ހަބަރު

ފޯނު ނިއްވާލީ ރިޔާޒު އަމިއްލައަށް: ފުލުހެއް

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ ފޯނު ނިއްވާލާފައިވަނީ އޭނާ އަމިއްލައަށް ކަމަށް މިއަދު ޝަރީއަތުގެ މަޖިލީހުގައި ފުލުހަކު ބުނެފި އެވެ. މިހެން ބުނެފައިވަނީ ރިޔާޒުގެ މައްސަލާގައި ބަޔާން ނެގުމަށް ހަރަކާތްތެރިވި ފުލުހެއް ކަމަށްވާ މުހައްމަދު އަދްހަމެވެ.

ދައުލަތުން ހުށަހެޅި ހަތަރު ފުލުހުންގެ ހެކި ބަހުން ވެސް ރިޔާޒުގެ ފޯނު ނިވާލި މީހެއް ނޭނގި ވަނިކޮށް މިއަދު ހެކި ބަސް ދެމުން އަދްހަމް ބުނެފައިވަނީ ރިޔާޒުގެ ފޯނަށް ކޯލްތަކާއި މެސެޖްތައް އަންނަމުންދާތީ ފޯނު ފްލައިޓް މޯޑަށްލުމަށް ރިޔާޒުގެ އަތަށް ދިނުމުން އެ ފޯނު ނިއްވާލީ ކަމަށެވެ. އަދްހަމް މިހެން ބުނެފައިވަނީ ރޭ ހެކިބަސް ދިން ފުލުހެއް ކަމަށްވާ އާރިފް އަލީއާ ހަވާލާދީ އެވެ. އެ މަންޒަރު އަދްހަމަކަށް ނުފެނެ އެވެ. އެއީ އާރިފް، އަދްހަމް ކައިރީ ބުނެފައިވާ ވާހަކަ އެކެވެ.

މިކަމާ ގުޅިގެން ރިޔާޒުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް ހިސާން ހުސެއިން ވަނީ ހެކިބަސް ދެމުން ބުނަން ޖެހޭނީ އަމިއްލަަށް އެނގޭ މައުލޫމާތު ކަމަށް ވިދާޅުވެ ޝަރީއަތުގެ ސަމާލު ކަމަށް އެކަން ގެނެސްފަ އެވެ.

އަދްހަމް އިތުރަށް ބުނީ، ރިޔާޒު ޕިން ކޯޑް ނުދިން މައްސަލާގައި އޭނާއާ ސުވާލުކޮށް ބަޔާން ނެގީ އޭނާ ކަމަށެވެ. އަދި، ކޯޓު އަމުރުގައި ޕިން ކޯޑް ދިނުމަށް ބުނެފައިވާ ނުވާ ކަމަށް ވިދާޅުވެ ޕިން ކޯޑް ދިނުމަށް ރިޔާޒު އިންކާރު ކުރައްވާ ކަމަށެވެ. އަދްހަމްއަކީ ޝަރީއަތުގެ ބޭނުމަށް ހާޒިރުކުރި ހެއްކެވެ.

ޝަރީއަތުގެ ބޭނުމަށް އިތުރު ފުލުހެއްގެ ހެކި ބަސް ވަނީ ނަގާފަ އެވެ. އެއީ، ވެސް ޕިން ކޯޑް ނުދިން މައްސަލަ ތަހުގީގުކުރުމުގައި ބައިވެރިވި ފުލުހެކެވެ. އަލީ ނަޖީބު ނަމަކަށްކިޔާ މި ފުލުސް މީހާ ބުނީ، އޭނާއަށް ރިޔާޒުގެ ފޯނު ފެނުނީ، ރިޔާޒުގެ މައްޗަށް ޝަރީއަތް ފެށި، ޝަރީއަތުގެ އަޑުއެހުމަކަށް ރިޔާޒުގެ ފޯނު ގެންނަން ޖެހުނު ރޭ ކަމަށެވެ. އޭރު ފޯނު އޮތީ ނިވާލާފައިކަން އޭނާ ފާހަގަކުރި އެވެ.

ރިޔާޒު ފޯނު ޕިން ކޯޑް ދެކޮޅު ހެދުމުން ޕިން ކޯޑް ހޯދުމަށް ކޯޓުގައި ވަކި އަމުރަކަށް އެދެވުނު ކަމެއް ރޭ ހެކިބަސް ދިން ފުލުހުންނަށް ސާފެއް ނުވެ އެވެ. ހަމައެހެން މިރޭ ހެކި ބަސް ދިން ފުލުހުންނަށް ވެސް އެކަން ސާފުނުވާކަން ފާހަގަވި އެވެ. ރޭ ހެކިބަސް ދިން ފުލުހުން ބުނީ، ވަކި އަމުރަކަށް އެދުނުކަން ނޭނގެނީ ޑިއުޓީގެ ގޮތުން އެ ގަޑީ އެކި ފުލުހުން މަސައްކަތްކުރާތީ ކަމަށެވެ. މިރޭ އަލީ ނަޖީބު ބުނީ، ވަކި ކޯޓު އަމުރަކަށް އޭނާ އެދިފައިނުވާނެ ކަމަށެވެ. ނަމަވެސް ތަހުގީގުގައި ބައިވެރިވި އިސްމާއިލް ވިލްދާން ކިޔާ ފުލުހަކު އެ އަމުރަށް ކޯޓުގައި އެދުނު ކަމަށެވެ.

