އަވަސް ވީކެންޑް

ޕެންޝަން ފަންޑުގެ ދުރުމި!

Apr 28, 2017
4

މި އާދައިގެ މަސައްކަތެރިއެއް ނޫނެވެ. މި ރާއްޖޭގައި މީގެ މީހުން ވަރަށް މަދުވާނެ އެވެ. އެންމެ ފުރަތަމަ މަސަައްކަތް ކުރީ ރާއްޖޭގެ ގައުމީ ދިފާއީ ބާރު، ސިފައިން ގޭގަ އެވެ. އެ ތަނުގައި އުޅުނީ އެންމެ 15 ދުވަހު އެވެ. އޭގެ ފަހުން ބޭރަށް ގޮސް މަތީ ތައުލީމް ހާސިލްކޮށްގެން އައިސް މިއަދާ ހަމައަށް ވެސް އެ ދަނީ ގައުމަށް ހިދުމަތް ކުރަމުންނެވެ. ހާއްސަކޮށް ޕެންޝަން އޮފީހުގައި ގިނަ ހިދުމަތްތަކެއް ކުރަމުންނެވެ. މިއީ ޕެންޝަން އޮފީހުގެ ޑައިރެކްޓަރު ފައިނޭންސް އެންޑް ފަންޑު މެނޭޖުމަންޓް، އަބްދުލް ހަލީމް އަބްދުލް ލަތީފު އެވެ. އާއްމު ނަމަކީ ހަލީމް އެވެ.

"ކުރިން ސްކޫލް ނިންމާފަ ސިފައިގެއަށް ވަންނަން ޖެހޭ. އެކަމަކު ސްކޫލް ނިންމާފަ އަޅުގަނޑު ދިޔައީ ރަށަށް. ރަށުގައި ޓިއުޝަން ސެންޓަރެއް ހަދައިގެން އުޅުނީ. އައިތަނާ ސިފައިގެން ވަޒީފާ އަށް ގެންދިޔައީ، އޭރު ދިޔައީ ހޯދަމުން. އެހެންވެ އެ ތަނަށް ވަނީ،" ހަލީމް ސިފައިގޭގެ ތަޖުރިބާ ހިއްސާ ކުރި އެވެ.

ހަލީމް ސިފައިގެ އަށް ވަންއިރު ހުރީ އޭލެވަލް ހަދައިގެންނެވެ. އޭނާ މަސައްކަތް ކުރީ ސިފައިންގެ ފަޔާ ޑިޕާޓްމަންޓުގަ އެވެ. އޭރު އެ ޑިޕާޓްމަންޓުގައި މާ ގިނަ މަތީ ފާސް ތަކެއް ހޯދައިގެން ތިބި މީހުންނެއް ނެތެވެ. އެތަނުގައި ހަލީމްގެ މަސައްކަތަކަށްވީ، އަލަށް ގެނައި ފަޔަރު ލޮރީތަކުގެ މެނުއަލްތަކުގެ ދިވެހި ތަރުޖަމާ ހެދުމެވެ.

"އަޅުގަނޑު އޭރު ލައިކްވާ ކަމެއް ނޫން އޮފީހުގައި ޓައީ އަޅައިގެން އުޅުމަކީ. އެގޮތަށް ބަލާއިރު އެންމެ ރަނގަޅު ތަނަކަށް ފެނުނީ ސިފައިންގެ. އޭރު ސިފައިންގެ އިން ހޯދަން ގެއަށް އާދެ. ދެން ރައްޓެއްސެއް މެދުވެރިކޮށް އެދިގެން ސިފައިންގެ އަށް ދިޔައީ،" ހަލީމް ކިޔައިދިނެވެ.

ހަލީމް ގަބޫލުކުރާ ގޮތުގައި ސިފައިންގެއަކީ އުޅެން އެންމެ ރަނގަޅު އެއް ތަނެވެ. ހާއްސަކޮށް އެތަނުން ދަސްވީ އަހުލާގީ ސިފަ ތަކަކީ އާއްމު ދިރިއުޅުމުގައި މީހަކަށްވުމަށް އެންމެ ބޮޑު އެހީއަކަށްވާ ކަމެވެ. ނަމަވެސް ސުވާލަކީ ހަލީމް ސިފައިން ގޭގައި 15 ދުވަސްވީ ކީއްވެގެން ބާ އެވެ؟

"ސިފައިންގެ އަށް ވަންއިރު ސްކޮލާޝިޕް އަކަށް އެޕްލައި ކޮށްގެން އުޅުނީ. އެހެންވެ އެ ލިބުނީމަ ސިފައިންގެ އިން ކެނޑުނީ،" ހަލީލް ބުންޏެވެ.

