ހަބަރު

ގާސިމް ވާހަކަ ދެއްކީ ލީޑަރުގެ ހައިސިއްޔަތުން ތާއީދު ހޯދަން: ވަކީލުން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރިޝްވަތު ދެއްވަން އުޅުނު ކަމަށް ދައުލަތުން ބުނާ ވާހަކަތަކަކީ އެމަނިކުފާނު ޕާޓީ ލީޑަރުގެ ހައިސިއްޔަތުން ދެއްކެވި ވާހަކަތަކެއް ކަމަށާއި އެއީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށް މިއަދު ޝަރީއަތުގެ މަޖިލީހުގައި ގާސިމްގެ ދިފާއީ ވަކީލުން ވިދާޅުވެއްޖެ އެވެ.

ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ގޮޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ. އެ ދައުވާތައް އުފުލާފައިވަނީ ކުނޫޒު ޖަލްސާއެއްގައި އެމަނިކުފާނު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެ ރޭ އެމަނިކުފާނު ވިދާޅުވެފައިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ވޯޓު ދެއްވައި މެންބަރުންނަށް ޓިކެޓް ހޯދަވައިދެއްވާނެ ކަމަށާއި އެހެން ގޮތްގޮތުން ވެސް އެހީތެރިކަންވެ ދެއްވާނެ ކަމަށެވެ.

މިއަދު ޝަރީއަތުގެ މަޖިލީހުގައި ވަނީ ގާސިމް އެ ރޭ ދެއްކެވި ވާހަކައިގެ ބައެއް އަޑުއިއްވާފަ އެވެ.

އޭގެފަހުން ގާސިމްގެ ފަރާތުން ވަނީ ދައުވާއަށް ޖަވާބުދާރީވެފަ އެވެ. މިއަދު ޖަވާބުދާރީވެފައިވަނީ ހަމައެކަނި ރިޝްވަތު ދޭން އުޅުމުގެ ދައުވާއަށެވެ. ދައުވާތަކަށް ގާސިމް ވަނީ އިންކާރު ކުރައްވާފަ އެވެ. އަދި ދައުވާގެ ސީގާގައި ބުނާ އިބާރާތުން ގާސިމް ވާހަކަ ނުދައްކަވާ ކަމަށް ބުނެފަ އެވެ.

ދައުވާއަށް ޖަވާބު ދެއްވަމުން ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ، ރިޝްވަތު ދެއްވަން ގާސިމް އުޅުއްވި ކަމަށް ދައުލަތުން ބުނާއިރު އެ ރިޝްވަތު ދެއްވި ވަކި މީހެއް ނުވަތަ ބައެއް ދައުލަތުން ބުނެދޭން ޖެހޭ ކަމަށެވެ. ރިޝްވަތު ރައްދުވާ ފަރާތެއް ނޭނގޭ ކަމަށެވެ. އެއީ މަޖިލިސް މެންބަރެއްނަމަ ކޮން މަޖިލިސް މެންބަރެއްކަން އެނގެން ޖެހޭނެ ކަމަށެވެ.

ހިސާން ވިދާޅުވީ ގާސިމް ހުށަހެޅުއްވި މަންފާއަކީ ކޮބައިކަން ވެސް ދައުލަތުން ބުނެދޭން ޖެހޭނެ ކަމަށެވެ. އަދި އެއީ ގާނޫނީ ގޮތުން މަނާ މަންފާއެއްތޯ ވެސް ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. ދާއިރާގެ ޓިކެޓް ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއްތޯ ވެސް ހިސާން ސުވާލު ކުރެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ލާން ބުނުމަކީ ނުފޫޒު ފޯރުވުމަށް ވަނީ ކިހިނެއްތޯ ވެސް ދައުލަތުން ސާފުކޮށްދޭން ޖެހޭނެ ކަމަށް ހިސާން ވިދާޅުވި އެވެ. އަދި، ވޯޓު ނުދޭން ބުނުމަކީ ކުށެއްތޯ ވެސް ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސިޔާސީ ހަރަކާތް ހިންގުމަކީ އަސާސީ ހައްގެއް ކަމަށާއި އަދި ގާސިމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ވެސްމެ ކަމަށެވެ. އެ ރޭ ގާސިމް ދެއްކެވި ވާހަކަތަކަކީ ގުޅިފައިވާ ޕާޓީތަކުގެ ހުރިހާ ލީޑަރުންގެ ފަރާތްޕުޅުންނާއި ޖުމްހޫރީ ޕާޓީގެ ލީދަރުގެ ހައިސިއްޔަތުން ދެއްކެވި ވާހަކަތަކެއް ކަމަށް ހިސާން ފާހަގަކުރެއްވި އެވެ. އެއީ ގާސިމްގެ ޒިންމާއެއް ކަމަށެވެ. ގާނޫނު އަސާސީ 27 ވަނަ މާއްދާއިން ލިބޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގާސިމަށް ވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"ބަޔަސް ނުބެޔަސް 1000 ލިބޭނެ" ނުވަތަ "ހުސްނުވާ އާސަންދަ" ފަދަ ވައުދުތަކަކީ ޕާޓީތަކުންވެފައިވާ ވައުދުތަކެއް ކަމަށާއި އެއީ މުޖުތަމައުގައި ކުށެއްގެ ގޮތުގައި ބަލާ ކަންކަން ނޫން ކަމަށެވެ. އިންތިހާބަށް ދިމާކޮށް އިންތިހާބު ކުރުމަށް އެފަދަ ވައުދުތައް އަބަދުވެސްވާ ކަމަށާއި އެއީ ކުށަކަށް ހަދާނަމަ އިންތިހާބަށް ވާދަކުރައްވާ އެއްވެސް ބޭފުޅަކަށް ރިޝްވަތު ނުދެއްވި ނުހުންނާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުލްސަލާމް އަބޫބަކުރު ވިދާޅުވީ، ގާސިމް އެ ރޭ ދެއްކެވި ވާހަކައިގެ ކުޑަ ތަންކޮޅެއް ނަގައިގެން އެއިން ވަކި އެއްޗެއް މާނަކޮށްގެން ކުށްވެރިކުރަން އުޅުމަކީ ދައުލަތުން އަމަލުކުރަން ޖެހޭނެ ގޮތް ނޫން ކަމަށެވެ. އެ ވާހަކަ ދެއްކި މާހައުލާއި ހާލަތަށް ވެސް ބަލަންޖެހޭނެ ކަމަށެވެ.