އިސްމާއިލް ވިލްދާންއަކީ ރިޔާޒުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފުލުހެކެވެ. އޭނާ މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ ރިޔާޒުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހެކި ބަސް ދޭން އިއުތިރާޒުވެފަ އެވެ. އޭނާ ބުނީ ދައުވާގައިވާ ބުނާ ގަސްދުގައި ހުރަސްއެޅި މުވައްޒަފަކީ އޭނާ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން ރިޔާޒުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހެކިބަސް ދޭން ބޭނުންނުވާ ކަމަށެވެ. އެކަމާ ގުޅިގެން ވަކީލް ހިސާން ވިދާޅުވީ، ހެކިން ހާޒިރުކުރަނީ ވަކި މީހަކާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ހެކިބަސް ދޭން ނޫން ކަމަށެވެ. ކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވައި ހަގީގަތް ހޯދުމަށް ކަމަށެވެ. ހާއްސަކޮށް ފުލުހުން އެގޮތަށް އަމަލުކުރައްވަންޖެހޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ވިލްދާންގެ ހެކި ބަސް ނަގަން ބޭނުން ވަނީ އޭނާއަކީ ތަހުގީގުގައި ބައިވެރި ފުލުހަކަށްވެފައި، ކޯޓުގައި ވަކި އަމުރަކަށް އެދުނުކަން ނުވަތަ ނޫން ކަން އަދިވެސް ސާފުވެފައިނުވާތީ ކަމަށް ހިސާން ވިދާޅުވި އެވެ. ޝަރީއަތުން ވަނީ އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުންނަށް ހުސް ވަގުތު ކޮޅެއް ނަގާފަ އެވެ. ޝަރީއަތުން ނިންމީ ވިލްދާންގެ ހެކި ބަސް ނުނެގުމަށެވެ. އެއީ މަޖުބޫރީ ހާލަތުގައި ހެކިބަސް ނެގުމަކީ ގާނޫނީ ހަމައަކުން ކުރެވޭނެ ކަމަށް ނުވާތީ އެވެ.

މިއަދު 3:00 އަށް ތާވަލުކޮށްގެން ފެށި އަޑުއެހުމުގައި ރިޔާޒުގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި އޭނާގެ ފޯނު ބަލަހައްޓާ މީހާގެ ހެކިބަސް ނަގާފައިވެ އެވެ. އެއީ، ރިޔާޒަށް ބޮޑުބޭބެ ކިޔާ އަމީރު ޝާހެވެ. އޭނާއަކީ ރިޔާޒުގެ ފޯނުގެ ހުރިހާ ކަމެއް ބަލަހައްޓައި، ސްފޮޓްވެއާ އަޕްޑޭޓްކުރުމުގެ ޒިންމާ ރިޔާޒު ހަވާލުކޮށްފައިވާ މީހާ އެވެ.

ހެކިބަސް ދެމުން އަމީރު ބުނީ، ރިޔާޒުގެ ފޯނުގެ ޕިން ކޯޑަކަށް ޖަހަނީ އޭނާ ބޭނުންވާ ކޯޑެއް ކަމަށާއި އެ ކޯޑް ގިނަ ފަހަރަށް ރިޔާޒަށް ނޭނގޭނެ ކަމަށެވެ. ރިޔާޒު ބޭނުން ކުރައްވަނީ ފިންގާޕްރިންޓް ކަމަށެވެ. ރިޔާޒުގެ ފޯނަކީ ނިއްވާލާނެ ފޯނެއް ނޫން ކަމަށް ވިދާޅުވެ ގިނަ ފަހަރަށް ކޯޑް ނުވެސް އައްސަވާ ކަމަށް އަމީރު ބުންޏެވެ. ނަމަވެސް ކޯޑް އައްސަވައިފިނަމަ ކޯޑް ބުނެދޭ ކަމަށް ބުންޏެވެ. ޕިން ކޯޑް ޖަހަން ޖެހެނީ ސޮފްޓްވެއާ އަޕްޑޭޓްކުރާނަމަ ނުވަތަ ފޯނު ނިއްވާލާފަ ހުޅުވާނަމަ ކަމަށް އޭނާ ބުންޏެވެ.

