ދުނިޔެ

ގާނޫނަށް ތަބާވުމަށް އިންޑިއާގެ ވިޔަފާރިވެރިން ކުންފުނީގެ ބޯޑަށް ނެގީ އަނބިން!

Apr 2, 2015

އިންޑިއާގެ ކޮންމެ ކުންފުންޏެއްގެ ބޯޑުގައި މަދުވެގެން އެންމެ އަންހެނަކު ހުންނަން ޖެހޭނެ ކަމަށް ބުނާ ގާނޫނަކަށް ތަބާވުމުގެ ގޮތުން ގިނަ ކުންފުނިތަކުގެ ވެރިން އެ މީހުންގެ އަނބިން ބޯޑުގައި ހިމަނައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ މެންދަމު 12 ޖެހުމާ އެކު ގާނޫނަށް އަމަލުކުރަން ފަށާފައި ވާއިރު ގާނޫނާ އެއްގޮތަށް ބޯޑުތައް ގިނަ ކުންފުނިތަކުގައި ހަމަޖެއްސީ ވަގުުތު ވަރަށް ކުޑަތަން ވެފައި ވަނިކޮށެވެ. ނަމަވެސް އިންޑިއާގެ އެންމެ ބޮޑު ދެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ 5000 އަށް ވުރެ ގިނަ ކުންފުނީގެ ތެރޭގައި މި ގާނޫނަށް އަމަލު ނުކުރި ކުންފުނިތައް ގިނަ އެވެ.

އިންޑިއާގެ ދެ ވަނަ އަށް އެންމެ މުއްސަނދި މީހާ ކަމަށްވާ، ބިލިއަނަރު މުކޭޝް އަންބާނީ ވެސް އޭނާގެ ކުންފުނި ރިލަޔަންސް އިންޑަސްޓްރީޒްގެ ބޯޑުގައި ހިމެނީ އޭނާގެ އަންހެނުން ނީތާ އެވެ. ފޭރާމުގެ ވިޔަފާރިކުރާ މަހުޖަނެއް ކަމަށްވާ، ރޭމަންޑް ގްރޫޕްގެ ވެރިޔާ ގުއަތަމް ސިންހާނިއާ ވެސް އޭނާގެ ކުންފުނީގެ ބޯޑަށް ކަނޑައެޅީ އަނބިމީހާ އެވެ.

ހިސާބުތައް ދައްކާ ގޮތުން ނެޝަނަލް ސްޓޮކް އެކްސްޗޭންޖާއި ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގައި، މިދިޔަ ހުކުރު ދުވަހާ ހަމަޔަށް 1819 ކުންފުންޏަކުން ގާނޫނާ އެއްގޮތަށް ބޯޑަށް އަންހެނުން ކަނޑައަޅާފައެއް ނުވެ އެވެ. މިއީ ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ގާތްގަނޑަކަށް ތިން ބައިކުޅަ އެއްބައެވެ.

ކޮންމެ ކުންފުންޏެއްގެ ބޯޑުގައި ވެސް މަދުވެގެން އެންމެ އަންހެނަކު ހުންނަން ޖެހޭނެ ކަމަށް ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ބޯޑުން ނިންމީ މީގެ 13 މަސް ދުވަސް ކުރިންނެވެ. ވިޔަފާރީގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް އެޅި މި ފިޔަވަޅަށް އަމަލުކުރަން ފަށަންޖެހޭ ގޮތަށް އޮތީ މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތު ފަހުން ވަނީ އިތުރު ކޮށްފަ އެވެ. --ބީބީސީ