ނޫރު އިތުރަށް ވިދާޅުވީ، މައްސަލާގައި ހުށަހަޅާފައިވާ ފޮރެންސިކް ރިޕޯޓަކީ ގާނޫނާ ހިލާފަށް ފުލުހުން ހޯދާފައިވާ ރިޕޯޓެއް ކަމަށެވެ. އެއީ، ގާސިމް ހަނު ހުރުމުގެ ހައްގު ބޭނުން ކުރުމުން ކޯޓު އަމުރެއް ދައްކައި އެއާ ހިލާފުވެއްޖެނަމަ އިތުރު މައްސަލައެއް ކުރިމަތިވެދާނެ ކަމަށް ބުނެ ފުލުހުން އިންޒާރުދީފައިވާތީ ކަމަށް ނޫރު ވިދާޅުވި އެވެ. ނޫރު އެ ވާހަކަތައް ވަނީ މައްސަލާގެ ރިޔާސަތު ބަލަހައްޓަވާ އިސްގާޒީ އަބްދުލް ބާރީ ޔޫސުފް ހުއްޓުވާފަ އެވެ.

ގާޒީ ބާރީ ވިދާޅުވީ، ކޯޓު އަމުރެއް އޮތްނަމަ އެއީ ގާނޫނާ ހިލާފުވުން ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި އެ ވާހަކަ ނުވެސް ދެއްކޭނެ ކަމަށެވެ. ގާސިމް ފަހުން ވަނީ އެކަން ހިނގި ގޮތް ސާފުކޮށްދެއްވާފަ އެވެ. ގާސިމް ވިދާޅުވީ، އެމަނިކުފާނަށް ކޯޓު އަމުރު ދެއްކެވީ ހަނު ހުންނެވި ފަހުން ކަމަށެވެ.

ދިފާއުން ދެއްކި ވާހަކަތަކަށް ރައްދު ދިނުމަށް ދައުލަތަށް ފުރުސަތު ދިނުމުން ދައުލަތުގެ ވަކީލް ވިދާޅުވީ ގާސިމް ވާހަކަ ދައްކަވާފައިވާކަމަށް ދިފާއުން އިންކާރު ނުކުރާ ކަމަށާއި ވާހަކަ ދައްކާފައިވަނީ ލީޑަރުގެ ހައިސިއްޔަތުން ކަމަށް ވެސް ބުނެފައިވާ ކަމަށެވެ. އެ ވަކީލް ވިދާޅުވީ ގާސިމްގެ މައްޗަށް ކުރަނީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ ކަމަށާއި ރިޝްވަތު ދިން ދައުވާ ނޫން ކަމަށެވެ. އެހެންކަމުން ރިޝްވަތު ދިން ވަކި ބައެއް އެނގެން ނުޖެހޭ ކަމަށެވެ. ނަމަވެސް ރިޝްވަތު ހުށަހެޅީ މަޖިލިސް މެންބަރުންނަށްކަން އެނގޭ ކަމަށެވެ. އެއީ އެ ވޯޓަކީ ހަމައެކަނި މަޖިލިސް މެންބަރުންނަށް ބައިވެރިވެވޭނެ ވޯޓަކަށްވާތީ ކަމަށެވެ.

ދައުލަތުން ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށް އެދިފަ އެވެ. އެހެންކަމުން ފަސް ދުވަހުގެ ފުރުސަތު ވަނީ ޝަރީއަތުން ދެއްވާފަ އެވެ. އެ އަޑުއެހުމުގައި ގާސިމްގެ މައްޗަށް އުފުލާފައިވާ އަނެއް ދެ ދައުވާއަށް ގާސިމްގެ ފަރާތުން ވެސް ޖަވާބުދާރީވާނެ އެވެ. މައްސަލަ ބައްލަވާ ބެންޗްގައި ގާޒީ ބާރީގެ އިތުރުން ދެން ތިއްބަވަނީ ގާޒީ އަހުމަދު ޝަކީލާއި ގާޒީ އާދަމް އާރިފެވެ.