ބޮލީވުޑް

ސަލްމާންގެ ތިން ބޮޑީގާޑަކު ވަޒީފާއިން ވަކިކޮށްފި

Apr 28, 2017

ސަލްމާން ޚާންގެ ޒާތީ ދިރިއުޅުމުގެ ބައެއް މައުލޫމާތުތައް މީޑިއާއާ ހިއްސާ ކުރާ ކަމަށް ބުނެ އޭނާގެ ތިން ބޮޑީ ގާޑަކު ވަޒީފާއިން ވަކިކޮށްފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ސަލްމާން އޭނާގެ ތިން ބޮޑީގާޑަކު ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ ޒާތީ ދިރިއުޅުމުގެ ވާހަކަތައް މީޑިއާތަކާ ހިއްސާ ކުރާކަން ފަޅާ އެރުމުންނެވެ. އެގޮތުން އޭނާގެ ބޮޑީގާޑުން ވަނީ ސަލްމާން ދާ ތަންތަނާއި ބައްދަލުކުރާ މީހުންގެ އިތުރުން ޕާސަނަލް ލައިފްގެ ވެސް ވަރަށް ގިނ ވާހަކަތައް ލީކުކޮށްލާފަ އެވެ.

އިތުބާރު ނުކުރާ މައްސަލައެއްގައި ތިން ބޮޑީ ގާޑަކު ވަޒީފާއިން ވަކިކޮށްފައިވީ ނަމަވެސް ސަލްމާން ވަނީ އޭނާގެ އެންމެ ވަފާތެރި ބޮޑީގާޑު ޝެރާ ވަޒީފާގައި ބަހައްޓާފަ އެވެ. ސަލްމާން ކޮންމެ ތަނަކަށް ދިޔައަސް އޭނާގެ އެންމެ ކައިރީގައި ޝެރާ ފާރަވެރިވެގެން ހުރެ އެވެ. ބުނެވޭ ގޮތުގައި ޝެރާއަކީ ސަލްމާންގެ އެންމެ ވަފާތެރި ބޮޑީގާޑެެވެ.

މިފަހުން ސަލްމާން ވަނީ އޭނާގެ ކަންކަން މެނޭޖްކުރަމުން އައި ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ވެސް އުވާލާފަ އެވެ. މެޓްރިކްސް ކިޔާ ކުންފުންޏަކާއެކު ސަލްމާން މަސައްކަތް ކުރަމުން އައީ ފާއިތުވި 14 އަހަރުން ފެށިގެންނެވެ. ނަމަވެސް އޭނާގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި ރޭޝްމާ ޝެޓީއާ ދެމެދު ޖެހުނު މައްސަލައެއްގައި އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން އުވާލައި ވަނީ އޭނާގެ ހުރިހާ ފިލްމީ މަސައްކަތްތައް މެނޭޖްކުރަން އާއިލާއާ ވަނީ ހަވާލުކޮށްފަ އެވެ.

ބުނެވޭ ގޮތުގައި ސަލްމާން، ރޭޝްމާ ވަޒީފާއިން ވަކިކޮށްލީ އޭނާ ކޮއްކޮ ސޮހެއިލް ޚާން އާއެކު ފިލްމެއްގައި މަސައްކަތްކުރަން އުޅުމުން އެކަން ނުކުރަން ލަފާދިނުމުންނެވެ ސަލްމާންގެ އާއިލާ އަކީ އެއްބަނޑު އެއްބަފާ ހުރިހާ ކުދިން ވެސް ވަރަށް ގުޅިގެން އުޅޭ އާއިލާ އަކަށް ވީއުރު، އެމީހުންގެ މެދުގައި މައްސަލަ ޖެހޭނެ އެއްވެސް ޖާގައެއް ދޭކަށް ސަލްމާން ބޭނުމެއްނުވެ އެވެ.

އެގޮތުން މި ހަފްތާގެ ތެރޭގައި ނިމުނު ސަލްމާންގެ ދަބަންގް ޓުއާ އިންތިޒާމުކޮށްފައިވަނީ ވެސް ސޮހެއިލް އެވެ.

ސަލްމާން ދެން އެންމެ އަވަހަށް ފެނިގެންދާނީ ޖޫން މަހުގައި ރިލީޒްކުރާ ކަބީރް ޚާންގެ "ޓިއުބްލައިޓް" އިންނެވެ. ސަލްމާން މިހާރު އަންނަނީ ކެޓްރީނާ ކައިފާއެކު ކުޅޭ ފިލްމު، "ޓައިގާ ޒިންދާހޭ" ގެ މަންޒަރުތައް ނަގަމުންނެވެ.