ހަބަރު

މޮބައިލް ޓްރީގެ ނަސީބުވެރިޔާއަށް އައިފޯނެއް ދީފި

ޒިއޯންގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޮބައިލް ޓްރީގެ ފިހާރަ ހުޅުވައި އިސްތިހާރުކޮށްލުމަށް ހިންގި "ކޮމެންޓު އެންޑް ވިން އައިފޯން 7 ރެޑް" ޕްރޮމޯޝަންގައި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމް ހަވާލުކޮށްފި އެވެ. އެ ޕްރޮމޯޝަންގައި މޮބައިލް ޓްރީގެ ޕޯސްޓަށް ކޮމެންޓުކޮށް 3072 ލައިކްސް ހޯދައި، 128 ޖީބީގެ އައިފޯން 7 ރެޑެއް ކާމިޔާބުކޮށްފައި ވަނީ ފާތިމަތު އަމާނީ އެވެ.

"ކޮމެންޓު އެންޑް ވިން އައިފޯން 7 ރެޑް" ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތަކަށް އިނާމް ހަވާލު ކުރުމަށް ފަހު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ރަފިއުދީން ނަސީމް ވިދާޅުވީ މި ޕްރޮމޯޝަނަކީ މޮބައިލް ޓްރީ ހުޅުވާ ތާރަފް ކުރުމުގެ ގޮތުން ފޭސްބުކް މެދުވެރިކޮށް ހައެއް އޭޕްރިލް އިން ފެށިގެން 20 އޭޕްރިލްއާ ހަމަޔަށް ކުރިޔަށް ގެންދިޔަ ޕްރޮމޯޝަނެއް ކަމަށާއި އެކަމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

އައިފޯން ރެޑް ހޯދުމަށް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ގޮތުން މޮބައިލް ޓްރީގެ ފޭސްބުކް ޕޭޖަށް ލައިކުކޮށް އެ ޕޭޖު ޝެއާ ކުރަން ޖެހުނެވެ. އެއަށް ފަހު "މޮބައިލް ޓްރީ" ޖަހާފައި ކޮމެންޓުކޮށް އެ ކޮމެންޓަށް އެންމެ ގިނަ ލައިކްސް ހޯދާ ފަރާތަކަށް އައިފޯން 7 ރެޑް ލިބޭ ގޮތަށެވެ.

ރަފިއުދީން ވިދާޅުވި ގޮތުގައި މޮބައިލް ޓްރީގެ ޕްރޮމޯޝަން މެދުވެރިކޮށް އައިފޯން 7 ރެޑް ހޯދުމަށް 2500 އަށް ވުރެ ގިނަ މީހުން މަސައްކަތްކޮށްފައިވާ އިރު 10،000 އަށް ވުރެ ގިނަ ކޮމެންޓު އެ ޕޯސްޓަށް ލިބިފައިވާ ކަމަށެވެ.

"މިއީ މިހާތަނަށް މޮބައިލް ވިއްކާ ފިހާރައަކުން ފޭސްބުކްކޮށް މިފަދަ ޕްރޮމޯޝަނެއް ހިންގައިގެން އެންމެ ބޮޑު ތަރުހީބެއް ލިބުން ފަހަރު. ކޮމެންޓު ހޯދުމަށް އެތަށް ބަޔަކު ބުރަ މަސައްކަތްތަކެއް ކުރި. އެކަމަށް އަޅުގަނޑުމެން ޝުކުރުވެރިވަން. އަދި ކުރިޔަށް އޮތްތާގައި ވެސް މިފަދަ ޕްރޮމޯޝަންތައް ފެންނާނެ ވާހަކަ ދަންނަވަން،" ރަފިއުދީން ވިދާޅުވި އެވެ.

ޕްރޮމޯޝަން ފެށިގެން އައިއިރު މޮބައިލް ޓްރީއިން ރާވާފައިވާ ގޮތުގައި އިނާމް ލިބޭނީ އެންމެ ގިނަ ލައިކްސް ހޯދާ އެއް ފަރާތަކަށެވެ. ނަމަވެސް ވަރަށް ކައިރި އަދަދަކަށް ދެވަނައަށާއި ތިން ވަނައަށް ވެސް އެންމެ ގިނަ ލައިކްސް ހޯދާފައިވާ ކުދިން ހުރުމުން މޮބައިލް ޓްރީން ނިންމީ އެ ފަރާތްތަކަށް ވެސް ފޯނެއް ދިނުމަށެވެ.

އެގޮތުން ދެވަނައަށް އެންމެ ގިނަ ލައިކްސް ހޯދާފައި ވަނީ ޝައިބާން އިބްރާހިމް އެވެ. އެއީ އޭނާގެ ކޮމެންޓަށް 2502 ލައިކްސް އެވެ. އޭނާއަށް މޮބައިލް ޓްރީގެ ފަރާތުން ހުވާވޭގެ ފޯނެއް ލިބުނެވެ. އަދި ތިންވަނަ ގޮސްފައިވަނީ 1043 ލައިކްސްއާ އެކު އިބްރާހިމް ވާއިޒް މުހައްމަދެވެ. އޭނާއަށް ލިބުނީ ބްލެކް ވިއު ފޯނެކެވެ.

ޒިއޯން މޮބައިލްސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޮބައިލް ޓްރީއަކީ މޮޅެތި ބްރޭންޑުތަކުގެ ސްމާޓް ފޯނުތައް ވިއްކާ ކުންފުންޏެވެ. އޭގެ އިތުރުން ފޯނާ ބެހޭ އިތުރު ޕްރޮޑަކްޓުތައް ވިއްކަ އެވެ.