ދުނިޔެ

ސައުދީ އާރަމްކޯއަށް ދޭން އުޅުނު ބޮމުގެ ހަމަލާއެއް ހުއްޓުވައިފި

ސައުދީ އަރަބިއްޔާގެ ގަައުމީ ތެޔޮ ކުންފުނި އާރަމްކޯގެ ފިއުލްޓާމިނަލް އަކަށް އިއްޔެގައި ދޭން އުޅުނު ބޮމުގެ ހަމަލާއެއް ސައުދީ ސިފައިން ހުއްޓުވައިފިއެވެ.

ސައުދީ އިންޓީރިއާ މިނިސްޓްރީއާ ހަވާލާދީ އަލް އަރަބް ނޫހުން ބުނީ ޔަމަނުގެ ކުދި ޖަޒީރާތަކުގެ ތެރެއިން ޖަޒީރާއަކުން ފުރައިގެން އައި ގޮވާ ތަކެތިން ބަރުކޮށްފައިވާ އުޅަނދުތަކެއް ސައުދީ ސިފައިން ހުއްޓުވީ އާރަމްކޯގެ ފިއުލްޓާމިނަލްއާ ދިމާލަށް ދަތުރުކުރީ ގަޑިއަކު 34 މޭލުގެ ބާރުމިނުގައި ކަމަށެވެ. އެ އުޅަނދުތައް ހުއްޓުވަން އުޅުމުން އެނގުނީ އޭގައި މީހަކު ނެތް ކަމާއި އެއީ ރިމޯޓްކޮންޓްރޯލުން ދުއްވާ އުޅަނދުތަކެއް ކަން ކަމަށް ވެސް އެނޫހުން ބުންޏެވެ.

އިންޖީނުތަކަށް ބަޑި ޖަހައިގެން އެ އުޅަނދުތައް ހުއްޓުވުނު އިރު އެ އުޅަނދުތައް ވަނީ ފިއުލް ޓާމިނަލް އާ 1.5 މޭލަށް ކައިރިވެފައެވެ. ސައުދީ އަރަބިއްޔާގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ސިފައިންނާއި އެގައުމުގެ ކަނޑުގެ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހުއްޓުވި އެ އުޅަނދު ތަކުގައި ބާރުގަދަ ގޮވާތަކެތި ހުށްޓެވެ. ސައުދީ ސިފައިން ވަނީ ކަނޑުމަތީގައި އެތަކެރި ނައްތާލާފައެވެ.

ސައުދީ އިންޓީރިއާ މިނިސްޓްރީން ބުނެފައި ވަނީ ހާދިސާއާ ބެހޭ މައުލޫމާތު އާއްމުކުރީ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގައި އެގައުމުގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ސިފައިންގެ ގާބިލުކަން ހުރި މިންވަރު ހާމަ ކުުރުމަށް ކަަމަށެވެ.