ހަބަރު

ހެންވޭރު އުތުރުގެ އެމްޑީޕީ ކެންޑިޑޭޓް ސަރުކާރު ކެންޑިޑޭޓްއަށް ތާއީދު ކުރަން ނިންމައިފި

Apr 27, 2017
14

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ހެންވޭރު އުުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް، އެ ދާއިރާއަށް ކުރިމަތިލައްވާ ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

ޕީޕީއެމްގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓްގެ ކެމްޕޭން އިފްތިތާހު ކުރުމުގެ ގޮތުން މިހާރު ބާއްވަމުން އަންނަ ހާއްސަ ޖަލްސާގައި، އެމްޑީޕީގެ ފަރާތުން ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވަމުން އަންނަ، ހ.ސެމޯއާ ހަމްޒާ ހަސަން ވަނީ އެ ދާއިރާއަށް ކުރިމަތިލައްވާ ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓް ހ. އިސްފަހާން މުހައްމަދު ފިޝާވީން ސަލީމްއަށް ތާއީދު ކުރައްވައި އޭނާ އެންޑޯޒް ކުރައްވާކަން ހާމަ ކުރައްވައިފަ އެވެ. ފިޝާވީން އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޑީއާރުޕީގެ ކެންޑިޑޭޓެކެވެ. ކޯލިޝަން ޕާޓީ ޑީއާރުޕީ އިން ކެންޑިޑޭޓެއް ނެރެފައިވުމުން ޕީޕީއެމް އިން އެ ދާއިރާއަށް ވާދައެއް ނުކުރެ އެވެ.

އެމްޑީޕީ ފިޔަވައި އިދިކޮޅު ކޯލިޝަންގެ އެހެން ޕާޓީއަކުން ވެސް އަދި އަމިއްލަ ކެންޑިޑޭޓަކު ވެސް އެ ދާއިރާއަށް ކުރިމައްޗެއް ނުލައްވަ އެވެ.

އިންތިހާބުގެ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް އިން ރަސްމީކޮށް އިއުލާންކޮށްފައި އޮތުމުން އެމްޑީޕީގެ ކެންޑިޑޭޓް ހަމްޒާއަށް އޭނާގެ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތެއް ނުލިބޭނެ އެވެ. އެހެން ކަމުން އޭނާގެ ނަމަށް ވެސް ހަ ވަނަ ދުވަހުގެ އިންތިހާބުގައި ވޯޓް ނަގާނެ އެވެ.