ވިޔަފާރި

އިމާރާތް ކުރާ ތަންތަނުގައި އަންނަ އަހަރު ސޭފްޓީ ޑްރިލްތައް ބާއްވަނީ

Apr 27, 2017

އިމާރާތް ކުރާ ތަންތަނުގައި އަންނަ އަހަރު ސޭފްޓީ ޑްރިލްއެއް ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބުނެފި އެވެ.

އެސްޓީއޯ އިން އިންތިޒާމުކޮށްގެން މަސީއާ ގުޅިގެން ޗަމްޕާ ސެންޓްރަލްގައި އިމާރާތް ކުރުމުގެ ދާއިރާގެ ސަލާމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ އިމާރާތް ކުރާ ތަންތަނުގެ ސަލާމްތެރިކަން ޔަގީން ކުރުމަކީ އެ ޖަމިއްޔާއިން ވަރަށް މުހިންމުކަން ދޭ ކަމެއް ކަމަށާއި އެހެންވެ އަންނަ އަހަރު އެސްޓީއޯ އާއި ކަމާބެހޭ ފަރާތްކާއެކު ސޭފްޓީ ޑްރިލްއެއް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މި ދުވަސް [އިމާރާތް ކުރާ ތަންތަނުގެ ސަލާމްތެރިކަމާ ބެހޭ ބައިނަލް އަގުވާމީ ދުވަސް] ފާހަގަ ކުރުމުގެ ގޮތުން ހުރިހާ ސައިޓްތަކުގައި މަސައްކަތް ހުއްޓާލައި، ސަލާމަތްތެރިކަމާ ބެހޭގޮތުން ހޭލުންތެރި ކުރުވުުމުގެ މަސައްކަތްތަކެއް ކުރެވޭނެ. މިގޮތުން މަސައްކަތް ކުރަމުން މިދަނީ ސޭފްޓީ ޑްރިލްއެއް ބާއްވަން،" ޖަނާހު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ އިމާރާތް ކުރާ ދާއިރާ ތަރައްގީ ކުރުމަށް މަސީއާ ގުޅިގެން އެ ޖަމިއްޔާއިން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖެ ތަރައްގީވަމުންދާއިރު، މިކަމަކީ އެންމެ މުހިންމު ކަންތައް ކަމަށް ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯއިން މަސީއާ ގުޅިގެން ސަލާމްތެރިކަމާ ބެހޭ މަސައްކަތު ބައްދަލުވުމެއް ފެށިއިރު، ރާއްޖޭގައި ދޭތެރެއިން ނުރައްކާތެރި ހާދިސާތައް ހިނގަމުންދެ އެވެ. މިގޮތުން މިފަދަ ހާދިސާތަކުގައި މި އަހަރުވެސް ބައެއް މީހުން މަރުވެފައިވެ އެވެ.