ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕްގެ މޭޒު: ރަތަށް ފިތާލީމާ އަންނާނީ ކޯކް!

Apr 28, 2017

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް މަގާމަށް ވަޑައިގެންނެވުމުން ބައެއް މީހުން ކުރި އެއް ސުވާލަކީ އެ ފިތަކަށް ފިތައިލުމުން ނިއުކްލިއަ ހަމަލާ ދޭ ފަދަ ރަތް ފިތެއް އޭނާއަށް ފޯރުކޮށްދީފައިވާނެތޯ މި ސުވާލެވެ.

ބައެއް ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުން ޓްރަމްޕްގެ މޭޒުކޮޅުގައި ހަމަ ހަގީގަތުގައި ވެސް ރަތް ބަޓަނެއް ހުރެއެވެ. އެކަމަކު އެ ބަޓަނަށް ފިތައިލީމާ ދެނީ ނިއުކްލިއަ ހަމަލާއެއް ނޫނެވެ. ވަގުތުން ގެންނަނީ ކޯކް ފުޅި އެކެވެ. ރަތް ބަޓަނުގެ ހިދުމަތް ޓްރަމްޕަށް ލިބޭކަން ހާމަވީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް އޭނާ ދާދި ފަހުން ދެއްވި އިންޓަވިއުއެއް އެ އެޖެންސީން ޝާއިއު ކުރުމުންނެވެ.

އޭޕީގެ ރިޕޯޓްގައި ބުނެފައި ވަނީ އެތައް ޒަމާނެއް ކުރިއްސުރެ އެމެރިކާގެ ރައީސުން ބޭނުން ކުރައްވަމުން ވަޑައިގެންނެވި ރިޒޮލިއުޓް މޭޒުގައި ރަތް ފިތެއް ހުންނަ ކަމަށެވެ. އަދި އެ ފިތަށް ޓްރަމްޕް ފިއްތަވައިލެއްވުމުން ވައިޓް ހައުސްގެ ބަޓްލަރަކު ކޯކެއް ހިފައިގެން އަންނަ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެެއެވެ.

ކޮކާކޯލާގެ ބާރު ދައްކައިދޭ އެ ހަބަރު ސޯޝަލް މީޑިއާގައި ފެތުރުމުން އެކި މީހުން ފާޅުކޮށްފައި ވަނީ އެކި ޚިޔާލެވެ. އެކަކު ފާޅުކޮށްފައި ވަނީ ޓްރަމްޕަށް އޮޅިވަޑައިގެން ރަތް އެހެން ބަޓަނަކަށް ފިއްތަވައިލެެއްވިދާނެ ކަމުގެ ކަންބޮޑުވުމެވެ. ރައީސް ޓްރަމްޕަށް ގެންނަނީ ކޮން ކަހަލަ ކޯކެއްތޯ ވެސް އެކަކު ސުވާލު އުފައްދާފައި ވެއެވެ. އޭނާ ސުވާލުކޮށްފައި ވަނީ ޓްރަމްޕަށް ގެންނަނީ އާދައިގެ ކޯކްތޯ ނުވަތަ ޑައިޓްކޯކްތޯ އެވެ. ކޮމެންޓް ކުރި އެކަކު ވަނީ ޓްރަމްޕަށް ބޮޑު ތުހުމަތެއް ވެސް ކޮށްފައެވެ. އޭނާ ބުނެފައި ވަނީ "އެހެން ގޮތަކަށް ކަށަވަރު ނުވާހާ ހިނދަކު އަހަރެން ގަބޫލުކުރާނީ އެއީ ކޮކެއިން ކަމަށް" ކަމަށެވެ.

ކޯކް ގެންނަން ޓްރަމްޕްގެ މޭޒުގައި ހާއްސަ ބަޓެނެއް ހުރުމަކީ މީހުން ހައިރާން ވެދާނެ ކަމެކެވެ. އެކަމަކު ސިއްހަތަށް މާބޮޑު ފައިދާއެއް ނުކުރާ ތައްޔާރީ ކާނާ (ޖަންކް ފުޑް) އަށް ޓްރަމްޕް ލޯބި ކުރައްވާ މިންވަރަކީ މީހުން ހައިރާންވާނެ ކަމެއް ނޫނެވެ. ޕިއްޒާ ހަޓާއި މެކްޑޮނަލްޑްސް އާއި އޯރިއޯ ކުކީސްގެ އިޝްތިހާރުތަކުން ޓްރަމްޕް ވަނީ ކުރިން ފެނިފަ އެވެ. އެކަމަކު ކޯކް އާ އޭނާއާ ދެމެދު އޮންނަނީ ލޯތްބާއި ނަފުރަތާ ދެކަންތައް އެކުލެވޭ ގުޅުމެވެ. އޭނާ ގިނައިން ކޯކް ހިއްޕެވިޔަސް އެ ބުއިން ބޭނުން ކުރާ އެހެން މީހުންނަށް ފާޑުވިދާޅު ވެއެވެ.

"ހިކި މީހަކު ޑައިޓް ކޯކް ބޮނިކޮށް އަހަރެން ދުވަހަކުވެސް ނުދެކެން" 2012 ވަނަ އަހަރު ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ. ހަމަ އެހަރު ކުރެއްވި އެހެން ޓްވީޓެއްގައި އޭނާ ވިދާޅުވެފައި ވަނީ ކޯކްގެ އުފެއްދުންތަކަކީ "ކުނިބުނި" ކަމަށެވެ. އެކަމަކު މިދިޔަ އަހަރު އޭނާ ވަނީ ކޯކްގެ ރަނގަޅު އިޝްތިހާރެއް ހައްދަވާފަ އެވެ. އެގޮތުން އޭނާ ވަނީ މެކްޑޮނަލްޑްގެ ކެއުމަކާއެކު ޑައިޓް ކޯކަކަށް އޭނާ އިންސާފު ކުރައްވާ ފޮޓޯއެެއް އިންސްޓަގްރާމްގައި ހިއްސާކުރައްވާފަ އެވެ. - ހަފިންޓަން ޕޯސްޓް