ރިޔާޒުގެ ފޯނު ހިފެހެއްޓިއިރ އޭނާ ހުރީ ރާއްޖެއިން ބޭރުގަ ކަމަށާއި ރިޔާޒު އެނބުރި އައުމަށް އެންގުމުން ރާއްޖެ އައި ކަމަށް އަމީރު ބުންޏެވެ. އޭނާ ބުނީ، ރިޔާޒު ހަނދާން ހުރި ތިން ކޯޑެއް ޖަހައިގެން ވެސް ފޯނު ނުހުޅުވުނު ވާހަކަ ރިޔާޒު ވިދާޅުވި ކަމަށެވެ. އެހެންކަމުން ފަސް ނަންބަރުގެ ކޯޑެއް ރިޔާޒަށް ދިން ކަމަށް އޭނާ ބުންޏެވެ.

މިއަދު ޝަރީއަތުގެ ބޭނުމަށް އިތުރު ފުލުހަކު ވެސް ހާޒިރުކުރި އެވެ. އެއީ ރިޔާޒުގެ ފޯނުގެ ފޮރިންސިކް ރިޕޯޓް ތައްޔާރުކުރި އިސްމާއިލް ޝަފީއު އެވެ. ނަމަވެސް އޭނާގެ ހެކި ބަސް ނެގޭ ގޮތެއް ނުވި އެވެ. އެއީ ފޮރިންސިކް ރިޕޯޓް ރިޔާޒަށް ލިބިފައި ނެތުމުންނެވެ. ދައުލަތުން ސިއްރު އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާއިރު އެ ރިޕޯޓް ނުލިބުނު ސަބަބާ ގުޅޭ ގޮތުން ރިޔާޒުގެ ވަކީލުން ވަނީ ސުވާލު އުފައްދާފަ އެވެ.

މީގެކުރިން ހެކިން ހުށަހަޅަން ދިން ފުރުސަތުގައި ދައުލަތުގެ ވަކީލް ވަނީ ފޮރިންސިކް ރިޕޯޓް ވެސް ހުށަހަޅާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރިޔާޒުގެ ވަކީލުން މިރޭ ވިދާޅުވީ، އެފަދަ ރިޕޯޓެއްގެ ވާހަކަ މީގެކުރިން އެނގިފައިނުވާ ކަމަށެވެ. އެ ރިޕޯޓް ނުލިބުމުން ސުވާލުނުކުރީ ކީއްވެތޯ ގާޒީން އެއްސެވުމުން ވެސް ރިޔާޒުގެ ވަކީލުން ވިދާޅުވީ، އެ ރިޕޯޓަކީ ހުށަހަޅާފައިވާ ރިޕޯޓެއް ކަމެއް އެނގިފައިނުވާ ކަމަށެވެ.

ގާޒީންގެ ބެންޗުން ވިދާޅުވީ، ލިޔެކިޔުންތައް ދޫކުރުމުގައި ކޯޓުން އަދާކުރަނީ މެދުވެރިއެއްގެ ރޯލް ކަމަށާއި ދައުލަތުން ދައުވާ ލިބޭ ފަރާތްތަކަށް ދޫކުރަން ބޭނުންވާ ލިޔުންތައް ކޯޓުން ފޯރުކޮށްދޭނެ ކަމަށެވެ. އެހެންކަމުން އެކަމުގައި ޝަރީއަތުން ޒިންމާ ނަގަން ނުޖެހޭ ކަމަށާއި ލިޔުމެއް ނުލިބިވާނަމަ އެ ލިޔުމެއް ހޯދުމަށް ޝަރީއަތުގައި އެދުމަކީ ދިފާއުގެ ޒިންމާއެއް ކަމަށެވެ.

ދައުލަތުން ބުނި ގޮތުގައި އެގޮތަށް ދިމާވީ ލިޔުންތައް ތަރުތީބުކުރުމުގައި އެޅި އޮޅުމެއްގެ ސަބަބުން ކަމަށެވެ. އެ ރިޕޯޓާއި ފޯނުގެ ޗެއިން އޮފް ކަސްޓަޑީ ދިފާއުއަަށް ދިނުމަށް ދައުލަތުން އިއުތިރާޒް ނުކުރާ ކަމަށް ވެސް ބުންޏެވެ.

އެ ރިޕޯޓް ދިރާސާކޮށް، ރިޕޯޓް ތައްޔާރުކުރި ފުލުހާ ސުވާލުކުރުމަށް ޝަރީއަތުން ވަނީ ފުރުސަތެއް ދިނުމަށް ނިންމާފަ އެވެ. އެކަމަށް އަޑުއެހުމެއް އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. މިރޭ 8:30 ވަނިކޮށް ޝަރީއަތުގެ އަަޑުއެހުން ނިންމާލިއިރު މި މައްސަލާގެ ބެންޗްގައި ތިއްބަވަނީ ގާޒީ އަހުމަދު ޝަކީލާއި ގާޒީ އާދަމް އާރިފާއި ގާޒީ އަލީ އާދަމެވެ.