ފިނިޕޭޖް

ފޭސްބުކަށް ފަހު ކެޓްރީނާ އިންސްޓަގްރާމަށް

Apr 28, 2017

މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އަކީ ކުރިން ސޯޝަލް މީޑިއާ އަށް ފިލައިގެން އުޅުނު ތަރިއެކެވެ. ނަމަވެސް ކެޓްރީނާ ވަނީ އޭނާގެ 33 ވަނަ އުފަންދުވަސް މިދިޔަ އަހަރުގެ ޖުލައި 16 ގައި ފާހަގަ ކުރުމުގެ ގޮތުން ފޭސްބުކްގައި އޭނާގެ ޕޭޖެއް ހަދައި، ފޭސްބުކްއާ ގުޅިފަ އެވެ.

ހީވާ ގޮތުން ސޯޝަލް މީޑިއާއާ ދުރުން އުޅުނު ކެޓްރީނާ ވެސް އެންމެފަހުން މިވަނީ މީގެ އަވައިގަ ޖެހިފަ އެވެ. އެގޮތުން އޭނާ މިހާރު މިވަނީ ފޮޓޯ ޝެއަރިން އެންމެ ބޮޑު ޕްލެޓްފޯމް، އިންސްޓަގްރާމާ ގުޅިފަ އެވެ. މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކެޓްރީނާ އިންސްޓަގްރާމާ ގުޅިފައިވާއިރު، އޭނާ އާންމުކުރި ފުރަތަމަ ފޮޓޯ އަކީ މޫދެއްގެ ކައިރީގައި ނަގާފައިވާ ފޮޓޯ އެކެވެ. އެ ފޮޓޯ އާއެކު ކެޓްރީނާ ވަނީ މިއީ މުޅިން އާ ފެށުމެެއް ކަމަށް ބުނެފަ އެވެ. ކެޓްރީނާ އިންސްޓަގްރާމާ ގުޅުނުއިރު އޭނާގެ އެކައުންޓް ވަނީ ވެރިފައިވެސް ކޮށްފަ އެވެ.

ކެޓްރީނާ އިންސްޓަގްރާމާ ގުޅުނުތާ 24 ގަޑިއިރު ނުވަނީސް އޭނާ ފޮލޯކުރާ މީހުންގެ އަދަދު މިވަނީ 714،000 އަށް އަރާފަ އެވެ. އޭނާ އަށް އިންސްޓަގްރާމަށް އެންމެ ފުރަތަމަ މަރުހަބާ ކިޔާފައިވަނީ ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާން އެވެ. އެ ދެ ތަރިންގެ ޝޫޓް ކުރަމުން އަންނަ ފިލްމު "ޓައިގާ ޒިންދާހޭ" ގެ ޝޫޓިންގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމަށް ލަމުން ސަލްމާން ވަނީ ކެޓްރީނާ އަށް މަރުހަބާ ކިޔާ ކަމަށް ބުނެފަ އެވެ.

ސަލްމާންގެ އިތުރުން ބަތަލާ އާލިއާ ބަޓް ވެސް ކެޓްރީނާ އިންސްޓަގްރާމާ ގުޅުމުން ކުރި ޕޯސްޓެއްގައި ވަނީ އެމީހުންގެ މަސައްކަތުން ކެޓްރީނާ އެންމެފަހުން އިންސްޓަގްރާމަށް ވެސް ގެނެވިއްޖެ ކަމަށް ލިޔެފަ އެވެ.

އިންސްޓަގްރާމާ ގުޅުމަށްފަހު މީޑިއާ ތަކަށް މައުލޫމާތު ދެމުން ކެޓްރީނާ ވަނީ އޭނާ އިންސްޓަގްރާމާ ގުޅޭތީ އިންސްޓަގްރާމްގެ އިންޓަނޭޝަނަލް ޓީމެއް އެމެރިކާއިން އިންޑިއާ އަށް އައިސް ކުޑަ އިވެންޓެއް އިއްޔެ ބާއްވަން ރާވާފައި އޮތް ކަމަށާއި ނަމަވެސް އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ކުރީގެ މަޝްހޫރު އެކްޓަރު ވިނޯދް ކަންނާ މަރުވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި އިވެންޓް ލަސްކޮށްފައިވާ ކަމަށް ބުނެފަ އެވެ.