ހަލީމް މަތީ ތައުލީމް ހާސިލްކުރީ އޮސްޓްރޭލިޔާ އިންނެވެ. އެ ގައުމުގައި އެކައުންޓިން ބެޗްލާސް ޑިގްރީ ހެދުމުގެ އިތުރު ޗާޓެޑް އެކައުންޓިން ފުރިހަމަކޮށްފައިވެ އެވެ. ހަލީމްއަކީ ޗާޓެޑް އެކައުންޓިން ޔޫކޭގެ އެސޯސިއޭޓެޑް މެންބަރެކެވެ.

ހަލީމް ޕެންޝަން އޮފީހާ ގުޅުނީ 2010 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ވަނީ އެކައުންޓެންޓެއްގެ ވަޒީފާ އަށެވެ. އޭގެ ފަހުން މެނޭޖަރު އެކައުންޓްސްގެ މަގާމުވެސް އަދާ ކުރި އެވެ. ހަލީމް ގަބޫލުކުރާ ގޮތުގައި ޕެންޝަން އޮފީހަކީ އޭނަ މަސައްކަތް ކުރި އެންމެ އުފާވެރި އޮފީހެވެ. އެތަނުގައި މަސައްކަތް ކުރަނީ ވަރަށް ކުރާ ހިތުންނެވެ. ހާއްސަކޮށް ޕެންޝަން އޮފީހުގެ ސީއީއޯ މަނިކުއަކީ އޭނަގެ ބައްޕައެއް ފަދަ ބޭފުޅެކެވެ. މަނިކުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެ އެވެ.

"ޕެންޝަން އޮފީހަކީ ވަރަށް ތަފާތު ތަނެއް. ވަރަށް ރަނގަޅު ޕްރޮފެޝަނަލް މާހައުލެއް އެއީ. މިތަނުން މި ބަލަހައްޓަނީ ގިނަ ބައެއްގެ ފިއުޗާގެ ބައެއް،" ހަލީމް ބުންޏެވެ.

ހަލީމް ޕެންޝަން އޮފީހަށް ވަން ދުވަސްވަރަކީ ޕެންޝަން އޮފީސް އުފައްދައި ފައްކާވަމުން ދިޔަ ދުވަސް ވަރެވެ. އެހެންވެ ޕެންޝަނަރުން ޖަމާކުރާ ފައިސާ މެނޭޖުކޮށް ބެލެހެއްޓުން ފަދަ ކަންތައްތައް ކުރުންވެސްވީ ގޮންޖެހުމަށެވެ. މިހެންވެ ހަލީމް މި ނިޒާމު ގާއިމް ކުރުމުގައި ގިނަ މަސައްކަތް ތަކެއް ކުރި އެވެ.

"ކޮންޓްރިބިއުޝަން ކަލެކްޝަން ވެސް އޭރު [2010] ގައި ވަރަށް ދަތިކޮށް އޮތީ. މިހާރު ކޮށާރު ނިޒާމު އެބައޮތް. މެންބަރުން ދައްކާ ފައިސާ ޖަމާ ކުރުން އޭރު އޮންނަނީ މެނުއަލްކޮށް. އޭރު ހަދާ ގޮތަކީ ބޭންކް ސްޓޭޓްމަންޓް ނަގައިގެން އެ ޖަމާކޮށްފައި. ލިސްޓެއް ގެނެސްގެން ރިކޮންސިއުލޭޝަން ހަދަނީ،" ހަލީމް ބުންޏެވެ.

މި ދުވަސްވަރު ދިމާވި އަނެއް ގޮންޖެހުމަކަށްވީ ޕެންޝަން ފަންޑު އޮޑިޓް ކުރާނެ މީހުން ނެތުމެވެ. ނުވަތަ ތިބި ނަމަވެސް ތިބި އެކަން ރާއްޖެއަށް އާ ވުމެވެ. އެހެންވެ، ޕެންޝަން ޓީމުން ކުރި މަސައްކަތުން ދުނިޔޭގެ އެކި ގައުމުތަކުން ލިޔުންތައް ހޯދައި އޮޑިޓަރުންނަށް ފޯރުކޮށްދޭން ޖެހުނެވެ.

