެހުމުން ތަރައްގީގެ މަޝްރޫއުތަކަށް މިހާރަށް ވުރެ ފައިސާހައިން ލޯނު ލިބޭ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ އޭއައިއައިބީގެ ފައުންޑާ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ހަމަޖެހިފައިވާ ކަމަށާއި، މި ވަގުތު މި ބޭންކުގެ ފައުންޑާ މެންބަރުންގެ ގޮތުގައި 30 ގައުމު އެބައޮތް ކަމަށެވެ.

" އޭއައިއައިބީގެ ފައުންޑިން މެންބަރެއްގެ ވުމުގެ މުއްދަތު އިއްޔެ ހަމަވީ. ހަމަވިއިރު މި އޮތީ 30 ގައުމު. އިތުރު 14 އެޕްލިކޭޝަނަށް އެބައުޅޭ. އެއްވެސް ގައުމަކަށް ފައުންޑިން މެންބަރަކަށް ވެވެނީ ހުރިހާ ގައުމަކުން ރުހުން ދިނީމަ. ލަފާ ކުރެވޭ ގޮތުގައި 46 މެންބަރުން ފައުންޑިން މެންބަރުންނަށް ވެގެންދާނެ. އޭގެ ފަހުންވެސް ބައެއް ގައުމުތަކުން މެންބަރުންނަށް ވާނެ،" މުންދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ނިޔަލަށް އޭއައައިބީ އުފެދިގެން ދާއިރު، ބޭންކު ފަށަނީ 50 ބިލިއަން ޑޮލަރުގެ ކެޕިޓަލަކާއިއެކުގައި ކަމަށެވެ. އަދި މިހާރުވެސް މި ބޭންކުގެ މެންބަރު ގައުމުތަކަށް ލޯނު ދޫކުރުމުގެ ގޮތުން ޕްރޮޕޯސަލްތައް ބަލައި ގަންނަން ފަށާފައިވާ ކަމަށެވެ.

"މި އަހަރުގެ ނިޔަލަށް އޭއައައައިބީ ފޯމް ވެގެންދާނެ. އޭގެ ކުރިން ޕްރިޖެކްޓް ޕްރޮޕޯސަލްތައް ބަލައި ގަންނަން ފަށާނެ.ރާއްޖޭން ތައްޔާރުވަމުން ދަނީ ބިޔަ ޕްރޮޖެކްޓްތައް އޭއައިއައިބީއަށް ދީލާމުމަށް. އޭއައިއައިބީ ފެށިގެން އަންނައިރު ރާއްޖެއަކީ ބޯޑު މެންބަރަކަށް ވީތީ ބޭންކް ބައްޓަން ކުރުމަށް ވެސް އިސް ދައުރެއް ލިބޭ،" މުންދު ވިދާޅުވި އެވެ.

އޭއައިއައިބީގައި ރާއްޖެ ތަމްސީލް ކުރަނީ ސަރުކާރުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ކުރީގެ ފިނޭންސް މިނިސްޓަރުކަން ކުރެވި އާރިފް ހިލްމީ އެވެ.

މިނިސްޓަރު ވިދާޅުވީ މި ބޭންކަކީ ޕްރައިވެޓް ސެކްޓާއަށް ވެސް އެހީވެދޭ ބޭންކެއް ކަމަށެވެ.

"މީގެ އެއް އެޑްވާންޓޭންޖަކީ. މި ބޭންކުގެ ފެސިލިޓީއަކަށް އަޅުގަނޑުމެން ރިކުއެސްޓްކުރާއިރު ޕްރޮޕޯސަލެއް ހުށަހަޅަންވީ މީގެ ކޮންމެ މަޝްރޫއަކަށް ވެސް. މި ބޭންކުގެ ސަބަބުން ދިވެހި ކުންފުންޏަކަށް އިންޑިއާގެ ޕްރޮޖެކްޓަކަށް ވެސް ކުރިމަތިލެވޭ. އޭރުން އެ ކުންފުންޏަކީ ގާބިލް ކުންފުންޏެއް ނަމަ ފައިނޭންސް ކޮށްދޭނެ،" މޮންދު ވިދާޅުވި އެވެ.