"އަސްލު ޑޭ ޓުޑޭ. ރިކޯޑް ކީޕިން ވެސް ވަރަށް ފުރިހަމަ ވާން ޖެހޭ. ފުރަތަމަ ކަމަކަށް މިވާގޮތަކީ އަޅުގަނޑުމެން އިންވެސްޓްމަންޓެއް ގަނެފައި އޭތި ސިސްޓަމަކަށް ރިކޯޑު ކޮށްފަ އޭގެ ވެލުއޭޝަނެއް ހަދަން ޖެހޭ. ކޮންމެ ދުވަހަކު މެންބަރުންނަށް މެންބަރުންގެ ފައިދާ ބަލަން. މި ޕްރޮސެސް ވެސް މުޅިން އާ ކަމަށްވީ. މިއަށް މި ކިޔަނީ ޔުނިޓައިޒޭޝަން. މީގެ އިތުރުން އިންވެސްޓްކުރަން ބެލިއިރު އޭރު އޮތީ ޓީ-ބިލް. އެންމެ ބޮޑު ޗެލެންޖަކަށްވީ ޕެންޝަން ފައިސާ އިންވެސްޓް ކުރުން،" ހަލީމް ބުންޏެވެ.

ހަލީމް ދަނީ ފައިނޭންސް ދާއިރާ އިން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިީޓީގައި ކިޔަވައި ވެސް ދެއްވަމުންނެވެ. މިގޮތުން މި ދާއިރާގެ ބައެއް ކޯސްތައް ފަރުމާ ވެސް ކޮށްފައިވެ އެވެ. އަދި އެމްއެންޔޫގެ ފައިނޭންސް ކޮމިޝަނާއި ދިވެހި ރެޑްކްރެސެންޓުގެ ޓްރެޒަރާގެ ވަޒީފާ ވެސް އަދާ ކުރެ އެވެ.

ހަލީމް ބުނި ގޮތުގައި ޕެންޝަން އޮފީހަކީ ތަފާތު މަސައްކަތުގެ މާހައުލެކެވެ.

"ޕެންޝަން އޮފީހަކީ ވަރަށް ތަފާތު ތަނެއް. ވަރަށް ރަނގަޅު ޕްރޮފެޝަނަލް މާހައުލެއް އެއީ. މިތަނުން މި ބަލަހައްޓަނީ ގިނަ ބައެއްގެ ފިއުޗާގެ ބައެއް،" ހަލީމް ބުންޏެވެ.

ހަލީމް ބުނި ގޮތުގައި ޓީ-ބިލްގައި އިންވެސްޓްކުރި ދުވަހާއި ދިރާގު އައިޕީއޯގައި އިންވެސްޓް ކުރުމަކީ ފާހަގަ ކުރެވޭ ދުވަސް ތަކެވެ. އަދި އެންމެ ފާހަގަ ކުރެވޭ އަނެއް ދުވަސްތަކުގެ ތެރޭގައި ރިކޮގްނިޝަން ބޮންޑު ދޫކުރި ދުވަސް ހިމެނެއެވެ. އެކަމަށް ދަރުބާރުގޭގައި ބޭއްވި މި ހަރަކާތް ހަލީމު ފާހަގަ ކުރެ އެވެ.

"ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފެންވަރުގެ މީހުންނަށްއެކު މަސައްކަތް ކުރެވިއްޖެ. މި ދުވަސްތަކަކީ ވެސް ވަރަށް ފާހަގަ ކުރެވޭ ކަމެއް،" ހަލީމް ބުންޏެވެ.

ހަލީމް ދެކެން ބޭނުންވާ ދުވަހަކީ ޕެންޝަން ފަންޑު ފުޅާވެ، ގިނަ މަޝްރޫއުތަކުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ލިބުމެވެ. އެދުވަހަކީ ހަލީމް އެންމެ އުފާވާނެ ދުވަހުގެ ގޮތުގައި އޭނާ ދެކެ އެވެ.